އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގެ ކެންޕޭން ފޯރި އިންތިހާއަށް ގަދަވެއްޖެއެވެ. ކެންޑިޑޭޓުންނާއި ސަޕޯޓަރުންގެ އަޑުތައް ގަދަވެއްޖެއެވެ. ބަހުގެ ހޫނު ހަމަލާތައް ދޭން ފަށައިފިއެވެ. ކެމްޕެއިން ފޯރިވަނީ ރައްތުންގެ މަޖިލީހުގެ ތަޅުމާ ހަމައަށް ފެތުރިފައެވެ. އެއާއެކު އެއްބަޔަކު އަނެއް ބަޔަކަށްދޭ އިންޒާރުތަކާއި، ރައްދު ވަނީ ހަރުކަށިވެ ވަރުގަދަވެފައެވެ.

އަންނަ އޭޕްރީލްމަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، އެމްޑީޕީގެ އެތެރޭގެ އިންތިހާބު ތަކުގެ ތެރޭގައި ހިމެނެނީ، ޗެއާޕާސަން ކަމަށް ބޭފުޅަކު އިންތިޚާބު ކުރުމާއި، އަންހެނުން ރޫހުގެ ރައީސްކަމާއި، ނާއިބު ރައީސްކަމާއި، ޒުވާނުންގެ ހިތްވަރުގެ ރައީސްކަމާއި، ނާއިބު ރައީސް ކަމުގެ މަގާމަށް ބޭފުޅުން އިންތިހާބު ކުރުމެވެ. މީގެ ތެރެއިން އެންމެ ބޮޑު ވާދަވެރިކަމެއް އުފެދި، ފޯރި ގަދަވެފައި ވަނީ، ޗެއާޕާސަން ކަމުގެ މަގާމަށް ވާދަ ކުރައްވާ ދެބޭފުޅުންގެ މެދުގައެވެ.

ފެންނަމުންދާ ބޮޑު މަންޒަރަށް ބަލާއިރު މި އިންތިހާބުން ފެނިގެންދަނީ، އެމްޑީޕީގެ ބާރުވެރިކަން ހޯދުމަށް އެ ޕާޓީގެ ދެ ފެކްޝަންގެ މެދުގައި ކުރަމުންދާ "ހަނގުރާމަ" އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް، ތާއީދުކުރާ ފެކްޝަނާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މީހުން ހިމެނޭ ފެކްޝަނެވެ. އިކޮނޮމިކު މިނިސްޓަރު ފައްޔާޒު އިސްމާއީލާއި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ.

ފައްޔާޒު ނިސްބަތްވެވަޑައިގަންނަވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ފެކްޝަނަށެވެ. އިންތި ނިސްބަތްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށެވެ. މި އިންތިހާބުގައި ވާދަކުރައްވާ ދެ ބޭފުޅުނަށް ބަލައިލިޔަސް، އެ ދެބޭފުޅުންނަކީވެސް އެމްޑީޕީ ވެރިކަމަށް ގެނައުމާއި، އެމްޑީޕީ އެޕާޓީގެ ގޮތުގައި ހިފެހެއްޓުމަށް މުހިއްމު ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ދެ ބޭފުޅުންނެވެ.

އިންތި ވަނީ އެމްޑީޕީ އުފެދުނީއްސުރެން އެޕާޓީގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުންނާއި، ގައުމީ މަޖިލީހުގެ މުހިއްމު މެންބަރެއްގެ ހައިސިއްޔަތުން އަދި ގާނޫނީ ކަންކަމުގައި އެމްޑީޕީއަށް އެތައް ހިދުމަތްތަކެއް ކޮށްދެއްވަމުންނެވެ. ހަމަ އެގޮތަށް ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އެމްޑީޕީއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވުމުގެ އިތުރުން، އިކޮނޮމިކް މިނިސްޓަރުގެ ހައިސިއްޔަތުން ފައްޔާޒުވެސް ގެންދަވަނީ ޕާޓީއަށް އެތައް ހިދުމަތްތަކެއް ކޮށްދެއްވަމުންނެވެ. މި ސަރުކާރުގެ ކަންތައްތައްތަކުގައި މި ދެބޭފުޅުންނަކީ ވެސް މުހިއްމު ދެބޭފުޅުންނެވެ. ދެބޭފުޅުންނަކީ ވެސް ގާނޫނީ ވަކީލުންނެވެ.

އިންތިހާބުގައި ދެފަރާތުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، އެމްޑީޕީގެ މެންބަރުންގެ އިތުރުން، ސިޔާސީ ހުރިހާ ފަރާތްތަކެއްގެ މެދުގައި މިހާރު ސުވާލު އުފެދެނީ މި ދެބޭފުންގެ ތެރެއިން އިންތިހާބު ކާމިޔާބު ކުރާނެ ބޭފުޅަކާ މެދުގައެވެ. ދެ ފެކްޝަންގެ މާޒީއަށް ބަލާލާއިރު މިހާތަނަށް ކާމިޔާބު ހޯދާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ފެކްޝަނަނުންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުންވެސް އެކަން ހާމަވެއެވެ.

ގައުމީ މަޖިލީހުގެ މެޖޯރިޓީ އޮތީ ރައީސް ސާލިހުގެ ފެކްޝަނަށެވެ. ހަމަ އެގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ބޭފުޅެއްގެ ނަން ހުށަހެޅުމަށް ކުރިއަށްދިޔަ ހޫނު ބަހުސްގައިވެސް ހަގީގަތުގައި ކުރި ލިބުނީ ރައީސް ސާލިހަށެވެ. އޭރު ރައީސް ސާލިހުގެ ފެކްޝަނުން ތާއީދު ކުރެއްވީ، އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށެވެ. ރައީސް ނަޝީދުގެ ފެކްޝަނުން ތާއީދު ކުރެއްވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށެވެ. ނަމަވެސް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު، ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވީ، އެ މަގާމަށް ކުރިލައްވަން ވާދަ ކުރެއްވި އަސްލަމާއި ހަސަން އަފީފާ ދެބޭފުޅުންގެ ތެރެއިން، ގައުމީ މަޖިލީހުގެ ތާއީދު ޝައްކެއްނެތް މިންވަރަށް އަސްލަމަށް އޮތްކަން ހާމަވުމުން މަޖިލީހުގެ ރައީސްކަމުގެ ގޮނޑި ރައިސް ސާލިހުގެ ޕެކްޝަނަށް ދޫނުކޮށްލައްވަން ވެގެން ކަމަށް އެތައްބަޔަކު ބުނެފައިވެއެވެ.

އެންމެފަހުން ބޭއްވި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އިންތިހާބުން ވެސް ކާމިޔާބު ހޯއްދެވީ ރައީސް ސާލިހުގު ފެކްޝަނުންނެވެ. އެ އިންތިހާބުގައި ކުރީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާ ވާދަ ކުރައްވައިގެން މިފަހަރުގެ ޕިޖީ ލީޑަރުގެ މަގާމު ކާމިޔާބު ކުރެއްވީ އަސްލަމެވެ. އެ ނަތީޖާތަކަށް ބެއްޔަސް ކުރިއަށްއޮތްތަނުގައި، މި އިންތިހާބުގެ ވާދަވެރިކަން އިތުރަށް ބޮޑުވެ ކެކިއަރާނެ ކަމަށް ބެލެވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ 65 މެންބަރުންނަށް ބަލާލާއިރު މިހާތަނަށް ބުރަވެފައި ވަނީ، ފައްޔާޒުގެ ކޮޅަށެވެ. އެއީ އެ 65 މެންބަރުންގެ ތެރެއިން ފައްޔާޒަށް ތާއީދު ކުރާކަން 14 މެންބަރަކު ނުވަތަ އެއަށްވުރެގިނަ މެމްބަރުން ވަނީ ހާމަކުރައްވައިފައެވެ. ނަމަވެސް އިންތިއަށް ތާއީދު ކުރާކަން ހާމަކޮށްފައިވަނީ، 10 މެންބަރުންނެވެ. މީގެ އިތުރުން ވެސް މި ދެބޭފުޅުންނަށް ވެސް ތާއިދުކުރާ މެމްބަރުން ތިއްބާވާނެއެވެ.

ފައްޔާޒަށް ތާއީދު ކުރައްވާ ޕީޖީ ގްރޫޕުގެ މެންބަރުން:

  • ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
  • އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
  • ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު
  • އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު
  • ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ
  • ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހްމަދު
  • ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހުސައިން
  • ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް
  • ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު
  • ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ
  • ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް
  • ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު
  • ގަމު ދާއިރާ މެންބަރުގެ މުހައްމަދު ވިސާމް
  • މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް

އިމްތިޔާޒު ފަހުމީއަށް ތާއީދުކުރައްވާކަން ހާމަކުރެއްވި މެންބަރުން:

  • މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް
  • މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ
  • ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް
  • ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު
  • އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު
  • މަޑަވެލި ދާއިރާ މެންބަރުގެ ހުސައިން ފިރުޝާން
  • ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް
  • މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު
  • މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު
  • އިނގުރައިދޫ ދާއިރާ މެންބަރު ހަސަން އަހްމަދު

އެމްޑީޕީން ބުނީ ޗެއާޕާސަންގެ އިންތިހާބުގައި އެޕާޓީގެ 51،000 އަށް ވުރެ ގިނަ މެންބަރުން ވޯޓުލާނޭ ކަމަށެވެ.

އިންތިހާބު ކުޑަތަންވަމުން އަންނައިރު، ދެ ކެންޑިޑޭޓުން ކެމްޕެއިނަށް މިހާރު ވަޑައިގެން ތިއްބެވީ އައްްޑޫ ސިޓީގައެވެ. އެސިޓީއަކީ ދެވަނައަށް އެމްޑީޕީގެ އެންމެ ބޮޑު ތާއީދު އޮންނަ ސަރަހައްދެކެވެ. އެ ސިޓީގެ ކެމްޕެއިންނަށްފަހު އިންތިހާބުގައި ކުރިހޯއްދަވާނެ ކެންޑިޑޭޓެއް ތަންކޮޅަށް ބޮޑަށް ސާފުވުން އެކަށީގެންވެއެވެ. އެހާތަނަށް ތިބެން މިޖެހެނީ މި އިންތިހާބު ކާމިޔާބު ކުރާނެ ކެންޑިޑޭޓަކާމެދު ސުވާލު މާކުޖަހައިގެންނެވެ.