ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަނެެއްކާ ވެސް އިތުރު ކޮށްފި އެވެ.

މިފަހަރު މުއްދަތު އިތުރު ކޮށްފައި ވަނީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ މި މުއްދަތު އިތުރުކުރި 24 ވަނަ ފަހަރެވެ.ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ސޮއި ކުރައްވާ ނެރުއްވާފައިވާ ގަރާރުގައި ވިދާޅުވެފައި ވަނީ ކޮވިޑް-19 އަދިވެސް އިތުރަށް ފެތުރުމުގެ ނުރައްކާ އޮތް ހިނދު އަދި ރާއްޖޭގައި ވެސް ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމާއެކު މާޗް 12، 2020 ގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަދިވެސް ދެމި އޮތް ކަަމަށެވެ.އަދި އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތަށާއި ރައްކާތެރިިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރޭ ކަމަށް ލަފާ ދެއްވާފައިވާތީ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.މި ގަރާރުގައި މިނިސްޓަރު ނަސީމް ވަނީ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދިއުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާފަ އެވެ. ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރި އިރު ކުރިއާ ބަލާއިރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އުފުލިފައެވެ.