ދިވެހި ޕްރިންސިޕަލުން ތަމްރީން ކުރުމުގެ ސްކޮލަރޝިޕް ޕްރޮގްރާމް އިފްތިތާހު ކުރަށްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިރޭ އިސްކަންދަރު ސްކޫލުގައެވެ. މިއީ މިސަރުކާރުން ހުރިހާ ސްކޫލަކަށް ދިވެހި ޕްރިންސިޕަލުން ހަމަކުރުމަށް ފެށްޓްވި ޕްރޮގްރާމެކެވެ.
މި ޕްރޮގުރާމް އިފްތިތާހުކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިޔާގެ ނާއިބު ފައިސަލް ނަސީމެވެ. މިއީ 3 އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓރ އައިޝަތު އަލީ ވިދާޅުވިއެވެ.
މިރޭގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ މިފަދަ މުހިންމު ޕްރޮގްރާމެއް މި ފެށުނީ ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުޙައްމަދު ޞާލިހު ރާއްޖޭގެ ތަޢުލީމަށް ދެއްވާ ޚާއްސަ އަހައްމިއްޔަތުކަމުގެ ސަބަބުން ކަމަށެވެ.
ރާއްޖޭގައި ސަރުކާރުން ހިންގާ 215 ސްކޫލުގެ ތެރެއިން 53 ސްކޫލެއްގައި ދާއިމީ ދިވެހި ޕްރިންސިޕަލުން ނެތެވެ. އަދި މިހާރު ތިއްބެވި ދާއިމީ ޕްރިންސިޕަލުންގެ ތެރޭގައިވެސް ހިންގުމުގެ ތަމްރީނު ލިބިފައި ތިއްބެވީ އެންމެ 75 ބޭފުޅުންނެވެ.
ތިން އަހަރުގެ މި ޕްރޮގްރާމު ނިމޭއިރު ސަރުކާރުން ހިންގާ ހުރިހާ ސްކޫލަކަށް ދިވެހި ޕްރިންސިޕަލުން ހަމަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް ކޯސް ފީ އާއި އެ ބޭފުޅަކަށް މިހާރު ލިބިވަޑައިގަންނަވާ މުސާރަ އެލަވަންސްގެ ގޮތުގައި ހަމަޖައްސައި ދެއްވާނެއެވެ.
މިރޭ އިފްތިތާހު ކުރެވުނު ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 18 ބޭފުޅަކަށް ސްކޮލަޝިޕްގެ ފުރުޞަތު ލިބިވަޑައިގަތެވެ. މި ބޭފުޅުން ކިޔަވާވިދާޅުވާނީ މެލޭޝިޔާގެ މަލާޔާ ޔުނިވާސިޓީގައެވެ.
2007 އަދި 2011 ގައިވެސް ސަރުކާރުގެ ޚަރަދު ގައި 60 ޕްރިންސިޕަލުން ތަމްރީނުކުރެވުނެވެ. ނަމަވެސް މިހާރު ގިނަ ބޭފުޅުން މި ދާއިރާ ދޫކުރަށްވައިފިއެވެ.