ސްޓެލްކޯގެ އިންޖީނުގެތަކުގެ މެނޭޖަރުން ތަމްރީނުކުރުމަށް ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮގްރާމް ނިންމާލާ ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ އެކުންފުނީގެ ދަށުން ހިންގާ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ހާއްސަކޮށްގެން ބޭއްވި "ޕަވަރ ހައުސް މެނޭޖާރސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް 2022" ނިންމާ، އެ ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފައިވަނީ އަންގާރަދުވަހުގެ ރޭ ކަމަށެވެ.
ޓްރެއިނިންގ ނިންމާލުމުގެ ގޮތުން ސްޓެލްކޯ ޓެރަހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރުއެވެ. ސްޓެލްކޯއިން ބުނެފައިވަނީ މި ޕްރޮގްރާމްގެ ސަބަބުން މިކުންފުނީގެ އިންޖީނުގެތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދެވިގެންދާނެ ކަމަށެވެ.
މި ޕްރޮގްރާމަކީ މިކުންފުނިން ހިދުމަތްދޭ 30 ރަށެއްގެ މެނޭޖަރުންނަށް އަމާޒުކޮށްގެން ހަތަރު ދުވަހުގެ މުއްދަތަކަށް ބޭއްވުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި މެނޭޖަރުންގެ ލީޑަރޝިޕް ސްކިލްސްތަކާއި، މުވައްޒަފުން ބިނާކޮށް، މުވައްޒަފުންގެ ފަރާތުން އެންމެ ރަނގަޅު ހިދުމަތް ކުންފުންޏަށާއި، ރައްޔިތުންނަށް ލިބިގެންދާނެ ގޮތްތައް ދަސްކޮށްދެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.