ރަޝިޔާގެ އެސްޓީ ޕީޓަސްބާގުގައި މިއަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު ކުޅުމަށް ތާވަލު ކުރެވިފައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗް ފްރާންސްގައި ކުޅޭ ގޮތަށް ޔުއެފާއިން ނިންމައިފިއެވެ.

ޔުއެފާއިން މިގޮތަށް ނިންމީ ރަޝިޔާއިން މިވަގުތު ޔޫކްރައިންއާ ދެކޮޅަށް ހަނގަރުމާއެއް ފަށާފައިވުމާއެކު މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗް ރަޝިޔާގައި ކުޅުމަކީ ރައްކާތެރި ކަމަކަށް ނުވާނެތީއެވެ.

ޗެމްޕިއަންސް ލީގް ފައިނަލް މެޗް ކުޅުމަށް ޔުއެފާއިން ހަމަޖައްސާފައިވާ ފްރާންސްގެ މަޝްހޫރު ސްޓޭޑި ޑި ފްރާންސް ސްޓޭޑިއަމްއަކީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް މެޗްވެސް ކުޅުނު ސްޓޭޑިއަމެވެ. 80،000 މީހުންގެ ޖާގައިގެ މިސްޓޭޑިއަމްއަކީ ޔޫރަޕަށް ބަލާއިރު 7 ވަނައަށް އެންމެ ބޮޑު ސްޓޭޑިއަމްއެވެ.

ފްރާންސް ގައުމީ ޓީމުން ރަސްމީ ސްޓޭޑިއަމްގެ ގޮތުގައި ބޭނުން ކުރާ ސްޓޭޑި ޑި ފްރާންސަކީ އެގައުމަށް ވަރަށް ކާމިޔާބު ސްޓޭޑިއަމްއެކެވެ. 1998 ވަަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ބްރެޒިލް 3-0 އިން ބަލިކޮށް ފްރާންސުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ މިދަނޑުގައެވެ. އެކަމަކު ޔޫރޯ 2016 ގައި ޕޯޗުގަލް އަތުން މިދަނޑުގައި ފްރާންސްވީ ބައްޔެވެ.

ޗެމްޕިއަންސް ލީގް ފައިނަލް މެޗް ފްރާންސަށް ބަދަލު ކުރުމުން އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބޭނީ މިހާރު ޔޫރަޕުގެ ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި އޮތް ޕީއެސްޖީއަށެވެ. މުބާރާތުގެ ފެވަރީޓުންގެ ތެރޭގައި ހިމެނޭ ޕީއެސްޖީން ވަނީ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި މީގެ ދެހަފްތާ ކުރިން އަމިއްލަ ދަނޑުގައި 1-0 އިން މަޝްހޫރު ރެއާލް މެޑްރިޑް ބަލިކޮށްފައެވެ. މިދެޓީމު ބައްދަލު ކުރާ ދެވަނަ ލެގް މިފެށޭ މާޗް 10 ވަނަ ދުވަހު ކުޅޭނެއެވެ.