ކޮވިޑް-19 އަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހެދި އާ ފެސިލިޓީ މިއަދު ހުޅުވައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ކޮވިޑް-19ގެ ބަލި މީހުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ހަދާފައިވާ އާ ފެސިލިޓީ މިހާރު ހުޅުވާފައިވާ ކަމަށެވެ.

ބްރިޖުގައި ދަތުރުކޮށްފައި ގޮސް ހުޅުމާލެއަށް އަރާ ހިސާބުގައި "އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓް ސެންޓަރު"ގެ ނަމުގައި ހުޅުވާފައިވާ އާ ފެސިލިޓީ އަކީ 272 އެނދުގެ ތަނެކެވެ. މީގެތެރޭގައި އައިސީޔޫ 44 އެނދުވެސް ހިމެނެ އެވެ.

ހުޅުމާލޭގައި ހުޅުވި އާ ކޮވިޑަށް ހާއްސަ އާ ފެސިލިޓީ އަކީ އެތަނުގައި ހުޅުވި މިފަދަ ދެވަނަ ފެސިލިޓީ އެވެ. މީގެ ކުރިން ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކުރިމައްޗަށްވާ ގޮތަށް ހުންނަ އިމާރާތް ހުޅުމާލެ މެޑިކަލް ފެސިލިޓީ ގެ ނަމުގައި ވަނީ ހުޅުވާފަ އެވެ.