ގިނަމީހުނަށް ޤަބޫލުކުރެވިފައި އޮންނަނީ ތަޢުރީފު އަޑުއަހަންބޭނުންވަނީ އަންހެނުން ކަމަށެވެ. އެހެންނަމަވެސް ފިރިހެނުންވެސް ތަޢުރީފުގެ ބަސް އަޑުއަހަން ބޭނުންވެއެވެ. އެމީހުނަށްވެސް ތަޢުރީފުކުރުމުން އުފަލާއި ހިތްހަމަޖެހުން ލިބެއެވެ. ޙާއްޞަކޮށް ލޯބިވާމީހަކު ތަޢުރީފުގެ ބަހެއް ބުނުމުން ހިތަށް އުފާވެރިކަމާއި ހަމަޖެހުން ގެނެސްދެއެވެ. އެހެނަސް ފިރިހެނުން އަހަންބޭނުންވާ ތަޢުރީފުގެބަސް އަންހެނުންނާއި ތަފާތުވެދާނެއެވެ.
ތިރީގައިމިވަނީ މީސްމީޑިއާގެ ޒަރިއްޔާއިން ފިރިހެނުންގެފަރާތުން ހޯދާފައިވާ މައުލޫމާތުގެ އަލީގައި އެމީހުން ބޭނުންވާ ބައެއްކަހަލަ ތަޢުރީފުގެ ބަހެވެ.
* އިތުބާރުކުރާކަން ހާމަކުރުން
ތިބާގެ ބައިވެރިޔާ އެންމެ ހިތްހަމަޖެހޭނީ އޭނާއަށް އިތުބާރުކުރާކަން އެންގުމުންނެވެ. ތިބާ އޭނައަށް އިތުބާރުކުރާކަން ބަހުންނާއި ޢަމަލުން ދެއްކުމުން އޭނާ ވަރަށް އުފާވާނެއެވެ. ފިރިހެނުންނަކީ އެމީހުންގެ އުފާތަކާއި ހިތާމަތައް އަންހެނުންހެން ފާޅުކަންބޮޑުކޮށް އަންގާބައެއްނޫނެވެ. އެހެންނަމަވެސް ތިބާ އޭނާއަށް އިތުބާރުކުރާކަމަށް ބުނެލުމުން ހިނިތުންވެލިޔަސް އެ ބުނުމުގެސަބަބުން އޭނައަށް ވަރަށްބޮޑު އުފަލެއް ލިބޭނެއެވެ. މިގޮތަށް އިތުބާރު ކުރާކަށް އެންގުމަށްޓަކައި:
"ކަލާ ކުރާ ކޮންމެކަމެއް ރަނގަޅަށް ކުރާނެކަމަށް އަހަރެން ޔަޤީންކުރަން"
"ތިބާ ތިޔަކުރާ ހިތްވަރާމެދު އަހަރެން ވަރަށް އުފާވެ، ހިތްހަމަޖެހޭ"
"މީހުން ކަލާ އަށް އިތުބާރުކުރޭ! ތިބާގެ މަސައްކަތާމެދު ހިތްހަމަޖެހޭ. އަދި ތިބާއާއެކު މަސައްކަތްކުރަން ބޭނުންވޭ!"
މިފަދަ ޢިބާރާތް ތައް ބޭނުންކޮށްގެން ބައިވެރިއާއަށް ތިބާ ކުރާ އިތުބާރު ހާމަކޮށްދެވިދާނެއެވެ.
* ހަށިގަނޑާއި ސިފައަށް ތަޢުރީފުކުރުން
އަންހެނުން ހަށިގަނޑު ރީތިކޮށް، ލޫޅާފަތިކޮށް ބަހައްޓަން ބޭނުންވާ މިންވަރަށް ފިރިހެނުން އެމަސައްކަތް ނުކޮށްފާނެއެވެ. އެހެންނަމަވެސް ކޮންމެ ފިރިހެނަކުވެސް އޭނާގެ ބައިވެރިޔާގެ ސަމާލުކަން ބޭނުންވެއެވެ. އޭނާގެ މުލައްދަނޑި، ލޯ، އަތް ނުވތަ އެހެންވެސް ސިފައަކަށް ކުރާ ތަޢުރީފު އަޑުއަހަން ބޭނުންވެއެވެ. އެގޮތުން:
"ތިބާގެ ހީލުން ވަރަށް ހިތްގައިމު"
"ކަލާއާއި ކޮންމެ ކުލައެއްވެސް ގުޅޭ. ވަރަށް ސަޅި"
"ހާދަ ނަލައޭ"
މިފަދަ ތަޢުރީފުގެ ބަސްތައް ފިރިހެނުންވެސް އެމީހުންގެ ބައިވެރިޔާގެ ކިބައިން އަހަން ބޭނުންވެއެވެ.
* އިޙުތިރާމާއި ޤަދަރުކުރާކަން އެންގުން
ވަރަށްގިނަ ދިރާސާތަކުން ހާމަވާގޮތުގައި ފިރިހެނުން ލޯތްބާއެކު އިޙުތިރާމާއި ޤަދަރު ލިބުމަށް އެދެއެވެ. އަދި ދެމީހުންގެ ދެމެދުގައިވާ ގުޅުމަށްވެސް އިޙުތިރާމު ކުރަން ބޭނުންވެއެވެ. އެގޮތުން ތިބާގެ ބަހުންވެސް އިޙުތުރާމުކުރާކަން ބައިވެރިއާއަށް އަންގަންޖެހެއެވެ.
"ކަލާއަކީ ވަރަށް ރަނގަޅުމީހެއް"
"އަހަރެން ކަލައާއިމެދު ފަޚުރުވެރިވަން"
"އަހަރެންގެ އާއިލާއާއި ރައްޓެހިންނާމެދު ތިބާކަންތައްކުރާގޮތުން ވަރަށް އުފާވޭ"
"ތިޔައީ މީހުނަށް އޯގާތެރި ހިތްހެޔޮ އިންސާނެއް"
މިނޫންވެސް ޢިބާރާތްތަކުން ތިބާގެ ބައިވެރިޔާއަށް އިޙުތިރާމުކޮށް ޤަދަރުކުރާކަން އެންގިދާނެއެވެ.
* ކުރާ ހިތްވަރަށް ތަޢުރީފުކުރުން
ފިރިހެނުންނަކީ ހިތްވަރުގަދަ ބައެކެވެ. ގުޅުންދެމެހެއްޓުމަށް އެމީހުން ކުރާ މަސައްކަތް ފާހަގަކުރަންޖެހެއެވެ. އެހެންކަމުން ތިބާގެ ބައިވެރިޔާ ކިތަންމެ ކުޑަކަމެއް ކޮށްދިނަސް އެކަން ފާހަގަކުރާށެވެ.
އެއީ ފަންކާ ސާފުކޮށްދިނުން ކަމުގައިވިޔަސް ގޮދަޑީގައި ބެޑްޝީޓް އެޅުމުގައި އެހީތެރިވުން ކަމުގައިވިޔަސް އަދި ކުނިކޮތަޅު ގެއިން ބޭރަށް ގެންގޮސްދިނުން ކަމުގައިވިޔަސް މެއެވެ. އެމީހުން އެކޮށްދޭ ކަންތައް ފާހަގަކުރާށެވެ. އެކަމާ ތިބާ ހިތްހަމަޖެހޭކަން އަންގާށެވެ.
"ކަލާ ހާދަ ރަނގަޅޭ"
"ތިޔަކޮށްދިނީ ވަރަށް ބޮޑު ކަމެއް"
"ތިބާ ތިޔަގޮތަށް އެހީވެދޭތީ ވަރަށް އުފާވޭ"
މިނޫން އިތުރު ބަސްތަކުންވެސް ބައިވެރިޔާ ކޮށްދޭ ކަންތައް ފާހަގަކޮށް އޭނާއަށް ތަޢުރީފު ކުރެވިދާނެއެވެ.
* ބައިވެރިޔާއާއި ގުޅިފައިވާމިންވަރު ހާމަކޮށްދިނުން
ތިބާ، ބައިވެރިޔާއާއިއެކު ހުންނައިރު ކުރެވޭ އިހުސާސް ބުނެދޭށެވެ. ތިބާގެ އިހުސާސްތައް އެންމެ ރަނގަޅަށް ދަންނަ މީހަކީ އޭނާކަން އަންގައިދޭށެވެ.
"ކަލާއާ އެކުގައިވުމުން ރައްކާތެރިކަން އިހުސާސްވޭ"
"އަހަރެން ހިތްހަމަޖެހޭ ކަންތަކާއި ނުޖެހޭކަންތައް އެންމެ ރަނގަޅަށް އެނގެނީ ތިބާއަށް"
"ތިބާ ލިބުމަކީ އަހަރެންގެ ނަސީބު"
މިނޫނަސް ތަފާތު ބަސްތަކުން ތިބާގެ ބައިވެރިޔާ ހިތްހަމަޖައްސައިދޭށެވެ. އެއީ ފިރިހެނުންވެސް ތަޢުރީފު ބޭނުންވާތީއެވެ. އިޙުތިރާމާއި ޤަދަރާއި ލޯބި ބޭނުންވާތީއެވެ. އެހެންކަމުން އަބަދުވެސް ތިބާގެ ބައިވެރިޔާ އުފާވާކަންކަން ބަހާއި ޢަމަލުން ދެއްކުމުގައި ދެމިހުންނާށެވެ.