އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތި ލައްވައިފައިވާ ގަމުދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލަކީ އެމްޑީޕީ ހިންގާލާނޭވަރުގެ ގަޓުހުރި ބޭފުޅެއް ކަމަށް އައްޑޫސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މޭޔަރު މިހެން ވިދާޅުވީ ފައްޔާޒަށް ތާއީދު ކުރައްވަން ނިންމެވި ސަބަބާބެހޭ ގޮތުން ހަލި ނޫހުން ސުވާލު ކުރުމުންނެވެ. މޭޔަރު ޢަލީ ނިޒާރު މިއަދު ވިދާޅުވީ ފައްޔާޒަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށެވެ. އެއީ ސަރުކާރުގެ ތާއީދު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ ފައްޔާޒަކީ އައްޑޫ ތަރައްގީގެ ޕްރޮޖެކްޓްތައް ގާތުން ބައްލަވައި އެކަންކަމަށް މަޝްވަރާ ދެއްވާ ބޭފުޅެއް ކަމަށެވެ. އޭގެ އިތުރުން އައްޑޫގެ އިގްތިސާދަށް ރަނގަޅުގޮތް ހޯއްދަވައި ދެއްވަން ފައްޔާޒު މަސައްކަތް ކޮށްދެއްވާ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.
ފައްޔާޒަކީ 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވުމުގެ ގާބިލްކަން ލިބިވަޑައިގެންފައިވާ ގާބިލް ބޭފުޅެއް ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ. މި ސަބަބުތަކަށް ޓަކައި އައްޑޫ ރައްޔިތުންނަށް ވެސް އަދި އެމްޑީޕީގެ މެމްބަރުންނަށް ވެސް އެންމެ ފައިދާހުރި ގޮތަކީ ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިޚާބު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.