ތުރުކީ ރައީސް އުރުދުޣާންގެ ދަނބިދަރިފުޅު މާލީ ވަޒީރުކަމުން ދުރުކުރައްވައިފިއެވެ. ދަނބިދަރިފުޅު، ކުރީގެ މާލީ ވަޒީރު ބީރާތް އަލްބީރަޤް ވަނީ އޭނާ އިސްތިއުފާ ދެއްވީ ކަމަށް ދައްކަވައި އިންސްޓަގްރާމަށް އޭނާގެ އިސްތިއުފާ ސިޓީ ލައްވާފައެވެ.
އަލްބީރަޤްގެ އިސްތިއުފާއާ މެދު އުފާ ކުރައްވަމުން، ކުރީގެ ބޮޑު ވަޒީރު ދާއޫދު އުޣުލޫ މަލާމާތަށް، ވިދާޅުވެފައި ވަނީ، ބާރުގައި ތިބެމެ، އިސްތިއުފާ ސިޓީ އިޝްތިހާރުކޮށްދޭނެ ފަރާތެއް ނުވީމަ، ރައްޔިތުންނަށް ބިރު ދައްކަން އެންމެ ފަހުން އިސްތިއުފާ ސިޓީ ވައްޓާލަން މިޖެހެނީ އިންސްޓަގްރާމަށް ކަމަށެވެ.
ދާއޫދު އުޣުލޫ ތުހުމަތު ކުރައްވާ ގޮތުގައި އުރުދުޣާން މީޑިއާ ކޮންޓްރޯލު ކުރައްވާ ވަރުން އުޣުލޫގެ ޕާޓީއަށް ވެސް އިދިކޮޅު ޚިޔާލެއް ފާޅުކޮށްލުމަށް ވަސީލަތެއް ނުލިބެއެވެ.
ރައްޔިތުންނަށް ޖެހިފައިވާ ހުރިހައި ބަލާއެއްގެ އަސްލަކީ، މިމީހުން ކަމަށާއި، އެފަދަ މީހުންނަށް ހެވެއް މެދުވެރި ނުކުރައްވާނެ ކަމަށް އުޣުލޫ ދެއްވި ބަޔާނުގައި ވިދާޅުވިއެވެ.
އަލްބީރަޤްއަކީ، އުރުދުޣާންގެ އެންމެ ދޮށީ އަންހެން ދަރިފުޅު، އިސްރާއާ ކައިވެނި ބައްލަވައިގެން އުޅުއްވާ ބޭފުޅެކެވެ.
އޭނާގެ މާލީ ވަޒީރު ކަމުގައި އިގްތިސާދު ވަޅުޖެހިފައިވާ ކަމަށް ވިޔަފާރިވެރިން ވަނީ ޝަކުވާ ކޮށްފައެވެ. އަލްބީރަޤްގެ ފަހުން، އައު މާލީ ވަޒީރަކަށް އުރުދުޣާން އައްޔަން ކުރައްވާފައި ވަނީ ލުތުފީ އަލްފާން އެވެ. މާލީ ދާއިރާއިން ވަނީ އަލްފާން އައްޔަން ކުރުމުން އުފާ ފާޅުކޮށްފައެވެ.
މީގެ އިތުރުން ތުރުކީގެ ސެންޓްރަލް ބޭންކްގެ ގަވަރުނަރުގެ މަގާމަށް، މާލީ ދާއިރާގެ ރަހްމަތްތެރިޔާ އަދި ކުރީގެ މާލީ ވަޒީރު، ނާޖީ އިގްބާލު ވަނީ އައްޔަން ކުރައްވާފައެވެ. މި ބަދަލުތަކައެކު ތުރުކީ ލީރާގެ އަގު ވަނީ އުފުލިގެން ގޮސްފައެވެ.
ނާޖީ އިގްބާލު އެމަގާމަށް އައްޔަން ކުރުމަށް އަލްބީރަޤް ދެކޮޅު ހައްދަވާތާ ދުވަސްކޮޅެއްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަލްބީރަޤް ގެ އިސްތިއުފާގެ ސިޓީ ދުރަށް ފޮނުވުމަށް، ޓީވީ ސްޓޭޝަން ތަކުންނާއި ތުރުކީގެ ރަސްމީ ނޫސް އެޖެންސީ އަނާޟޯލްއިން ވެސް ދެކޮޅު ހެއްޖެވެ. އަނާޟޯލް އެޖެންސީގެ ވެރިއަކީ އަލްބީރަޤްގެ ކޮއްކޯއެވެ.
ދާއޫދު އުޣުލޫ ވިދާޅުވަނީ، ގައުމުގެ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާ ކަމަށާއި، އުރުދުޣާންވެސް ގަނޑުވަރަށް މީހުން ނުވައްދަވައި ގަނޑުވަރުގައި ބަންދުވެ ރައްޔިތުންނާ އެކަހެރިވެ ވަޑައިގެން އުޅުއްވާ ކަމަށާއި، އޭނާއަށްވެސް ރައްޔިތުންގެ އިހުސާސްތައް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.