މިއަހަރު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެއްކެވި ގިނަ ވާހަކަފުޅުތަކަކީ، ނަތީޖާ ނުނެރެވޭނެ، އެއްވެސްކަހަލަ ރޭވުންތެރިކަމެއް ނެތް އަދި ދުރު ރާސްތާގެ އަމާޒެއް ނެތި ދެއްކެވި ހުސްވާހަކަފުޅުތަކެއް ކަމަށް މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަހަރު ދެއްވީ ސިޔާސީ ބަޔާނަށް ޖަވާބުދެއްވަމުން ސަލީމް މިހެން ވިދާޅުވީ ރައީސް ސޯލިހު މިހާތަނަށް އިއްވެވި އެއްވެސް ރިޔާސީ ބަޔާނެއްގައި ކީރިތި ޤުރުއާނަށް ހަޖޫ ޖަހައި، ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމް ދީނުގައި ހުކުމް ކަނޑައެޅިފައިވާ ކަންކަމަށް ގޮންޖަހައި އެމްޑީއެން އާއި އުތެމައިން ނެރުނު ރިޕޯޓު ކުއްވެރިކުރައްވާފައިނުވާ ކަމަށެވެ.

" އޭގެ ބަދަލުގައި އެ ރިޕޯޓް ނެރުނު މީހުން އަދިވެސް ތިބީ މި ސަރުކާރުގެ ބޮޑެތި މަގާމުތަކުގަ. އެފަރާތްތަކަށް ސަރުކާރުން ހިމާޔަތް ދެމުން އަންނަނީ." ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ މިސްކިތްތަކުގެ ހުރުމަތް ކެނޑުން ހުއްޓުވަމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާކަމަށާއި އެގޮތުން މިސްކިތްތަކަށް ކުޑަކަމުދާ، ކީރިތި ގުރުއާނަށް ކުޅުޖަހާމީހުން މުޖުތަމައުތެރެއަށް ދޫކޮށްލުމަކީ ނުހަނު ކަންބޮޑުވާ ކަމައް ކަމަށެވެ.

އެފަދަ ފަރާތްތައް އިސްލާހު ކުރުމަށް ކުރައްވާނެ ކަންކަން އިޔާސީ ބަޔާނުގައި ނެތުމަކީ އިސްލާމްދީނުގެ ހިމާޔަތުގައި ސަރުކާރުން މިހާތަނަށް ވެސް އަދި ކުރިމަގުގައި ވެސް މަސައްކަތެއް ނުކުރާނެ ކަން ހާމަވާ ކަމެއް ކަމުގައި ސަލީމް ވިދާޅުވިއެވެ.