މިހާރުގެ އަވަދިނެތި ދިރިއުޅުމަގައި ވަރަށް ގިނަމީހުން ހެނދުނުގެ ނާސްތާ ދޫކޮށްލައެވެ. އެހެންނަމަވެސް ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިންމު ކެއުމެވެ.
ހެނދުނު ނާސްތާ ކުރާ މީހުން އެ ނާސްތާ ދޫކޮށްލާ މީހުނަށްވުރެ، ދުޅަހެޔޮ ސިއްޙަތެއް ގައި ދެމިހުރެއެވެ. ގިނަ ދިރާސާތަކުން ހާމަވާގޮތުގައި ހެނދުނުގެ ނާސްތާގެ ސަބަބުން ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދެއެވެ. އެގޮތުން ހަނދާންގަދަކޮށްދިނުމާއި "އެލްޑީއެލް" ކޮލޮސްޓްރޯލް (ރަނގަޅުނޫން ކޮލްލަސްޓްރޯލް) ދައްކޮށްދެއެވެ. އަދި ހިތުގެބަލިތަކާއި ހަކުރުބަލި، ބަރުދަންއިތުރުވުން ފަދަ ކަންކަމުން ދުރުކޮށްދެއެވެ.
ހެނދުނު ހޭލާއިރު ހަށިގަނޑުގެ ހަކުރުގެބައި ހުންނާނީ ދަށްވެފައެވެ. އެހެންނަމަވެސް ސިކުނޑިއާއި ހަށިގަނޑުގެ ޙަރަކާތްތަކަށް އެބައި ބޭނުންވެއެވެ. އެހެންކަމުން މަސައްކަތް ފެށުމުގެކުރިން ހެނދުނު ސައިބޯންޖެހެއެވެ. އެހެންނޫނަމަ، ވަރުބަލިވުމާއި މަސައްކަތްތައް ބޭނުންވާ ބާރުމިނުގައި ކުރިއަށް ނުދިއުންފަދަ މައްސަލަތައް ދިމާވެއެވެ. ޚާއްޞަކޮށް ކިޔަވާކުދިންގެ ވިސްނުމަށް ވަރަށްބޮޑަށް އަސަރުފޯރައެވެ. ހަކަތަ ދައްވެ، ސިކުނޑީގެ މަސައްކަތް ލަސްވެ، ކިޔެވުމަށް ފޫހިވެއެވެ.
ބައެއްމީހުން ބަރުދަން ލުއިކުރުމަށް ހެނދުނުގެ ނާސްތަ ދޫކޮށްލައެވެ. ނަމަވެސް މިކަމުގެސަބަބުން ހަށިގަނޑު ލުއިވުމުގެ ބަދަލުގައި ބަރުދަން އިތުރުވެއެވެ. ފަހުގެ ދިރާސާއަކުން ހާމަވިގޮތުގައި ގަވައިދުން ހެނދުނު ސައިބޯމީހުން، ހެނދުނުސައި ނުބޯމީހުނަށްވުރެ ހިކިކޮށް ތިބެއެވެ. އެއީ ހެނދުނު ޕްރޮޓީންސްއާއި ފައިބަރ ހުންނަ ކާނާ ކެއުމުން އެދުވަހު ބަނޑުހައިކަން ފިލުވައިދެއެވެ. އެހެންކަމުން އެދުވަހު ހަށިގަނޑަށް ގެއްލުންވާ ބާވަތްތަކުގެ ކެއުންތަކުން ދުރުވެއެވެ.
ހެދުނުގެ ސައިގައި ވިޓަމިންސް އާއި ނިއުޓިރިއަންޓްސް ލިބޭނޭ ބާވަތްތަކުގެ ކާނާ ހިމެނުން މުހިންމެވެ. މިފަދަ ބާވަތްތަކުގެތެރޭގައި ކިރާއި ގޮދަނުގެބާވަތްތައް އަދި މޭވާ ހިމެނެއެވެ. މިބައިވަތައް ނާސްތާގައި ނުހިމެނޭނަމަ، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިއުޓިރިއަންޓްސް ނުލިބޭނެއެވެ.
ކިތަންމެ އަވަދިނެތި ދިރިއުޅުނުކަމުގައިވިޔަސް ހެނދުނުސައިބޯން ވަގުތު ހޯދަންޖެހެއެވެ. އެއީ ތިމާގެ ދުވަހުގެ ހުރިހާކަމެއް ފުރިހަމަގޮތުގައި ކުރުމަށްޓަކައެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށްޓަކައެވެ. އަދި ހެނދުނުގެ ނާސްތާގައި ހަށިގަނޑަށް ބޭނުންވާ ވިޓަމިންސާއާއި ނިޔުޓްރިއަންޓްސް ހިމެނުމަށްވެސް ސަމާލުކަން ދޭންޖެހެއެވެ. އެއީ ދުވަހުގެ އެންމެ މުހިންމު ކެއުމަކީ ހެނދުނުގެ ނާސްތާކަމަށް ވާތީއެވެ.
މައުލޫމާތު: ހެލްތްލައިން ޑޮޓްކޮމް