އެސްޓީއޯ ގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން ތަމްސީލުކުރާނެ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެ ކުންފުނިން ބުނީ މި މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުން "އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް" އާއި އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ ޑޮކިއުމަންޓްތައް 31 މާރިޗް ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ފޯމް ހުށަހަޅާނީ [email protected] އީމެއިލް އެޑްރެހަށް ކަމަށާއި ކުންފުނީގެ ވެބްސައިޓް sto.mv ގައި ގާއިމުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް، އޮންލައިންކޮށްވެސް ހުށަހެޅޭނެ ކަމަށް ބުންޏެވެ.

ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް ކުންފުނީގެ ވެބްސައިޓް sto.mv އިން ލިބިވަޑައިގަންނަވާނެ ކަމަށާއި ޑިރެކްޓަރުކަމަށް ކުރިމަތިލައްވާ ފަރާތްތަކުގައި ހުންނަންވާ ޝަރުތުތައް ކުންފުނިން ކޮށްފައިވާ އިއުލާން ގައި ބަޔާންކޮށްފައި ހުންނާނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

މީގެ އިތުރުން ފޯމް ހުށަހަޅުއްވާ ފަރާތްތަކާއި ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީއިން އިންޓަވިއުކުރައްވާނެ ކަމަށާއި އިންޓަވިއުކޮށް، ޝޯޓް ލިސްޓު ކުރާ ކެނޑިޑޭޓުންގެ ތެރެއިން މި މަގާމަށް އިންތިޚާބުކުރުމަށްޓަކައި އަހަރީ އާންމު ޖަލްސާއަށް ނަން ހުށަހަޅާނެ ފަރާތްތައް ކަނޑައަޅާނީ ޑިރެކްޓަރުންގެ ބޯޑުން ކަމަށް ވެސް ބުންޏެވެ.

އެގޮތުން ބޯޑުން ކަނޑައަޅުއްވާ ފަރާތްތަކުގެ މައުލޫމާތު، ކުންފުނީގެ ޕޮލިސީތަކާއި އެއްގޮތަށް އާންމު ކުރެވޭނެ ކަމަށާއި ސަރުކާރު ތަމްސީލްކުރާ ޑިރެކްޓަރުންނަށް ބަދަލެއް ގެންނަވަން ބޭނުންވާނަމަވެސް 31 މާރިޗް 2022 ވަނަ ދުވަހުގެ 16:00ގެ ކުރިން ކުންފުންޏަށް އެކަން އަންގައިދިނުމަށް އެދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ވެސް މިއަދު ހުށަހަޅާފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.