ރާއްޖޭގެ ސިއްޙީ ތަފާސްހިސާބުތައް ދެނެގަތުމަށްޓަކައި އެކުލަވާލެވިފައިވާ "މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް 2020" އާންމުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، މި ފޮތް އާއްމުކޮށްދެއްވީ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތްފީއެވެ.

މި ފޮތް ޝާއިރު ކުރުމުގެ މައިގަނޑު މަގުސަދަކީ ސިއްޙަތާއި ސިއްޙީ ނިޒާމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުކާއި ތަފާސްހިސާބު އެއް ފޮތަކުން ފަސޭހަކަމާއިއެކު އާންމުންނާއި ހަމައަށް ފޯރުކޮށްދިނުމެވެ. މި ފޮތުގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައިވިހާ، މަރުވާ މީހުންގެ މައުލޫމާތާއި، ތަފާތު ބަލިތަކުގެ މައުލޫމާތުގެ އިތުރުން، ރާއްޖޭގެސިއްޙީ ނިޒާމާއި އާންމު ސިއްޙަތާއި ބެހޭ މުހިންމު ތަފާސްހިސާބުތައް ހިމެނިފައިވެއެވެ.އަދި ކޮވިޑް-19ގެ ތަފާސްހިސާބުތައް ހިމެނޭ ޗެޕްޓަރއެއް ފޮތުގައި ހިމެނިފައިވާނެއެވެ.

މި ފޮތުގައި އެކުލެވޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ 40 ޕަސެންޓް ޑޮކްޓަރުންނަކީ ސްޕެޝަލިސްޓް ޑޮކްޓަރުންނެވެ. އަދި ނަރުހުންގެ ތެރެއިން 59 ޕަސެންޓް ނަރުހުންނަކީ ދިވެހިންނެވެ.

ފޮތުގައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރު 50 ޕަސެންޓަށްވުރެ ގިނަ އަންހެނުން ވިހާފައިވަނީ ސިޒޭރިއަން ހަދައިގެންނެވެ. އެޑްމިޓްކުރެވިގެން ފަރުވާދެވިފައިވާ 35 ޕަސެންޓް މީހުންނަކީ ގައިންގަޔަށް ނާރާބަލި ތަކުގައި ފަރުވާހޯދާފައިވާ މީހުންނެވެ. އަދި 2020 ވަނަ އަހަރު މުޅި ދުނިޔޭގައިވެސް ހަލުވިކަމާއެކު ފެތުރެމުންދިޔަ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރައްޖެއިން 13000 އަށްވުރެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައިވެއެވެ.

މި ހޯދުންތަކުގެ އަލީގައި ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މުހިއްމު ސިޔާސަތުތައް ކަނޑައެޅުމަށް މަގުފަހި ވެގެންދާނެއެވެ. އަދި ސިއްޙީ ޕްރޮގްރާމްތައް ރޭވުމަށާއި ސިއްޙީ ކަންކަން ރަގަޅު ކުރުމަށް އެޅޭނެ ފިޔަވަޅުތައް ހަރުދަނާކުރުމަށްވެސް އެހީތެރިކަން ލިބިގެންދާނެއެވެ.