ރާއްޖެއަށް އެތެރެކުރާ ތެޔޮ ރާއްޖޭގައި ޓެސްޓުކޮށް، އޭގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް ގާއިމްކުރުމަށްޓަކައި އެސްޓީއޯއިން ފިއުލް ޓެސްޓިންގް ލެބޯރަޓަރީއެއް ހުޅުވައިފިއެވެ. ލެބޯރަޓަރީ ހުޅުވާފައިވަނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައެވެ. މި ލެބޯޓްރީ އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ޗެއާރމަން ހާމިދު ނަޝީދު މުހައްމަދާއި ބޯޑް މެންބަރ އައިމިނަތު ރުޝްމާއެވެ.
ޕްރޮޑަކްޓް ޓެސްޓިންގްގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ޖީއީއޯ ކެމް މިޑްލްއީސްޓް ކުންފުނިން އޮޕަރޭޓް ކުރާ ގޮތައް އެސްޓީއޯއިން ހުޅުވި މިލެބޯޓްރީގެ ސަބަބުން ރާއްޖެ އެތެރެކުރެވޭ ތެޔޮ ވަގުތުން ޓެސްޓުކުރުމަށް މަގުފަހިވެގެންދާނެއެވެ. ޓެސްޓުތައް މިހާރު ކުރަނީ ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެންނެވެ. އެސްޓީއޯއިން މި ލެބޯރަޓަރީ ހުޅުވުމުން ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ޓެސްޓުކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. ޚާއްސަގޮތެއްގައި އޭވިއޭޝަން ދާއިރާގައި ބޭނުންކުރާ ޖެޓް ފިއުލް ޝިޕްމަންޓް ރާއްޖެ ގެންނަ ކޮންމެ ފަހަރަކު ރި-ޓެސްޓުކުރުމަށްޓަކައި، ރާއްޖެއިން ބޭރަށް ސާމްޕަލްތައް ފޮނުވުން ނިމުމަކަށް ގެނެވޭނެއެވެ. ކޮލިޓީ ޓެސްޓިންގައި އިންޑިޕެންޑެންސީ އަދި ކްރެޑިބިލިޓީ ހިފެހެއްޓުމަށްޓަކައި އެސްޓީއޯއިން ހަރަދުކޮށްގެން ހުޅުވާފައިވާ މިލެބޯޓްރީ މެނޭޖްކޮށް، ޓެސްޓް ސެޓްފިކެޓްތައް ދޫކުރާނީ ސީދާ ޖިއޯކެމް މިޑްލް އީސްޓްގެ ފަރާތުން ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއްވިއެވެ.
މީގެ އިތުރުން، މިލެބޯޓަރީއިން ރާއްޖެ އެތެރެކުރާ ޕެޓްރޯލް އާއި ޑީސަލްގެ ކީ ޕެރަމީޓަރސްތަށް ވެސް ޓެސްޓްކުރެވޭނެއެވެ.
މި ލެބޯޓަރީ ހުޅުވުމާ އެކު، ޖީ.ސީ.ސީ އެކްރެޑިޓޭޝަން ސެންޓަރ (ޖީ.އޭ.ސީ) އިން މި ލެބޯޓަރީ އަށް އައި.އެސް.އޯ އަދި އައި.އީ.ސީ 17025:2017 އެކްރެޑިޓޭޝަން ލިބިގެންދާނެ އެވެ. އެހެންކަމުން މި ލެބޯޓްރީ ވެގެންދާނީ ރާއްޖޭގައި ހުޅުވޭ ދުނިޔޭގެ ފެންވަރުގައި ތެޔޮ ޓެސްޓް ކުރާ ތަނެއްކަމަށާއި މި ލެބޯޓަރީ އިން ދޫކުރާ ޓެސްޓް ސެޓްފިކެޓް ދުނިޔޭގެ ކޮންމެ ތަނަކުންވެސް ބަލައިގަންނާނެ ކަމަށް އެސް.ޓީ.އޯ އިން މައުލޫމާތު ދެއްވިއެވެ
މިފަދަ ލެބޯޓަރީއެއް އެސްޓީއޯ އިން ހަރަދުކޮށްގެން ރާއްޖޭގައި ހުޅުވުމަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށް ވެސް އެސްޓީއޯއިން ވިދާޅުވިއެވެ.