ބައެއްމީހުން ބަރުދަން ލުއިކުރުމަށްޓަކައި ބައެއް ގަޑިތަކުގެ ކެއުން ދޫކޮށްލައެވެ. އަނެއްބަޔަކު މަސައްކަތުގައި ބުރަކޮށް އުޅެންޖެހުމުން ގަޑިންގަޑިއަށް ނުކެވެއެވެ. އަދި ކެއުމަށް ފަރުވާކުޑަ ކުރާމީހުންވެސް ގަޑިންގަޑިއަށް ކެއުމަކީ މުހިންމު ކަމެއްކަމަށް ނުދެކެއެވެ. އެހެންނަމަވެސް ގަޑިންގަޑިއަށް ކެއުމަކީ ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިވާ ކަމެކެވެ. ހަންގަޑަށް ހީނުކުރާފަދަ ފައިދާތައް ލިބޭކަމެކެވެ.
އެންމެވެސް ރީތި ހަންގަޑެއް ބޭނުންވެއެވެ. އެހެންކަމުން ހަންގަޑަށް ގެއްލުން ލިބޭކަމުގެ ވާހަތައް ދެކެވޭލެއް ގިނައެވެ. ހަންގަނޑަށް ގެއްލުން ލިބެނީ ގިނަފަހަރަށް ދިރިއުޅުމުގެ އާދަތަށް ބެހެއްޓޭ ގޮތުންކަމަށް ވެދާނެއެވެ. އެހެންކަމުން މި އާދަތަކުން ދުރުވާންޖެހެއެވެ. ރީތި ހަންގަނޑެއް ބޭނުންނަމަ ގަޑިންގަޑިއަށް ކެއުމުގެ އާދަ ހަރުލައްވަންޖެހެއެވެ.
ކާނާގެ ސަބަބުން ހަށިގަނޑުގައި ބާރުޖައްސަދީ ހަންގަނޑު ތާޒާކޮށްދެއެވެ. ހަންގަނޑަކީ ހަށިގަނޑުގެ ބޭރަށްފެންނަ ހުންނަ މުހިންމު ބައިކަމުގައިވާއިރު ހަންގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި ގަޑިންގަޑިއަށް ކާންޖެހެއެވެ.
ގަނޑިންގަޑިއަށް ކެއުމުގައި ބަލަންވީ ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަށެވެ. ހަންގަނޑަށް ފައިދާހުރި ކާނާ ކެއުމަށެވެ. ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް ލިބޭ ކާނާ ކެއުމަށެވެ. ހަންގަނޑުގެ ތަޒާކަމާއި ރީތިކަން ދެމެހެއްޓޭނެ ކާނާ ކެއުމަށެވެ.
ކެއުމުގެ ގަޑިތަކަށް ފަރުވާތެރިވާފަދައިން ކާނާއަށްވެސް ފަރުވާތެރިވާންޖެހެއެވެ. ހެނދުނުގެ ނާސްތާއާއި މެންދުރުގެ ކެއުން އަދި ރޭގަނޑު ކެއުމުގައިވެސް ހަނގަޑަށް ފައިދާހުރި ކާނާ ހިމަނަން ޖެހެއެވެ. ބިހާއި އަލުވި ޓޮމާޓޯ މަސް މުގު ފަދަ ބާވަތްތައް ކެއުމުގައި ހިމަނަންވާނެއެވެ.
ހަށިގަނޑު ފަލަވިޔަސް ގަޑިންގަޑިއަށް ކެއުން ދޫކޮށް ނުލާށެވެ. ކެއުމުގެ މިންވަރު މަދުކުރާށެވެ. ކެއުމުގައި ހަށިގަނޑަށް ފައިދާހުރިކަނާ ހިމަނާށެވެ. ހަންގަނޑަށް ފައިދާހުރި ކާނާ ކޮންމެ ގަޑިއެއްގެ ކެއުމުގައިވެސް ހިމަނާށެވެ. ހަންގަނޑު ރީތިކޮށް ތަޒާކޮށް ބެހެއްޓޭނީ އޭރުންނެވެ.