ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މަސައްކަތް ކުރަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު އަންނައިރު އެޕާޓީއަކީ އެންމެ މެމްބަރުން ގިނަ ޕާޓީތަކުގެ ތެރޭގައި ހިމެނެން ކަމަށް އެޕާޓީގެ ނާއިބު ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.
އަހުމަދު ސައުދު ވިދާޅުވީ އެޕާޓީގެ މެމްބަރުންގެ އަދަދު މިހާރު ވަނީ 20139 އަށް އަރައިފައި ކަމަށެވެ. އެ އަދަދަށް މީހުން ހަމަވެފައިވަނީ ކޮވިޑުގެ ނުރައްކާތެރި ހާލަތުގައި ވެސް ޕާޓީން ހިންގި ހިމޭން ކެންޕޭން ތަކުގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ހިމޭން ކެންޕޭން ތަކެއްވާނީ ހިންގާފައި. އޭގެ ނަތީޖާ މިފެނުނީ. އިރާދަކުރެއްވިއްޔާ ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން އަންނަ ހަފްތާގައި ތޮއްޑުއަށް ވެސް ދަތުރެއް ކުރުމަށްވަނީ ހަމަޖެހިފައި. މަސައްކަތް މިކުރަނީ ރިޔާސީ އިންތިޚާބު އަންނައިރު އެންމެ މެންބަރުންގިނަ ޕާޓީތަކުގެ ތެރޭގައި ޖޭޕީ ވެސް ހިމެނުން،" ސައުދު ވިދާޅުވިއެވެ.
މިހާރު 11 ޕާޓީއެއް އިލެކްޝަނުގައި ދަފްތަރު ކޮށްފައި ވެއެވެ.
ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކާއި މެންބަރުންގެ އަދަދު
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)
- މެންބަރުން ތިބި އަދަދު: 54782
ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ)
- މެންބަރުން ތިބި އަދަދު: 2280
ޢަދާލަތު ޕާޓީ (އޭ.ޕީ)
- މެންބަރުން ތިބި އަދަދު: 10589
ޖުމްހޫރީ ޕާޓީ (ޖޭ.ޕީ)
- މެންބަރުން ތިބި އަދަދު: 20139
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)
- މެންބަރުން ތިބި އަދަދު: 34368
މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް.ޑީ.އޭ)
- މެންބަރުން ތިބި އަދަދު: 6769
މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ)
- މެންބަރުން ތިބި އަދަދު: 2489
މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމް.އެލް. އެސް.ޑީ.ޕީ)
- މެންބަރުން ތިބި އަދަދު: 2725
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)
- މެންބަރުން ތިބި އަދަދު: 3477
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް)
- މެންބަރުން ތިބި އަދަދު: - 2302
މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމް. އެން. ޕީ)
- މެންބަރުން ތިބި އަދަދު: 8432