ދިވެހި މުޖުތަމަޢުގެ އާދަކާދައަކަށް ވެފައިވާނީ ތުއްތު އިރުއްސުރެ ދަރިން ތަރުބިއްޔަތު ކުރުމަކީ މަންމަގެ ޒިންމާއެއް ކަމުގައެވެ. ވޭތުވެދިޔަ ޒަމާންތަކުގައި މިގޮތަށް މިކަން އޮތީ ވަރަށް ގިނަ ސަބަބުތަކެއް އޮވެގެންކަމުގައި ދެކެމެވެ. އެއީ ކުރީޒަމާނުގައި އާންމުދަނި ހޯދުމަށް މަސައްކަތްކުރަނީ ބައްޕައެވެ. ގިނަވގުތު ގެއިން ބޭރުގައި ހޭދަކުރަނީވެސް ބައްޕައެވެ. އެހެންކަމުން ދަރިން ތަރުބިއްޔަތުކޮށް ގޭތެރޭގެ ކަންތައްތައް ބެލުމުގެ ޒިންމާ އޮންނަނީ މަންމާ އެޅިފައި އޮންނަނީ މަންމަގެ ކޮޑުގައެވެ.

ނަމަވެސް އެއީ މާޒީއެވެ. މިހާރު މަންމަވެސް އާންމުދަނީ ހޯދުމުގައި ބައްޕަ އާއި އެއްސަފެއްގައި ފައިތިލަ ސާބިތުކޮށްފިއެވެ. އެހެންކަމުން ދަރިންތަރުބިއްޔަތުކުރުމަކީ ދެ މީހުންގެ ޒިންމާއެއްކަމުގައި ބަލަން ޖެހެއެވެ. މަންމަ ވަޒީފާ އަދާނުކޮށް ގޭގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލިކަމުގައިވިޔަސް ވަޒިފާއަށް ދާ ބައްޕަވެސް ދަރިންގެ ކަންތައްތަކުގައި މަސްއޫލުވެ އުޅުމުން ދަރިންނަށް ރަނގަޅު އަޚުލާގެއް ލިބި ޢިލްމީ، ރޮނގުން ކާމިޔާބު ދަރިޔަކަށް ވުމަށް މަގުފަހިވެއެވެ. އެއީ ބައްޕައާއި ދަރިފުޅުގެ ގުޅުމަކީވެސް ވަރަށް މުހިންމު ގުޅުމަކަށް ވާތީއެވެ. ވަރަށްގިނަ ދިރާސާތަކުން ހާމަވާގޮތުގައި ތުއްތު އިރުއްސުރެ މަންމަ އާއި ބައްޕައާދެމީހުން ދަރިންނާއި ރަނަގަޅު ގުޅުމެއް ބޭއްވުމުން ކުދިން ކިޔެވުމާއި އަޚުލާގެއްގެ ހެޔޮ ބަދަލެއް ގެނެވެއެވެ.

ކުދިންނާއެކު ގާތް ގުޅުމެއް އުފައްދާނަމަ އެންމެ ތުއްތު އިރުއްސުރެ ދަރިންގެ ކަންތަކުގައި މަސްޢޫލުވާށެވެ. މަންމަ ނެޕީ ޖަހާއިރު ބައްޕަ އެހީތެރިވެ ދިނުމަކީ ގޯހެއް ނޫނެވެ. ދަރިފުޅު ނިދާހޭލާގަޑީ ރޯންފެށުމުން ނަގާ އުރާލާ ނާނާ ކިޔައި ކޮނޑުމަތީ ބާއްވާލާ މަސަލަސްކުރުމުން ބައްޕަގެ ލޯބި ކުޑައިރުއްސުރެ ދަރިފުޅު އިހުސާސް ކުރާނެއެވެ. އަދި ދަރިފުޅަށް ކާންދިނުމުގައި މަންމައަށް އެހީތެރިވެ ދިނުމުގެ އިތުރަށް އަމިއްލައަށްވެސް ދަރިފުޅަށް ކާންދީ ހެދުމަކީ ތުއްތު އިރުއްސުރެ ދަރިފުޅާއި ބައްޕަޔާ ދެމެދު އުފާވެރި،ލޯބި ގުޅުމެއް ދެމެހެއްޓޭނެ ކަންކަމެވެ. މިފަދަ ގުޅުމެއް ތުއްތު އިރުއްސުރެ ދަރިފުޅާއެކު ބޭއްވުމުން ބައްޕައަށްވެސް ހިތްހަމަޖެހުމާއި އުފާ ލިބޭނެއެވެ. ބޭރުތެރޭގައި ރައްޓެހިންނާއެކު ކޮފީ ބުއިމަށްވުރެ ތުއްތު ދަރިފުޅާއެކު ހޭދަކުރާ ވަގުތު ފައިދާ ބޮޑުވެފައި ހިތްހަމަޖެހުން ލިބޭނެކަން ކަށަވަރެވެ.

މީގެ އިތުރަށް ކުދިންނާއެކު ކުޅެ، ޓީވީ ބަލާ، ނިދާ އިރު ގާތުގައި އޮތުމާއި ވާހަކަ ކިޔައިދީ، ފިލާވަޅުތައް ބަލާ، ފިލާވަޅުތައް ދަސްކުރުމުގައި ބައްޕަގެ އެހީތެރިކަން ލިބުމަކީ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ލިބޭނެ ކަންކަމެވެ. ހަމަ އެހެންމެ ކުދިން ޝައުގުވެރިވާ ކަންތައް ބަލާ ބައްޕަމެން ކުޑައިރުގެ ކުދި ހާދިސާތައް ކިޔައިދީ ހެދުމަކީވެސް ދަރިފުޅާއި ބައްޕަ އާއި ދެމެދު ގާތް ގުޅުމެއް ދެމެހެއްޓޭނެ ކަންކަމެވެ.

ދަރިން ވަރަށް ބޮޑަށް މައިންބަފައިން ނަކަލު ކުރާނެއެވެ. ބައްޕަ ފަދަ ނުވަތަ މަންމަ ފަދަ މީހަކަށް ވުމަށް މަސައްކަތް ކުރާނެއެވެ. އެހެންކަމުން ބައްޕަ ކުޅޭ ކުޅިވަރުތަކާއި ސުކޫލުގައި ޙަރަކާތްތެރިވި ކަންތައްތައް ކިޔައިދީ ހެދުން ރަނގަޅެވެ. ސްކައުޓް ކެޑޭޓް ފަދަ ޙަރަކާތްތަކުގައި ބައިވެރިވެފައިވާނަމަ، އެކަން ރަމްޒުކޮށްދޭ ފޮތާއި ފޮޓޯފަދަ ތަކެތި ދެއްކިދާނެއެވެ. މިއީ ކުދިން ވަރަށް އުފާވެ އަދި ޝައުޤުވެރިވެސް ވާނެ ކަންތައްތަކެވެ.

ބައްޕަ އާއި ދަރިފުޅާއި ދެމެދު ގާތް ގުޅުމެއް އުފެއްދުމަށްޓަކައި ކެއްތެރިކަން އިސްކުރަންޖެހެއެވެ. ތިމާގެ އިހުސާސްތައް ފަދައިން ކުދިންގެ އިހުސާސްތައްވެސް ދެނެގަނެ އެކުދިންގެ މިޒާޖު ދެނެގެން ވާހަކަ ދެއްކުން ވަރަށް މުހިންމެވެ. މިގޮތަށް ރަނގަޅު ގުޅުމެއް ގާއިމު ވެއްޖެނަމަ، ބައްޕައަކީ ކުއްޖާގެ ގާތް ރަޙުމަތްތެރިއަކަށް ވެދެއެވެ. ދަރިފުޅުގެ ހިތާމައާއި އުފަލުގައި ބައިވެރިވެ، ކުއްޖާގެ އިހުސާސްތައް ކިޔައިދޭ މީހަކަށް ވުމުން ނޭދެވޭ ޢަމަލުތަކުން ކުއްޖާ ދުރުކުރެވޭނެއެވެ.

ދަރިފުޅާއި ބައްޕައާއި ދެމެދު ބޭއްވޭ ގާތް ގުޅުމުގެ ސަބަބުން ދިރިއުޅުމުގައި ކާމިޔާބުތައް ހޯދެއެވެ. މުޖުތަމަޢަށް ފައިދާހުރި ރަނގަޅު ކުއްޖަކަށް ވެއެވެ. އެހެންކަމުން ވަގުތު ހޯދައިގެންވެސް އެންމެ ތުއްތު އިރުއްސުރެ ދަރިންގެ ހުރިހާކަމެއްގައިވެސް މަންމައާއި އެކު ބައްޕަވެސް ބައިވެރި ވާށެވެ. ތިމާގެ ދަރިންނަކީ މުޖުތަމަޢަށް ފައިދާހުރި އަޚުލާޤު ރަނގަޅު ބަޔަކަށް ވާނީ އޭރުންނެވެ.