ކުރިއަށް ރޭވިފައިވާ ޕްރޮގްރާމްތައް، ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް ކުރިއަށް ދާނަމަ، ކުރިއަށް އޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭ ފެނަކައިގެ ޚިދުމަތުގައި ތިބޭ އޮޕަރޭޝަނަލް ލެވަލްގެ މުވައްޒަފުންނަކީ ދައްވެގެން ސެޓުފިކެޓް ލެވެލް 3 ގެ ފެންވަރުގެ މީހުންނަށް ވެގެންދާނޭ ކަމަށް ފެނަކަ އިންސްޓިޓިއުޓުގެ ޑީން އާއިޝަތު ފަސީހާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ފަސީހާ މިހެން ވިދާޅުވީ ފެނަކައިން ހިންގާ ފުނަރު ޕްރްގްރާމުގެ ދަށުން އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސް ދަރިވަރުން ދަސްވެނިވުގެ ހަފުލާގައި ރޭ ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މީހުން ތަމްރީން ކުރުމަށް ފެނަކައިން ފެށި މުހިންމު މި މަސައްކަތުގެ ސަބަބުން ކުންފުނީގެ މަސައްކަތްތަކަށް މިހާރުވަނީ ވަރަށް ބޮޑު ފަސޭހަތަކެއް ލިބިފައި ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ޓެކްނިކަލް ދާއިރާއެއްގައި ކުއްލިކުއްލިއަށް ދިމާވާނެ ތަފާތު މައްސަލަތައް ހުންނާނެ ކަމަށާއި އެފަދަ މައްސަލަ ޙައްލު ކުރަން މިހާރު ހޭދަވާ ވަގުތު މަދުވެ އެކަމުގެ ލުއިފަސޭހަ ރައްޔިތުންނަށް މިހާރުވަނީ ލިބެންފަށާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު ދަންނަވާނީ، މީ އަޅުގަނޑުމެންގެ މަސައްކަތަށް އައި، ވަރަށް ފަހި ކުރިއެރުމެކޭ،" ފަސީހާ ވިދާޅުވިއެވެ.

ފަސީހާ ވިދާޅުވީ އޭގެ އިތުރުން ތަފާތު އެކި ދަރަޖަތަކަށް ޢިލްމާ ހުނަރު އުނގެނި މަތީ ފެންވަރުގެ ޚިދުމަތްތެރިން ފެނަކައަށް އިތުރުވެގެން ދާނެކަމަށެވެ. އެ އިންސްޓިޓިއުޓުން މިހާރުވަނީ އެފަދަ މެކޭނިޒަމެއް ގާއިމްކޮށްފައި ކަމަށެވެ.

"މިހުރިހާކަމެއްގައި މުޅިން މަސައްކަތް ކުރަމުންދަނީ ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ކަމުގައި ފަޚުރުވެރިކަމާއެކު ދަންނަވަން. އެހެންކަމުން، އެހުރިހާ ފަރާތްތަކަށް މިއަދުގެ މުނާސަބަތުގައި އިޚުލާސްތެރި ޝުކުރެއް ރައްދު ކުރަން. މިމަސައްކަތުގައި ފެނަކަ ބޯޑާއި އެމްޑީގެ ފަރާތްޕުޅުން އަޅުގަނޑުމެނަށް ކުރައްވާ އިތުބާރާ ދެއްވާ ލަފާފުޅު އެއީ މި އިންސްޓިޓިއުޓްގެ ކުރިމަގު ބިނާކުރުމަށް ވަރަށް މުހިންމު ކަމެއް،" އޭނާ ވިދާޅުވިއެވެ. އޭގެ އިތުރަށް ފެނަކަ ކޯޕަރޭޝަންގެ އިސްމަޤާމު ތަކުގައި ތިއްބަވާ މުވައްޒަފުންނާއި ލެކްޗަރަރ އިންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަ ކުރާ ކަމަށް ވެސް ވިދާޅުވިއެވެ. މި މަސައްކަތުގައި އޭނާގެ ބައިވެރިވާ އޭނާގެ ޓީމަށް ވެސް ފަސީހާ ވަނީ ޝުކުރު ދަންނަވައިފައެވެ.