އެސްޓީއޯއިން މިފްކޯހިންގަން ހަވާލުވިއިރު އެކުންފުނީގައި ބައިވަރު މައްސަލަތައް ހުރިކަމަށް އެސްޓީއޯގެ މެނޭޖިންޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެސްޓީއޯއިން މިފްކޯއާ ހަވާލުވިއިރު ކުންފުންޏެއްގެ ގޮތުގައި އެތަން ހިންގާފައިނުވާކަމަށެވެ. އެގޮތުން ފައިސާގެ ބައިވަރު މައްސަލަތައް ވެސް ހުރި ކަމަށް ވިދާޅުވިއެވެ. "ކުންފުނި އޮތީ ވަރަށް ބޮއްސުންލައިފާ. ހަގީގަތުގައި ނެތް ހަމަ ކުންފުންޏެއްގެ ގޮތުގައި އެއްގޮތަކަށްވެސް ހިންގާފައެއް. ފައިސާގެ ބައިވަރު މައްސަލަތައް ވެސް ހުރި،" ޢަމްރު ވިދާޅުވިއެވެ.

އޭނާވިދާޅުވީ އުފެއްދުންތެރިކަމަށް އަޅައިނުލައި އޮތުމުން ކުންފުންޏަށް ލިބޭ މަހުގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް ދަށްފައިވެފައި ކަމަށެވެ. ކާރުޚާނާތަކުގައި ބޭނުންކުރާ މެޝިންތަކަށް ވެސް އަޅާނުލެވި ހުރުމުގެ ސަބަބުން ފެލިވަރާއި ކޫއްޑޫގެ މަޝިންތައް ހަލާކުވެ ވަރަށް ބޮޑަށް ކަމީނާވެފައިވާ ކަމަށް އެމްޑީ ވިދާޅުވިއެވެ. "އަޅުގަނޑުމެން ޖެހުނީ އަލުން ބަލުން ހުރިހާ ކަމެއްފަށަން. އެހެންވީމާ އަޅުގަނޑުމެންނަށް ވަގުތުކޮޅެއްނެގި މިފްކޯ އަނބުރާ އަލުން ކޮޅަށް ޖަހަން،" އެމްޑީ ވިދާޅުވިއެވެ.

ޢަމްރު ވިދާޅުވީ އެސްޓީއޯއިން މަސައްކަތްކުރީ ކުންފުނީގެ ކޮންޓްރޯލް ބާއްވައިގެން ބޭރަށް މަސްގެންގޮސްގެން މަސް ދަޅުގައި ބަންދުކޮށްފައި ބޭރުކުރަން ކަމަށެވެ. އެގޮތަށް ނިންމެވީ ފެލިވަރުގައި އެވަރުގެ ޖާގައެއް ނެތުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެމަސައްކަތް 2019 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރު އައިއިރު ވަރަށް ބޮޑަށް ސެޓަޕެއް ހެދުނު ކަމަށް ވެސް ޢަމްރު ވިދާޅުވިއެވެ. އެހެންނަމަވެސް 2020 ވަނަ އަހަރާއެކު ދިމާވި ކޮވިޑުގެ ހާލަތުގެ ސަބަބުން އެމަސައްކަތް އޭރު ކުރިއަށްދާގޮތް ނުވި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންމަވެސް ޖެހިގެން އައި 2021 ވަނަ އަހަރުގެ މެދުތެރެއިން ފަށައިގެން އެ މަސައްކަތް އަލުން ފަށައި ކުރިއަށްދާ ކަމަށް އެމްޑީ ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިހާރު އެ މަސައްކަތްވެސް ކޮންމެވެސް ވަރަކަށް ފެށިއްޖެ. އަގުވެސް ކޮންމެވެސް ވަރަކަށް ރަނގަޅު ކުރެވިއްޖެ އަޅުގަނޑުމެންނަށްލިބޭ." ކަމަށް ޢަމްރު ވިދާޅުވިއެވެ.