އަޅުގަނޑުމެން މިހާރު ވޭތުކުރަމުން މިދަނީ ވަރަށް ދަތި އުނދަގޫ ދުވަސްތަކެކެވެ. އާއިލައާއި ރައްޓެހިންނާ ބައްދަލުކުރުން މަދުކޮށްފީމެވެ. ކޮފީތަކާއި ޕާޓީތަކަށްދިއުން ހުއްޓާލައިފީމެވެ. އެހެންނަމެވެސް އަދިވެސް ބައެއްމީހުންގެ ޢަމަލުތައް ހުންނަގޮތުން ކަންބޮޑުވާންޖެހެއެވެ. އަދިވެސް މި

ބަލިމަޑުކަމާއެކު އުޅެން ދަސްނުވާމީހުން މި މުޖުތަމަޢުގައިވެސް އުޅޭތީއެވެ.

މިދުވަސްވަރު ކިތަންމެ ބޭނުންވިޔަސް ގޭގެއަށް ޒިޔާރަތްކުރުމުގައި ވިސްނަންޖެހޭ ކިތަންމެ ކަމެއް އެބަހުއްޓެވެ. އާއިލައާއި ތިމާގެ މީހުން ކަމުގައިވިޔަސް މާސްކް އަޅައިގެން ވާހަކަދައްކަން ތިބުމެވެ. ކެއިން ބުއިންފަދަ ކަންތައް ކުރިޔަސް ގައިދިރުކަން ބަހައްޓައިގެން އުޅުމެވެ. މިއީ ކޮންމެހެން އެކަކު އަނެކަކަށް ބުނެދޭންޖެހޭނެ ކަންތަކެއްނޫނެވެ. އަމިއްލައަށް ވިސްނަންޖެހޭނެ ކަންތަކެވެ.

މިދުވަސްވަރު ކުޑަކުދިންނަށް ޒިޔާރަތް ކުރުމުގައިވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހެއެވެ. އަލަށް އުފަންވާ ކުދިންނާއި އާއިލާގެ އަދި ރައްޓެހިންގެ ކުޑަކުދިންނަށް ޒިޔާރަތް ކުރާއިރު އެކުދިންނާއި މާ ބޮޑަށް ގައިގޯޅިވުން ރަނގަޅެއްނޫނެވެ. ބޮސްދީ، އުނގައްލާ ހެދުމަކީ ރަނގަޅުކަންތައްތަކެއް ނޫންކަން މީހަކު ނުބުންޏަސް އަމިއްލައަށް އެގެންޖެހޭނެއެވެ.

އުމުރުން 12 އަހަރުން ދަށުގެ ކުޑަކުދިންނަށް އަދި މިވަނީ ވެކްސިން ނުދެވިއެވެ. އެހެންކަމުން އެކުދިންނަށް ރައްކާތެރިކަން ދޭންޖެހޭނީ އެހެން މީހުނެވެ. އާއިލާއިންނެވެ. ގާތް ތިމާގެ މީހުނެވެ. ރައްޓެހިންނެވެ. ވެކްސިންގެ ހުރިހާ ޑޯޒެއް ފުރިހަމަކުރިޔަސް ކޯވިޑްގެ 19 ބަލިޖެހެއެވެ. އެހެންކަމުން ބޮޑެތިމީހުންގެ ޢަމަލުތައް ބަހައްޓަންވާނީ ކުޑަކުދިން މި ބަލިން ދުރުކުރެވޭނެ ގޮތަށެވެ. ތިމާގެ ފަރާތުން ކުއްޖަކަށް މި ބަލި ފޯރުކޮށްދޭމީހަކަށް ނުވާނޭ ފަދަ ގޮތަށެވެ.

ކުޑަކުދިން އެކަންޏެއްނޫނެވެ. އުމުރުން ދުވަސްވީ މީހުނަށް ޒިޔާރަތްކުރިޔަސް ތިމާގެ ފަރާތުން އެ މީހުނަށް ރައްކާތެރިކަން ލިބޭނެ ގޮތަކަށް ޢަމަލުތައް ބަހައްޓަން ޖެހެއެވެ. މިހާރު މިޒަމާނަކީ ހުރިހާދަރިން މައިންފައިންނާއެކު އުޅޭ ދުވަސްވަރެއްނޫނެވެ. އެހެންނަމަވެސް އުމުރުން ދުވަސްވީ މައިންބަފައިންނާ ބައްދަލުކުރަންޖެހެއެވެ. އެހެންކަމުން މި ބައްދަލުވުންތަކުން އެ މުސްކުޅި މައިންބަފައިންނަށް އިތުރު ތަކުލީފެއް ނުލިބޭނެ ގޮތަށް އަމަލު ކުރުމަކީ ތިމާގެ ޒިންމާއެކެވެ.

ބައެއް ކަންތައްތަކަކީ ކޮންމެހެން ނުބުންޏަސް އެގެންޖެހޭނެ ކަންތައްތަކެވެ. ގޭގެއަށް ޒިޔާރަށްކުރުމުގައި ޢަމަލުކުރަންވީގޮތަކީ ކޮންމެހެން މީހަކު ބުނެދޭންޖެހޭނެ ކަންތައްތަކެއްނޫނެވެ. އުމުރުން ދުވަސްވީ މީހުނާއި ކުޑަކުދިންނަށް ޒިޔާރަތްކުރާއިރު އެ އެންމެންނަށްވެސް ރައްކާތެރިކަން ލިބޭނެ ގޮތަށް ތިމާގެ ޢަމަލުތައް ބެހެއްޓުމަކީ އެހެން މީހަކު ބުނެދޭންޖެހޭ ކަމަކަށް ނަހަދާށެވެ.