ނަމަކީ އަމާނީ ޚަޠާޠިބާއެވެ. ކަމަކީ ބުރުގާ އަޅައިގެން، ދުލެއް ދިނުމެއް ނެތި އަމިއްލަ ހަނގުރާމައެއްގައި އުޅުމެވެ. އަމާނީއަކީ، އުރުދުންގެ މަންމައަކާއި ބައްޕައަކަށް އުފަން އެމެރިކާގެ ދަރިއެކެވެ. އޭނާއަކީ ނިއުޖަރޒީގެ ވަޒަންވެރި އެމެރިކާ ރައްޔިތެކެވެ.
އެމެރިކާގެ ކޮންގްރެސްގެ އިންތިޚާބުގައި ވާދަ ކުރި މުސްލިމު ކެންޑިޑޭޓުންގެ ތެރޭން އެކަކަކީ އަމާނީ ޚަޠާޠިބާއެވެ. އެމެރިކާ ކޮންގްރެސްއަށް ހޮވުނީ މިހާރުވެސް ކޮންގްރެސްގައި ތިބި މުސްލިމުން ތިން މެންބަރުންނެވެ.
އަމާނީ، އިއްޔެ ޝާލޮޓް ސިޓީން އެމެރިކަން އެއަރލައިންގައި ދަތުރަށް ފަށާފައި ވަނިކޮށް ނަސްލީ ދެކޮޅުވެރިކަމުގެ ހަސަދަވެރި އަމަލެއް ގައި، ހުދު މީހަކު މައްސަލަ ޖައްސައިގެން އަމާނީ ބޯޓުން ބާލައި ހައްޔަރު ކުރި އެވެ.
ފަސްޓް ކިލާހުގައި އޭނާއާއެކު ދަތުރުކުރި ހުދު މީހާއާ ދެމެދު މައްސަލަ ޖެހުނީ ސެކިއުރިޓީ ޗެކް ކުރުމުގެ ތެރޭގައި އަމާނީ ފައިވާން ބޭލުން ލަސްވެގެން، ކެތް މަދުވެގެން، ދޮން މީހާ ކިޔޫ ފަޅާލާފައި އަމާނީގެ ކުރިއަށް އަރައިގެން ދިއުމުންނެވެ. އެއަށްފަހު ބޯޓަށް އަރާފައި، އަމާނީގެ އަރަބި ނަސްލަށް ބަލާފައި އަމާނީއާއެކު އޭނާ ދަތުރު ކުރަން ނުތަވަސްވާކަމަށް ބުނެ މައްސަލަ ޖެއްސިއެވެ.
މި ހާދިސާ ހިނގައި ދިޔަ ގޮތް އަމާނީ ވަނީ ޓުއިޓާގައި ކިޔައި ދީފައެވެ. އަދި ހުދު މީހާއާއެކު ކުރެވުނު ޒުވާބު އެފްބީގައި ލައިވް ކޮށްފައެވެ.
އުމުރުން 28 އަހަރުގެ އަމާނީ އަކީ، އޮންލައިން މުސްލިމް ގަރލްގެ އެޑިޓަރެވެ. 2009ގައި އޭނާ މި އޮންލައިން ފެށިއިރު އުމުރަކީ 17 އަހަރެވެ.
އެމެރިކާގެ ފޯރބްސް މަޖައްލާއިން ބުރުގާއެޅި އަންހެނަކު އެމަޖައްލާގެ ބޭރު ގަނޑުގައި ޖެހުމަށް އިޚުތިޔާރު ކުރި ފުރަތަމަ މީހަކީ އަމާނީއެވެ.
ސީއެންއެން އިން ހޮވާލި އުމުރުން 25ން ދަށުގެ އެންމެ ނުފޫޒުގަދަ 25 މީހުންގެ ތެރޭން އެކަކީ އަމާނީއެވެ.
ދޮން މީހަކަސް އަމާނީ ކަހަލަ ކުއްޖަކާ ޒުވާބު ކުރަން އުޅޭނެމަ ހަމަ ބޭޒާރުވާނެ ކަން ޔަގީނެވެ. އެއަރޕޯޓް ސެކިއުރިޓީން، އަމާނީ ހައްޔަރުކުރުމަށްފަހު އިރުކޮޅަކުން އޭނާ ދޫކޮށްލިއެވެ.