ހަސަނު އޮފީސް ނިމުމާއެކު އަވަހަށް ގެއަށް ދާތީ އޭނާގެ އެކުވެރިން ދިމާކުރެއެވެ. ކެންޓީނަށް ގޮސް ސައި ނުބޯތީ މަލާމާތް ކުރެއެވެ. ލިބޭ " ބްރޭކް" ގެ ވަގުތުގައި ދަރިފުޅު ސްކޫލަށް ގެންދިއުމަށް ދާތީ ފުރައްސާރަ ކުރެއެވެ. އޮފީހުގައި އުޅޭ ހަސަނުގެ ރައްޓެހިން ގަބޫލުކުރަނީ ހަސަނަކީ އަނބިދަށުވެފައި ހުރި މީހެއްކަމަށެވެ.

އެއްދުވަހަކު ދެގަޑި ބައިގައި އޮފީސް ނިމުމުން ހަސަނު ގެއަށްދާން ހިނގައިގަތް ތަނާ އޭނާގެ ރައްޓެހި އާދަނު ބުންޏެވެ. މިއަދު މަޑުކޮށްލަންވީނޫންހެއްޔެވެ؟ އަހަރެމެނާއެކު މެންދުރު ކައިގެން ދާންވީނޫންހެއްޔެވެ؟ ހަސަނު ޖަވާބުގައި ބުނީ ގޭގައި ކުޑަ ދަރިފުޅު ގޮވައިގެން އުޅެނީ އަންހެނުން އެކަންޏެވެ. އޭނާ އަށް ކާއެއްޗެއް އަނގައަށް ލާނެ ވަގުތު ލިބުނުކަމެއްވެސް ނޭނގެއެވެ. އެހެންވީމާ ގެއަށް ގޮސްގެންނޫނީ ހަމަޖެހިގެން ކައި ނުލެވޭނެއެވެ. ރެސްޓޯރަންޓަކަށް ގޮސް ކާއެއްޗަކަށް އޯޑަރު ދީގެން އެ ކާން ލިބެން ގަޑިއެއްގެ އިރު ނަގާނެއެވެ. ކައި ނިމޭއިރު ހުންނާނީ އަސުރުން ތިރިވެފައެވެ.

ހަސަނުގެ މި ޖުމުލަ ތަކުން އެންމެން ޕަކަޕަކަ އަޅާފައި ހޭން ފަށައިފިއެވެ. އަދި ބުންޏެވެ. އާން އެކެވެ. އަވަހަށް ގެއަށްދާށެވެ. އަނބިދަށުވެފައި ތިބޭމީހުނަކަށް ރެސްޓޯރަންޓަކުން ކާލާނެ ފަދަ މިނިވަންކަމެއްވެސް ނުލިބޭނެއެވެ.

މިއަދު ރަޙުމަތްތެރީންގެ މި ފުރައްސާރަތަކަށް ޖަވާބުދިނުމަށް ހަސަނު ގަސްތު ކުރިއެވެ. އަދި ހީލާފައި ގޮނޑީގައި އިށީނެވެ. ދެން އާދަނު ގާތު އެހިއެވެ. މިއަދު ލައިގެން ތިހުރީ ކާކު އިސްތިރިކުރި ގަމީހެއް ހެއްޔެވެ؟ އާދަނު ބުންޏެވެ. އަންހެނުންނެވެ. އަނެއްކާވެސް ހަސަނު ބުންޏެވެ. ފަޓުލޫނު އިސްތިރިކުރީ ކާކު ހެއްޔެވެ؟ އާދަނު ޖަވާބުދިނެވެ. މަގޭ އަންހެނުންނެވެ. އަނެއްކާވެސް ހަސަނުގެ ސުވާލެވެ. އިސްތިރިކުރާނެ އެއްޗިހި އަލަމާރިން ނަގަނީ ކާކުހެއްހެވެ؟ އާދަނުގެ ޖަވާބަކަށްވީ އަންހެނުންނެވެ.

ހަސަނު ބުންޏެވެ. އާދަނު ލާނެ ގަމީސް ކަނޑައަޅަނީ އަންހެނުންނެވެ. އޮފީހަށް އާދެވެނީ އަންހެނުން ދިން އެއްޗެއް ލައިގެނެވެ. ހެނދުނު އަންހެނުން ސައި ނުހަދއިފިނަމަ، ތިޖެހެނީ ކެންޓީނުން ސައިބޯށެވެ. މަވާ، ބައެއްފަހަރަށް އަމިއްލައަށް ބިސްގަނޑެއް އަޅައިގެން ސައި ބޮމެވެ. އަމިއްލައަށް ބޭނުންވާ ގަމީހާއި ފަޓުލޫނު ނަގާ އިސްތިރިކުރާ މޭޒުގައި ބަހައްޓަމެވެ. އާދަނުމެންގެ އަމިއްލަ އިޚުތިޔާރެއް އެކަމުގައިވެސް ނެތެވެ.

އާދަނު އެއްޗެއް ނުބުނެ އިސްޖަހާލުމުން ހަސަނު ބުންޏެވެ. ރަނގަޅަށްވިއްޔާ ތިގޭގައި ކައްކާނެ އެއްޗެއްވެސް ކަނޑައަޅާނީ އާދަނުގެ އަންހެނުންނެވެ. އެހެންވީމާ މިއަދު ތިގޭގައި ކާން ހުރި އެއްޗެއްވެސް އާދަނަކަށް ނޭނގޭނެއެވެ. އެހެންނަމަވެސް އަހަރެމެންގޭގައި ކާން ހުންނާނެ އެއްޗެއް މަށަށް އެނގެއެވެ. މިއަދު ހުންނާނީ ތޮރާ ރިހައާއި ބަތެވެ. އެއީ އިއްޔެ އަހަރެން، ގެއަށް ތޮރާ ގަންދިނީމެވެ. އާދަނުމެންނަށް ގެއިން ކާން ލިބެނީވެސް އަންހެނުން ޚިޔާރުކުރާ އެއްޗެކެވެ. އޭނާ ހިތަށް އެރި އެއްޗެކެވެ. އޭނާގެ "ޗޮއިސް" އެވެ. ވީމާ، އަނބިދަށުވެފައި މިވަނީ ކާކު ހެެއްޔެވެ؟