ރަޝީޔާ އިން ޔޫކްރެއިނަށް ދެމުން ގެންދާ ހަމަލާތައް މެދުކެނޑުމެއްނެތި ކުރިއަށް ދަނީއެވެ. އެއީ ޔޫކްރެއިންގެ އާންމު ރައްޔިތުން ބިރުން ފިތްކަނޑައިގެންދާ ވަރުގެ ހަމަލާތަކެވެ. ހަނގުރާމައިގެ ސަބަބުން އެތައް ބަޔަކު މަރުވެއްޖެއެވެ. އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. އެތައް ބަޔަކު އެހެން ގައުމުތަކަށް ހިޖުރަ ކޮށްފިއެވެ.

ޔޫކްރެއިންގެ ޒުވާން އަންހެނެއް ކަމަށްވާ ކުޕްރިކޯވާއަކީ ގައުމު ދޫކޮށްފައި ދިއުމުގެ ވިސްނުން ގެންގުޅޭ ޒުވާނެއްނޫންނެވެ. އޭނާގެ ބަހަކީ މިއެވެ. "އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދޭނޭ ބަޔަކުނެތް. އެހެނަސް ވަތަން ދޫކޮށްލާފައި ދިއުމުގެ ވިސްނުމެއްނެތް. ހަމައެކަނި ފައިސާއަކީ މިހާލަތަށް ބަލާއިރު އެހީއެއްނޫން. މިހާލަތުގައި އެއީ ހަމަ ފައިސާ،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ރޭ ވެސް ބެލަރޫސް ހުރަސްކޮށް ރަޝީޔާ ސިފައިން ވަނީ ޔޫކްރައިނަށް ނުރައްކާތެރި އެތައް ހަމަލާއެއް ދީފިއެވެ. ބޮލަށް ބޮންއަޅައިފައެވެ. "ރަޝިޔާއިން އިހަށްދުވަހު ވަނީ ބްރޯވަރީ ކިއެވްގައިހުރި ރެޑިއޯ ސްޓޭޝަނަކަށް ހަމަލާދީފައި. ރަޝީއާއިން އިއްޔެ ވަނީ ކިއެވްގެ ޓެލެކޮމް މަރުކަޒަށް ބޮމް އަޅައިފައި. ވަރަށް އަަަވަހަށް ޓީވީއާއި އިންޓަރނެޓު ޚިދުމަތުންް އަޅުގަނޑުމެން މަހުރޫމްވާނެ،" އޭނާ ބުންޏެވެ.

އޭނާ ބުނާ ގޮތުން ހަނގުރާމައިގެ ސަބަބުން ޔޫކްރެއިން މީހުން އެކަނިވެރި ވެއްޖެއެވެ. އެހެންނަމަވެސް ވަތަނީ ލޯބީގައި އެފަސްގަނޑު ދިފާއުކުރުމަށް އެންމެފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތްކުރާނޭ ކަމަށް އޭނާ ބުންޏެވެ. ހަނގުރާމައިގެ ސަބަބުން އެތައް ބަޔަކު ގެންދަނީ އެހެން ގައުމުތަކަށް ހިޖުރަ ކުރަމުންނެވެ. އެހެނަސް މި އަންހެނާ ބޭނުންވަނީ އަދިވެސް އަމިއްލަ ގައުމުގައި ދިރިއުޅުމަށެވެ.

ކުޕްރިކޯވާ ބުނީ ރަޝިޔާ ސިފައިން ބޭނުންވަނީ ދީނީ މުގައްދަސް ތަންތަނަށް ވެސް ބޮން އަޅައި ސުންނާފަތި ކޮށްލަން ކަމަށެވެ. އެގޮތުން އެފަދަ ބައެއް ތަންތަަނަށް މިހާރުވެސް ހަމަލާ ދެމުން ގެންދާ ކަމުގައެވެ. ރަޝިޔާގެ ހަމަލާތަކާ ހެދި އެތައްބަޔަކު ވަނީ އެކިތަންތާގައި ތާށިވެފައެވެ.

ކުޕްރިކޯވާ ބުނީ މިއީ އެގައުމުގެ އަދުގެ ހާލަތު ކަމަށެވެ. އެހެންނަމަވެސް އެހާލަތަކީ އެމީހުންނަށް ބަދަލުކޮށްލެވޭނޭ ހާލަތެއް ނޫންކަމަށެވެ. "ކިއެވްގައި ހުރި އަޅުގަނޑުގެ ރައްޓެއްސެއްގެ ގެއަށް ރޮކެޓް ހަމަލާއެއްދީ ގެވަނީ ބިމާ ހަމަކޮށްފައި. ނަސީބަކުން އޭނާ ސަލާމަތްވީ. އޭނާ މިހާރުވީ ޕޮލެންޑަށް ގޮސްފައި. އޭނާގެ ވާހަކަ ނޫސްތަކަށް ވެސް އެރި. ކިއެވް އަށް ރަޝީއާއިން އިއްޔެ ބޮންއެޅި އަޑަށް އަޅުގަނޑުގެ އެހެން ރައްޓެއްސަކަށް ހާޓުއެޓޭކެއް ޖެހުނު. އޭނާގެ ހާލަތު މިހާރު އަންނަނީ މަޑުމަޑުން ރަނގަޅުވަމުން. މިހާރު ޔޫކްރެއިނުން ފެންނަމުންދަނީ މީގެ ކުރިން ހިތަށްވެސް ނާރާ ގަބޫލު ވެސް ކުރަން ދަތި މަންޒަރުތައް. އަޅުގަނޑުމެން މިތިބީ އެހީވާނޭ ބަޔަކުނެތް ކުދި ބުޅާތަކެއް ހެންވެފައި،" އޭނާ ބުންޏެވެ.

ދެހާސް ސާދަވަނަ އަހަރު ރަޝީޔާއިން ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ކުރިއިރު މި އަންހެންމީހާގެ ގެއަށް ވެސް ހަމަލާއެއް އަމާޒުވި ކަމަށް އޭނާ ބުންޏެވެ. "އެފަހަރު ސަލާމަތްވުމަށް ވަންނާނޭ ބައެއް ގޮތްތައް ހުރި. މިފަހަރު ރަޝިޔާއިން ބޮން އަޅަމުންދަނީ އެއްވެސް ބެލުމެއްނެތި ޖެހުނު ދިމާއަކަށް. މިހަމަލާތައް ދެނީ ބެލަރޫސްއާ ވެސް ގުޅިގެން،" އޭނާ ބުންޏެވެ.

މިހަމަލާތަކުން ގައުމުގެ އިންފްރާސްޓްރަކްޗަރ ފުނޑުފުނޑުވެގެންދާނެ ކަމަށާއި ހަނގުރާމައަށްފަހު އަލުން ގައުމު އާރާސްތުކުރަން ފައިސާގެ އިތުރަށް ލޭބަރުންނާއި އެމަކަށް ހޭދަވާނޭ ވަގުތާ ބެހޭ ގޮތުން އޭނާ ސުވާލު ކުރިއެވެ.

ރަޝިޔާއިން މިހާރު ބޭނުންވަނީ ނިއުކްލިއަރ ހަތިޔާރުން ހަމަލާ ދޭންކަމަށް ވެސް އޭނާ ބުންޏެވެ. "މިއީ ވަރަށް ސީރިއަސް މައްސަލައެއް. މިއީ އިންސާނުންނާ ދެކޮޅަށް ހިންގާ ބޮޑުވެގެންވާ ޖަރީމާއެއް. މިއީ ދުނިޔޭގެ ތިންވަނަ ބޮޑު ހަނގުރާމަ ކަމަށް އަޅުގަނޑުމެން މިބަލަނީ. ވިސްނަންވީ އެކަކުވެސް ދެފަހަރު މަރު ނުވާނޭކަން. މަރުވާނީ އެއްފަހަރު. މިހާލަތުގައި ބަޔަކު މީހުން ގައުމު ދޫކޮށްފައި އަވަށްޓެރި ގައުމުތަކަށް ދިޔަސް އަޅުގަނޑުމެން ތިބެން ބޭނުންވަނީ އަމިއްލަ ފަސްގަނޑުގައި. އަދި މިތިބީ ދިރި،" އޭނާ ބުންޏެވެ.