ސްޓެލްކޯގެ އަންހެން މުވައްޒަފުން ނަމާދު ކުރާނޭ ތަނެއް ސްޓެލްކޯ އިމާރާތުގައި ގާއިމް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިއީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާ އަހުމަދު ޝަރީފް އާދަމް ޙަވާލުވެ ވަޑައިގެންނެވުމަށްފަހު އެތަނުގެ މުވައްޒަފުންނާ ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވައި ވަޢުދެވެ ވަޑައިގެންނެވި ކަމެކެވެ. ޝަރީފް ސްޓެލްކޯގެ އެމްޑީކަމަށް އައްޔަން ކުރެއްވީ މާރޗު އެކެއްގައެވެ. މުވައްޒަފުންނާ ބައްދަލު ކުރެއްވީ މާރޗު ދެވަނަ ދުވަހުއެވެ.
މި ބައްދަލުވުމުގައި ޝަރީފްވަނީ ހުރިހާ މުވައްޒަފުންވެސް ދީނީ ކަންކަމަށް ފަރުވާތެރިކަން ބެހެއްޓުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. މި ނަސޭހަތާއެކު، ފިރިހެން މުވައްޒަފުން ކުންފުނީގެ އިމާރާތުގައި ނަމާދު ކުރާނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް ކުންފުނީގެ އިމާރާތުގައި އަންހެން މުވައްޒަފުންނަށް ނަމާދުކުރެވޭނޭ އިންތިޒާމް ހަމަޖެހިފައިނެތުމުން އެކަމަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނޭ ކަމަށް އެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވިއެވެ. "އެގޮތަށް ވިދާޅުވިތާ ތިން ވަރަކަށް ދުވަހުގެ ތެރޭގައި މި މަސައްކަތް ފެށިގެންދިއުމަކީ ކުންފުނީގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ނުހަނު ބޮޑު އުފަލެއް ލިބިގެން ދިޔަ ކަމެއް،" ސްޓެލްކޯއިން ވިދާޅުވިއެވެ.
އެމްޑީ މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ ހުރިހާ މުވައްޒަފުން ވެސް ގަޑިއަށާއި، މަސައްކަތަށް ފަރުވާތެރި ވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. އޭގެ އިތުރުން އެކުންފުންޏަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރާނެ މުވައްޒަފުންތަކެއް ތިބި ކުންފުންޏަކަށް ހެދުމަށް މަސައްކަތްކޮށްދިނުމަށް ވެސް ޝަރީފް ވަނީ އެދިވަޑައިގެންނެވިއެވެ.