ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ކުރިން ހުންނެވި ޙަސަން މުޣުނީ އެމަގާމުން ވަކިކުރައްވައި އިލެކްޝަންސް ކޮމިޝން (އީސީ) ގެ ކުރީގެ މެމްބަރ އަދި ރައީސް އަޙުމަދު ޝަރީފް އާދަމު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ (އެމްޑީ) ކަމަށް އައްޔަން ކުރައްވައިފިއެވެ. އޭނާ މި މަަގާމަށް އައްޔަން ކުރެއްވީ މިއަދުއެވެ.

ޝަރީފް އީސީގައި ހުންނެވި ދުވަސްވަރު ވެސް އެމަގާމުން އިސްތިއުފާ ދެއްވުމަށްފަހު ސަރުކާރު ކުންފުންޏެއްގެ ވަޒީފާއަކަށް ވަޑައިގަންނަވަން އުުއްވާ ޚަރަބަރު ފެތުރުނެެވެ. އޭރު ޝަރީފް ވިދާޅުވެފައިވަނީ އިސްތިއުފާ ދެއްވުމަށްފަހު ބޭނުންފުޅުވަނީ ދެންވެސް ރައްޔިތުުންނަށް ޚިދުމަތް ކޮށްދެއްވުމަށް ކަމަށެވެ. އެދުވަސްވަރު އޭނާ ވަޑައިގަންނަވާނީ ފެނަކައަށް ކަމަށް ވެސް ވާހަކަ ދެކެވުނެވެ. ސްޓެކޯއަށް އައްޔަން މިކުރެއްވީ އެވާހަކަ ވެސް ދެކެވޭތާ ލައްކަ ދުވަސްތަކަށް ފަހުގައެވެ.

ޝަރީފަކީ ކުރީން ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ބޭފުޅެކެވެ. ރައީސް ޔާމީނާއި ޝަރީފާ މައްސަލަ ޖެހެންފެށުނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައެވެ. އެ ދުވަސްވަރު ޝަރީފާ ބެހޭ ގޮތުން ތަފާތު އަޑުތައް ވަނީ ފެތުރިފައެވެ. އެފަދަ އަޑު ފެތުރުފައިވަނިކޮށް އެމްޑީޕީ ސަރުކާރެއްގައި ސަރުކާރުގެ އޭ ގިންތީގެ ކުންފުންޏެއްގެ އެމްޑީއަކަށް ޝަރީފް މިވަނީ އައްޔަން ކުރައްވާފައެވެ.

ޝަރީފް ރަސްމީކޮށް އޮފީހަށް ނުކުމެ ވަޑައިގަންނަވާނީ މާދަމާއެވެ. އޭގެ ކުރީން އޭނާ ވަނީ ސްޓެލްކޯގެ އިސްމުވައްޒަފުންނާ ބައްދަލު ކުރައްވައިފައެވެ. ޝަރީފަކީ ބައެއް ސްކޫލްތަކުގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް ކަމާއި އެޑިޔުކޭޝަންގެ ޑެޕިޔުޓީ މިނިސްޓަރު ކަމާއި، އަތޮޅުވެރިކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމާއި، އިލެކްޝަންސް ކޮމިޝަންގެ އެސްޖީ ކަމާއި އެތަނުގެ މެމްބަރު ކަމާއި ރައީސްކަމާއި ފެނަކަ ކޯޕަރޭޝަންގެ އެމްޑީކަން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

ސަރުކާރުގެ އިތުރު ކުންފުނިތަކުގެ އެމްޑީން ވެސް ބަދަލު ކުރުމަށް ރައީސް އޮފީހުން ވަނީ ނިންމަވާފައެވެ.