ޔޫކްރައިންގައި ކިޔަވަން ތިބި ދިވެހި ކުދިން އަނބުރާ ރާއްޖެއަށް އެހީތެރިކަމަށް އެދުމުން ސަރުކާރުން އެކަމަށް ދޭންޖެހޭ އިސްކަން ނުދެއްވުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށް ތ. ގުރައިދޫ ދާއިރާގެ މަޖިލީސް މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ހަނގުރާމައަކަށް ހިނގައިދާނޭ ކަމުގެ އަލިގަދަ ހެކިތައް ދިޔައީ ފެންނަމުން. މި ނުރައްކަލުގެ ތެރޭ ތިބި ދިވެހިކިޔަވާ ކުދިން އަނބުރާ ރާއްޖެއައުމަށް އެހީތެރިކަމަށް އެދުމުން ވެސް ސަރުކާރުން ދޭންޖެހޭ އިސްކަން ނުދިނުމުން ހިތާމަކުރަން،" ކަމުގައެވެ.

ރަޝީޔާއިން މިހާރުވަނީ ޔޫކްރެއިނަށް ހަމަލާ ދޭން ފަށައިފައެވެ. އެހެނަސް އަދިވެސް ރާއްޖެ ނާދެވިފައިތިބި ދިވެހިކުދީން އެ ގައުމުގައި އެބަތިއްބެވެ. ޣައްސާ ވިދާޅުވެފައިވަނީ "އެކުދިން ރާއްޖެ ގެންނަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ،" ކަމަށެވެ.

ރަޝިޔާއިން ޔޫކުރައިނާ ދެކޮޅަށް ހަނގުރާމަ ފަށާނޭ ކަމުގެ އިންޒާރާއެކު އެމެރިކާ އަދި ޔޫރަޕުގެ ގައުމުތަކުން ދިޔައީ ޔޫކްރައިންގައި ތިބި އެގައުމުތަކުގެ ރައްޔިތުން ވީހާ ވެސް އަވަހަކަށް ޔޫކްރައިނުން ފޭބުމަށް ގޮވާލަމުންނެވެ.

އެ ގައުމުގައި ތިބި ދިވެހިކުދިން ސަރުކާރުން ރާއްޖެއަށް ގެނެސްދިނުމަށް އެދި ނޮޅިވަރަމް ދާއިރާގެ މެމްބަރު އަބްދުﷲ ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގައި ވަކާލާތު ކުރައްވައިފައެވެ.

އެންމެފަހުން މިމަހުގެ 22 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ ޔޫކްރައިންގައި ތިބި ދިވެހި ކުދީން ވީހާވެސް އަވަހަކަށް ރާއްޖެ ގެނައުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވައިފައެވެ.

ފޮރިން މިނިސްޓްރީއާއި ހަޔަރއެޑިޔުކޭޝަން މިނިސްޓްރީން ގެންދަވަނީ އެމަސައްކަތް ކުރައްވަމުންނެވެ. އެ ގައުމުގައި އަދި ވެސް ވިއްސަކަށް ކުދިން އެބަތިބި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.