ހަނގުރާމައިގެ ސަބުން ރާއްޖެއަށް ނާދެވި ޔޫކްރެއިންގައި ތާށިވެފައިތިބި 21 ދަރިވަރުންގެ ތެރެއިން 15 ދިވެއްސަކު ހަންގޭރީ މަގުން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ ޔޫކްރެއިންގެ ހުޅަނގުގައި އޮންނަ އިވަނޯ ގައި ތިބި 15 ދިވެއްސަކު އެއްގަމު މަގުން ހަންގޭރީ އަށް ގެންގޮސް، ދިވެހިރާއްޖެއަށް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ. "ދަރިވަރުން މިހާރު ދަތުރުކުރަމުން ދަނީ ޔޫކްރެއިން-ހަންގޭރީ ސަރަހައްދީ ރޮނގު ކައިރިއަށް،" މިނިސްޓްރީން ވިދާޅުވިއެވެ.

ރެއިން ފެށިގެން ފޮރިން މިނިސްޓްރީއާއި ބަރލިންގައި ހުންނަ ދިވެހި އެމްބަސީއިން ދަނީ ހަންގޭރީ ސަރުކާރާއެކު، ދިވެހިން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް މަސައްކަތްކުރަމުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ހަރްކީވްގައި ތިބި ދިވެހިންނާއި، ނިޕްރޯގައި ހުރި ދަރިވަރުވެސް މިމަގުން ގެނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. "ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު،" ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އެގައުމުގެ ދުރު ހިސާބުތަކުގައި ތިބި 6 ދަރިވަރަކު ވެސް ބޯޑަރ ސަރަހައްދަށް ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އެ ގައުމުގައިތިބި ކުދީންގެ ތެރެއިން 31 ދަރިވަރަކު މިހާރު ވަނީ ރާއްޖެ ގެނެވިފައެވެ. އެ ދަރިވަރުން ރާއްޖެއަށް ގެންނަނީ ދިވެހި ސަރުކާރުގެ ޚަރަދުގައެވެ. "އެހެންނަމަވެސް ބައެއް ކުދީން ވަނީ އެމީހުން އަމިއްލަ ޚަރަދުގައި ޓިކެޓު ނަގައިފައި. އެމީހުން ރާއްޖެއަށް އާދެވުމުން އެ ފައިސާ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން އެ މީހުންނަށް ދެއްވާނެ،" ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.