ޗައިނާއިން އަމިއްލައަށް އުފައްދާފައިވާ ސީ919ގެ މަތިން ދާބޯޓް ބާޒާރަށް ނެރުމަށް ޗައިނާއިން ވަނީ އަޒުމު ކަނޑައަޅާފައެވެ. ނަމަވެސް އެމެރިކާއިން ޗައިނާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް، ޖޯ ބައިޑަންގެ ވެރިކަމުގައިވެސް ހަމަ އެގޮތަށް ދަމަހައްޓާނެ ކަމަށް ބެލެވޭތީ، މި ބޯޓްގެ ސަލާމަތީ ކަންކަމާއި ޓެސްޓްތައް ފުރިހަމަ ކުރުމުގައި އިތުރު ލަސްތަނެއް އަންނާނެ ކަމަށް މުހައްލިލުން ދެކެއެވެ.
ޖޫން މަހުން ފެށިގެން ޗައިނާއިން ދަނީ ސީ 919ގެ ޓެސްޓް އުދުހުންތައް ބާއްވަމުންނެވެ. ޗައިނާއިން މަސައްކަތް ކުރަމުންދަނީ އެވިއޭޝަންގެ ދާއިރާގައި ދުނިޔޭގެ ލީޑަރަކަށް ވާށެވެ.
ޗައިނާއިން ސީ919 އުފެއްދުމަށް މަސައްކަތް ފެށީ 2008 ގައެވެ. މިއީ 160 ސީޓްގެ އެއަރބަސް އޭ320ގެ ސައިޒްގެ ބޯޓެކެވެ. މި ސައިޒަކީ ބެޖްޓް އެއަރލައިންތަކަށް މަގްބޫލު ސައިޒެކެވެ.
ޗައިނާ އިން ބުނާ ގޮތުގައި މިހާތަނަށް މި މަތިންދާބޯޓު އުފައްދާ ކޯމެކް ކުންފުންޏަށް 800 އޯޑަރު ވަނީ ލިބިފައެވެ. މިއިން ގިނަ އޯޑަރުތަކަކީ ޗައިނާގެ ކުންފުނިތަކުން ލިބިފައިވާ އޯޑަރުތަކެވެ.
ޗައިނާގެ ރައީސް 2015ގައި ފަށްޓަވައި ދެއްވި "މޭޑް އިން ޗައިނާ 2025" ގެ ޝިއާރްގެ ދަށުން ޗައިނާގެ އަމާޒަކީ، ފަސިންޖަރުން އުފުލާ މަތިންދާބޯޓްގެ 10 އިންސައްތަ ކުރިއަށް އޮތް ފަސް އަހަރު ތެރޭ ޗައިނާގައި އުފެއްދުމެވެ.
ޗައިނާގެ މިއަމާޒަށް ވާސިލުވުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބެލެވެއެވެ. އެއީ، ސީ919ގައި ބޭނުން ކޮށްފައިވާ ފިއުލް ކޮންޓްރޯލް ސިސްޓަމްއަކީ، އެމެރިކާގެ ޕަރކަރ ހަންނިފިން ކުންފުނީގެ އުފެއްދުމެކެވެ. އަދި މި މަތިންދާ ބޯޓުގެ ކަރަންޓް އުފައްދާ ސިސްޓަމަކީ އެމެރިކާގެ ރެއިތޮން ޓެކްނޮލޮޖީގެ އުފެއްދުމެކެވެ.
ސީ919ގެ އުފެއްދުމުގައި ހިމެނޭ، 39 އަސާސީ ބައިތައް ސަޕްލައި ކޮށްދެނީ ޗައިނާގެ އަމިއްލަ ކުންފުނިތަކުންނެވެ. އެއީ ގާތްގަނޑަކަށް 60 އިންސައްތައެވެ.
މި މަތިންދާބޯޓްގައި ބޭނުންކުރާ އެންމެ މުހިންމު ބައިކަމަށްވާ، އިންޖީނު ގަންނަނީ އެމެރިކާއިންނެވެ. ނަމަވެސް 2011 އިން ފެށިގެން ޗައިނާއިން ވަނީ އަމިއްލަ އިންޖީނެއް އުފެއްދުމަށް މަސައްކަތް ފަށާފައެވެ. މިއަހަރުގެ މިހާތަނަށް އައި އިރު، އަދިވެސް މި މަސައްކަތް ކާމިޔާބު ވުމާ ގާތަކަށްވެސް އާދެވިފައެއް ނުވެއެވެ.
އެމެރިކާއާއި ޗައިނާގެ ދެމެދުގެ ހޫނުވެގެން ދިޔަ ވިޔަފާރީގެ ހަނގުރާމައިގައި މަތިންދާ ބޯޓް އިންޖީން ޗައިނާއަށް ނުވިއްކުމަށް އެމެރިކާއިން ނިންމީ ފެބްރުއަރީ މަހުގައެވެ.
މީގެ އިތުރުން ކޮވިޑްގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ދިމާވި މައްސަލަތަކުން ޗައިނާގެ ކުންފުނިތަކުން ގަންނަން ވައުދުވި ބޯޓްތަކަށް ފައިސާ ދެއްކުމުގައިވެސް ދަތިތަކާ ކުރިމަތި ވެފައި ވެއެވެ.
ޗައިނާގެ މައި ތިން އެއަރލައިނަކަށް 50އާއި 60 އިންސައްތައިގެ ގެއްލުމާ ކުރިމަތިލާން ޖެހުނެވެ. ވައިގެ ދަތުރުފަތުރު މަދުވުމުގެ ސަބަބުން މަތިންދާ ބޯޓަށް އޮންނަ ޑިމާންޑްވެސް ދަށްވެފައި ވެއެވެ.