އިނގިރޭސި ޕްރިމިއަރ ލީގުގެ ތާރިހުގައި މިހާތަނަށް ފެނުނު އެންމެ ވަރުގަދަ "ޕާޓްނަސިޕް" ގެ ޝަރަފް ޓޮޓެންހަމްގެ ދެފޯވާޑުން ކަމުގައިވާ ސޮން ހިއުންގ މިން އާއި ހެރީކޭން އަށް ލިބިއްޖެއެވެ.

މިދެކުޅުންތެރިންނަށް މިޝަރަފް ލިބުނީ ލީގުގައި އިއްޔެ ހަވީރު ލީޑްސް އަތުން ޓޮޓެންހަމް 4-0 އިން މޮޅުވި މެޗުގައި ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތަކުން ސޮން ކާމިޔާބު ކުރި ލަނޑުންނެވެ. މިލަނޑާއެކު މިދެކުޅުންތެރިންގެ ޕާޓްނަޝިޕުން ކާމިޔާބު ކުރި ލަނޑުގެ އަދަދު 37 އަށް އެރީއެވެ. ކުރިން މިރެކޯޑް އޮތީ 36 ލަނޑު ކާމިޔާބު ކޮށްގެން ޗެލްސީގެ ދެކުޅުންތެރިން ކަމުގައިވާ ފްރޭންކް ލަމްޕާޑާއި ޑިޑިއެ ޑްރޮގްބާ އަތުގައެވެ.

ރެކޯޑް ހެދުމަށްފަހު ސޮން އާއި ކޭން ބުނީ މިއީ ވަރަށް ހާއްސަ ޝަރަފެއް ކަމަށް ދެކޭ ކަމަށެވެ. "ވަރަށް އުފާވެފައި މިތިބީ. މިއީ ވަރަށް ހާއްސަ ޝަރަފެއް" ލީޑްސް މެޗަށްފަހު މީޑިޔާއާ ވާހަކަ ދައްކަމުން ކޭން އާއި ސޮން ބުންޏެވެ.

ސޮން އާއި ކޭންގެ ޕާޓްނަޝިޕް ޓޮޓެންހަމްގައި ފެށުނީ 2015 ވަނަ އަހަރު ބަޔާ ލެވަކޫސަން ދޫކޮށް ޓޮޓެންހަމްއާ ސޮން ގުޅުނު ހިސާބުންނެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި މިދެކުޅުންތެރިން ހޯދި ކުރިއެރުންތަކާއެކު ޗެމްޕިއަންސް ލީގް ފައިނަލުންވެސް ޓޮޓެންހަމް ޖާގަ ހޯދިއެވެ.

ޕްރިމިއަރ ލީގުގެ ތާރިހުގައި މިހާތަނަށް ފެނިފައިވާ އެންމެ ވަރުގަދަ ޕާޓްނަޝިޕް ތަކުގެ ތެރޭގައި ދެން ހިމެނެނީ އާސެނަލްގެ ރަން ދުވަސްވަރު ފެނުނު ތިއޮރ އޮންރީ އާއި ރޮބާޓް ޕިރޭސް (29 ލަނޑު) ، މެންޗެސްޓަރ ސިޓީ ޕްރިމިއަރ ލީގުގެ ބާރަކަށް ވެގެން އައިރު ފެނުނު އެންމެ ނުރައްކާތެރި ޕާޓްނަޝިޕް ކަމުގައިވާ ސާޖިއޯ އަގުއޭރޯ އާއި ޑޭވިޑް ސިލްވާ (29 ލަނޑު) އެވެ.