އިހުޒަމާނުގައި އުޅުނު ޕާކިސްތާނު މީހެކެވެ. ނަމަކީ މުރުތަޟާއެވެ. އޭނާ ވަޒީފާއެއް ހޯދުމަށްޓަކައި ސަޢުދީޢަރަބިޔާއަށް ދަތުރުކުރިއެވެ. އޭނާ ސަޢުދީގައި މަސައްކަތްކުރީ ފައިސާ އެއްކޮށްގެން ޒަވާޖީހަޔާތެއް ފަށައި އަމިއްލަ ރަށުގައި ހަމަޖެހޭ ދިރުއުޅުމެއް އުޅުމުގެ ފޮނިހުވަފެނާ އެކުއެވެ. އެގޮތުން މުރުތަޟާއަށް ތާއިފްގެ ކާރުޚާނާއަކުން ވަރަށް އާދައިގެ މަސައްކަތު މީހެއްގެ ވަޒީފާ ހަމަޖެހުނެވެ. މުސާރައަކީ 1500 ސަޢުދީ ރިޔާލެވެ.

އެއްދުވަހަކު އޭނާ މަސްކަތުގައި އަވަދިނެތި އުޅެނިކޮށް ރަށުން ފޯނުކޯލެއް އައެވެ. ލިބުނު ޚަބަރާއެކު މުރުތަޟާގެ ހިތް ކުދިކުދިވިއެވެ. ކުއްލިގޮތަކަށް އޭނާގެ މަންމަގެ ކިޑުނީ ފެއިލްވެ ޓްރާންސްޕްލާންޓު ހަދަން ޖެހުނީއެވެ. ވީ އެންމެ އަވަހަކަށް ޓްރާންސްޕްލާންޓު ހެދުމަށް ޑޮކްޓްރު ލަފާދިނެވެ. އަދި އެކަމަށް 7000 ރިޔާލް ބޭނުންވާކަމަށާއި ވީއެންމެ އަވަހަކަށް ޓްރާންސްޕްލާންޓް ނަހަދައިފި ނަމަ މަންމަގެ ފުރާނަ ގެއްލިދާނެ ކަމުގެ ހިތާމަވެރި ޚަބަރުދިނެވެ. މިކަމާ މުރުތަޟާގެ ހަތަރުއުދަރެސް ފެނުޖެހުނެވެ. އެހެނީ އޭނާގެ އަތުގައި އޮތީ އެންމެ 1000 ރިޔާލެވެ. އަދި އެހާލުގައި އޭނާގެ މަންމަ އެތައް މަސައްކަތެއް ކޮށްގެންވެސް އެކަމަށް ބޭނުންވާ ފައިސާ ހަމަނުޖެހުނެވެ. އެހެންކަމުން މުރުތަޟާ އޭނާއާއެކު ފެކްޓްރީގައި މަސައްކަތް ކުރާ އެކުވެރިންގެ އެހީތެރި ކަމަށް އެދުނެވެ. ނަމަވެސް އެމީހުން ދިނީ ބީރުކަންފަތެކެވެ. އަދި ލޯނެއް ލިބޭތޯ އުޅެގެން އެކަންވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެހެންކަމުން ފައިސާ ހޯދުމަށްޓަކައި އިތުރު ގޮތެއް ފެނޭތޯ ވަރަށް ވިސްނުމަށްފަހު ވައްކަން ކޮށްގެން ފައިސާ ހޯދުމަށް މުރުތަޟާ ނިންމިއެވެ.

އެއްރޭ ދަންވަރުގެ ފަހުބަޔަށް އެޅުމުން ގޭސްފުޅިއެއް ވަގަށް ނަގައި ވިއްކާލުމުގެ ނިޔަތުގައި މުރުތަޟާ އޭނާ މަސައްކަތްކުރާ ކާރުޚާނާ ކައިރީގައި ހުރި ގެޔަކަށް ވަނެވެ. ނަމަވެސް އެގެއިން އެއްވެސް އެއްޗެއް އަތުނުޖެހިގެން އުޅެނިކޮށް ފުލުހުން އައިސް އޭނާ ހައްޔަރުކުރިއެވެ. އަދި އަތުގައި ބިޑިއަޅުވައިގެން ގޮސް ޖަލުގައި ބަންދުކުރިއެވެ. ނަމަވެސް ހައްޔަރުކުރިތާ ގަޑިއެއްހާއިރުވެސް ނުވަނީސް ފުލުހުން އައިސް އޭނާގެ އަތުގައި އަޅުވާފައިވާ ބިޑި ނައްޓާލިއެވެ. އޭރުވެސް މުރުތަޟާ ދިޔައީ ބާރަށް ރޮމުންނެވެ. އޭނާ ވައްކަންކުރަން މެދުވެރިވި ހާލަތު ދެނެވޮޑިގެންވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. ދެންފަހެ ފުލުހުން އޭނާގެ އަތުގައި އަޅުވާފައިވާ ބިޑިނައްޓާލުމަށްފަހު އަނެއްކާވެސް ގެންގޮސް ފުލުހުންގެ ވެހިކަލަށް އެރުވިއެވެ. އަދި އޭނާގޮވައިގެން ގޮސް އޭނާ ވައްކަންކުރަން ވަން ގެޔަށް އަނބުރާ ގެންދިޔައެވެ. އަދި އެގޭ ސިޓިންގރޫމުގައި ހުރި ގޮނޑިއެއްގައި މުރުތަޟާ ބެއިންދުމަށްފަހު ދޮރުލައްޕާފައި ފުލުހުން އެނބުރި ހިނގައްޖއެވެ. މިކަމާ މުރުތަޟާ ހައިރާންވިއެވެ. އެހެންކަމުން ހަރަކާތެއްވެސް ކުރަން ނުކެރިފައި ހުއްޓާ ޒުވާން ފިރިހެނަކު އެތަނަށް އަތުވެއްޖެއެވެ. އަދި ރިވެތި ސަލާމަކުން ސަލާމްގޮވާލުމަށްފަހު ކައިފިންތޯ ސުވާލުކުރިއެވެ. ޖަވާބުގައި މުރުތަޟާ ނޫނެކޭ ބުނުމުން ކެއުމަށް ދައުވަތުދިނެވެ. ކައި ނިމުމަށްފަހު މުރުތަޟާ ގަޑިބަލާލިއިރު ފަތިސްނަމާދު ވަގުތު ވަނީ ކުޑަތަންވެފައެވެ. އަދި އޭނާއާއި ކުރިން ދިމާވި ޒުވާނާ ލޯފަން މުސްކުޅި މީހެއްގެ އަތުގައި ހިފައިގެން އޭނާގެ ގާތަށް އާދެއެވެ. އެ މުސްކުޅި މީހާ މުރުތަޟާއަށް ސަލާމް ގޮވައިލެއްވިއެވެ. އަދި އެއްސެވިއެވެ. "އޭ ދަރިފުޅާއެވެ. ތިބާގެ ހާލުކިހިނެއް ހެއްޔެވެ.؟” ޖަވާބުގައި މުރުތަޟާ "އަލްހަމްދުލިﷲ" އޭ ބުންޏެވެ. އެހިނދު އެމުސްކުޅި މީހާ ބުންޏެވެ. "އަހަރެމެންނާ އެކު ފަތިސްނަމާދުގައި ބައިވެރިވުމަށް އަންނާށެވެ."

ކޮންމެއަކަސް މުރުތަޟާ އެމީހުންނާއެކު ފަތިސް ނަމާދުގައި ބައިވެރިވިއެވެ. އަދި ނަމާދުކޮށް އަވަދިވެގެން ބަލާލި އިރު އިމާމުމީހާ ކައިރީގައި ޚާއްޞަ ގޮނޑިއެއް ބެހެއްޓިފައި ހުއްޓެވެ. އަދި މިސްކިތުގައި ތިބިމީހުން އެގޮނޑީގައި ގޮސް އެއްކަލަ ލޯފަން މުސްކުޅިމީހާ ބެއިންދިއެވެ. އެހިނދު އޭނާ މީސްތަކުންނާއި މުޚާތަބުކޮށް ވާހަކަދައްކަންފެށިއެވެ. އަދި އެބައިމީހުނަށް ދީނުގެ ޢިލްމު އުނގަންނައިދެއްވަން ފެއްޓެވިއެވެ. މިކަމާ މުރުތަޟާގެ ހައިރާންކަން އިހުނަށްވުރެ އިތުރުވިއެވެ. އަދި ގާތުގައި ޖެހިގެން އިން މީހާ ގާތު އަހާލިއެވެ. “މިމުސްކުޅި މީހާ އަކީ ފަހެ ކާކުހެއްޔެވެ.؟” އެމީހާ ޖަވާބު ދިނެވެ. "އެއީ ޝެއިޚް އަބުދުލްއަޒީޒް އިބުނި ބާޒް އެވެ.” މުރުތަޟާ ހިތަށް އެރިއެވެ. އަސްތަޣުފިރުﷲ އެވެ. ވައްކަން ކުރަން މިވަދެވުނީ ޝެއިޚް ބިންބާޒުގެ ގެއަށްތާއެވެ. ދެންފަހެ މިދަރުސް ނިންމާލުމަށްފަހު ޝެއިޚު ބިންބާޒު އެކަލޭގެފާނުގެ ދަރިވަރުންނާއެކު މުރުތަޟާ ގޮވައިގެން ޝެއިޚްގެ ގެޔަށް ވަޑައިގަތެވެ. އަދި ޝައިޚުގެ އަރިހުގައި މުރުތަޟާ ބެއިންދެވިއެވެ. އޭރު ހެނދުނުގެ ނާސްތާވަނީ ތައްޔާރުކުރެވިފައެވެ. ނާސްތާކޮށް ނިމުން މުރުތަޟާ އެއްފަރާތަކަށް ގެންގޮސް ޝެއިޚް ސުވާލުކުރެއްވިއެވެ. "ތިބާ މިގެޔަށް ވައްކަންކުރަން ވަނީ ކީތްވެ ހެއްޔެވެ؟" މުރުތަޟާ ޖަވާބު ދިނެވެ. "މާތްﷲ ގަންދީ ބުނަމެވެ. އަހަރެން ވައްކަން ކުރަން މެދުވެރިވީ މަންމަގެ ކިޑުނީ ޓްރާންސްޕްލާންޓް ކުރުމަށްޓަކައި ފައިސާހޯދުމަށެވެ. އެކަމަށްޓަކައި 7000 ރިޔާލް ބޭނުންވެއެވެ. އެފައިސާ ހޯދުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް އަހުރެން ކުރީމެވެ. އެކުގައި މަސައްކަތްކުރާ އެކުވެރިންގެ އެހީތެރިކަމަށް އެދުނީމެވެ. ލޯނެއްލިބޭތޯ އެތައް މަސައްކަތެއް ކުރީމެވެ. ނަމަވެސް އިތުރު އެހެން އެއްވެސް ގޮތެއް ނުފެނުމުން ވައްކަންކުރަން މަޖުބޫރުވީއެވެ. އަހަރެންގެ ހަމައެކަނި ނިޔަތަކީ މަންމައަށް ހެޔޮކޮށް ހިތައި އެމަންމައަށް އެހީތެރިވުމެވެ،"

މިވާހަކަތައް އަޑު އައްސަވާފައި ޝެއިޚް އެކަލޭގެފާނުގެ އާއިލާގެ ބޭފުޅަކަށް ފޯނުކުރައްވައިގެން 19000 ރިޔާލް ގެންނަވައި މުރުތަޟާއަށް ދެއްވިއެވެ. އެހިނދު މުރުތަޟާ ދެންނެވިއެވެ. "ޝެއިޚްއެވެ. އަޅުގަނޑަށް ބޭނުންވަނީ 7000 ރިޔާލެވެ." ޖަވާބުގައި ޝެއިޚް ދެންނެވިއެވެ. "ބާކީ ފައިސާ ތިބާގެ އެހެނިހެން ބޭނުންތަކަށް ޚަރަދުކޮށްލާށެވެ،" ޖެހިގެން އައިދުވަހު މުރުތަޟާ އޭނާގެ މަންމަގެ ފަރުވާގެ ކަންތަކަށް ޕާކިސްތާނަށް ފުރިއެވެ. އަދި މާތްﷲ ގެ ހެޔޮރަހުމަތްފުޅާއި ވާގިފުޅާ އެކު މުރުތަޟާގެ މަންމަގެ ކިޑްނީ ޓްރާންޕްލާންޓް ކާމިޔާބުވިއެވެ. އެހެންކަމުން އެނބުރި ސަޢުދީއަށް ދިޔައެވެ. އަދި ޝައިޚާ ބައްލުކުރެއްވުމަށްޓަކައި އެގެޔަށް ދިޔައެވެ. ޝެއިޚުގެ ގެޔަށް މުރުތަޟާ ދިޔައިރު ބައްދަލުވީ އެކަލޭގެފާނުގެ ޢާއިލާގެ ބޭފުޅަކާއެވެ. އަދި އެބޭފުޅާ މުރުތަޟާއަށް އޭނާ ހައްޔަރުވި ގޮތް ކިޔައިދިނެވެ. އެނާ ކިޔައިދިނެވެ. "ކޮންމެ ރެއަކުވެސް ރޭގަނޑުގެ ދެވަނަ ދަންފަޅިއަށް އެޅުމުން ޝެއިޚް ތަހައްޖުދު ނަމާދުކުރައްވައެވެ. މިގޮތުން އެރޭގައިވެސް ތަހައްޖުދު ނަމާދުކުރައްވަން ހުންނަވަނިކޮށް ގޭތެރެއިން ޝެއިޚަށް ބާރު އަޑުފަށްގަނޑެއް އިވުނެވެ. އެވަގުތު ޝެއިޚަށް ގެޔަށް ވަގެއް ވަދެގެން އުޅޭކަން އެނގުނެވެ. އަދި ޝެއިޚު ނަމާދުކުރައްވަން އިންނަވާ ތަނާއި ޖެހިގެން ހަރުކުރެވިފައިވާ ރަނގަބީލަށް ފިތާލެއްވީއެވެ. އެއީ އެކަލެގެފާނުގެ އާއިލާބޭފުޅުން ނަމާދަށް ހޭލެއްވުމަށްޓަކައި ހަރުކޮށްފައިވާ ރަނގަބީލެކެވެ. ރަނގަބީލުގެ އަޑާއެކު އާއިލާގެ ބޭފުޅުން އެކަލޭގެފާނުގެ އަރިހަށް ވަޑައިގަތުމުން ދެންނެވިއެވެ. މިގެޔަށް ވަގެއްވަދެގެން އެބައުޅެއެވެ. ދެން އެކަލޭގެފާނުގެ އާއިލާގެ ބޭފުޅުން ފުލުހުންނަށް ގުޅައިގެން ގެނެސް ތިބާ ހައްޔަރުކުރީއެވެ. ނަމަވެސް ތިބާ ހައްޔަރުކޮށްގެން ގެންދިޔަ ޚަބަރު ޝެއިޚަށް ލިބިވަޑައިގަތުމުން އެކަލެގެފާނު އެކަމާ ގަބޫލުފުޅެއް ނުވިއެވެ. އަދި ތިބާ އަނބުރައި އެކަލޭގެފާނުގެ އަރިހަށް ގެންނައުމަށް އެންގެވިއެވެ."

މިވާހަކަތައް އަޑުއަހާފައި މުރުތަޟާ ވަގުތުން ބިންބާޒުގެ އަރިހަށް ދިޔައެވެ. އަދި އެކަލޭގެފާނުގެ ނިތްކުރިޔަށް ބޮސްދެއްވައި ނުހަނު އާދޭހާއި އެކު ދެންނެވިއެވެ. "ޝެއިޚެވެ. މާތް ﷲ އަށްޓަކައި ކަލޭގެފާނަށް ޚިދުމަތް ކުރުމުގައި ދެމިހުރުމުގެ ފުރުޞަތު ދެއްވާށެވެ." އަދި މުރުތަޟާގެ މަންމަގެ ކިޑްނީޓްރާންޕްލާންޓަށްފަހު ބާކީވި ފައިސާ ޝެއިޚަށް އަނބުރާ ދެއްވިއެވެ. ނަމަވެސް ބިންބާޒް އެފައިސާގައި ހިއްޕަވަން ދެކޮޅުހައްދަވައި ވިދާޅުވިއެވެ. "ތިޔަ ފައިސާއަކީ ތިބާގެ ފައިސާއެވެ. ތިބާ ބޭނުން ކަމަކަށް ޚަރަދުކޮށްލާށެވެ." އަދި އެއަށްފަހު ބިންބާޒު އަވަހާރަވަންދެންވެސް އެކަލޭގެފާނުގެ އެންމެ އަރިސް މީހެއްގެ ގޮތުގައި މުރުތަޟާ ވިއެވެ.