ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް އެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތައް ދެނެގަތުމަށް މިނިސްޓަރ އޮފް ފިޝަރީޒް،މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ޑރ. ޙުސައިން ރަޝީދު ޙަސަންއާއި [ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން"ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ކިއު ޑޮންގްޔޫ މަޝްވަރާ ކުރައްވާފައިއެވެ.

މި ދެބޭފުޅުން މިކަމަށް މަޝްވަރާ ކުރެއްވީ މިމަހުގެ 7 އިން 8 އަށް ޑރ. ކިއު ޑޮންގްޔޫ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރ ޙުސައިން ރަޝީދު ޙަސަންއާއެކު ބޭއްވި ބައްދަލުވުމުގެއެވެ.

އެފް.އޭ.އޯ އަކީ ކާނާގެ ޔަގީންކަން އިތުރުކޮށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލްކުރަން މަސައްކަތް ކުރާ ޖަމްޢީއްޔާ އެކެވެ. އެހެންކަމުން، ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ ފުޅާ ކުރުމުގައި އެހީތެރިވެވޭނެ ގޮތްތައް ދެނެގަތުމަށް ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ. މި މަޝްވަރާ ތަކުގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މަސްވެރިކަމާއި ދަނޑުވެރިކަމުގެ މުހިންމުކަމާއި ގުޅޭގޮތުން މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވަނީ މަސްވެރިކަމާއި ދަނޑުވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ފާހަގަކުރައްވައިފައެވެ. އެގޮތުން ތެލުގެ އަގު ބޮޑުވުމާއި ބައެއް ފަރާތްތަކުން މާ ގިނައިން ކުދި މަސް އަދި ވިހާ އުމުރުގެ މަސް ބާނާ މައްސަލަ އާއި، އަދި މަސް އެކްސްޕޯޓު ކުރުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން މަސްވެރިކަމަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑުކަން އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެ އަކީ ދެމެހެއްޓެނިވި މަސްވެރިކަމަށް މަޝްހޫރުވެފައިވާ ގައުމެކެވެ. އެހެން ކަމުން އެހެނިހެން މަސްވެރިކަމަށްވުރެ ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސްވެރިކަމަކަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމުން މާކެޓް ހޯދުމަށް އެތަކެއް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ދެމެހެއްޓެނިވި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކަށް ދިމާވާ ދަތިތަކަށް އެފް.އޭ.އޯގެ ފަރާތުން ހައްލެއް ހޯދުމަށް އިތުރަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މިނިސްޓަރ ޑރ ޙުސައިން ރަޝީދު ޙަސަން ވަނީ އެފް.އޭ.އޯ ޑިރެކްޓަރ ޖެނެރަލްގެ ޑރ. ކިއު ޑޮންގްޔޫ އަރިހުގައި އެދިވަޑައިގެންފައެވެ.

މަސްވެރިކަމުގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތަކާއި އަދި ދިމާވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ވެސް މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. މި ގޮތުން ދަނޑުވެރިކަމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަ ކުރެއްވީ ބިމުގެ ދަތިކަމާއި ބިމުގެ އަގު ބޮޑުވުމުގެ މައްސަލައެވެ. މިކަމަށް އޮތް އެއް ހައްލެއްގެ ގޮތުގައި މިނިސްޓަރ ވިދާޅުވީ ކުދި ބިންކޮޅުތަކުން ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުން ކަމަށެވެ.

މިނިސްޓަރ ޑރ ޙުސައިން ރަޝީދު ހަސަން އާއި އެފް.އޭ.އޯ ޑިރެކްޓަރ ޖެނެރަލް ޑރ. ކިއު ޑޮންގްޔޫ ގެ ބައްދަލުވުމަށްފަހު، އެ ބޭފުޅުންވަނީ ކ.މަނިޔަފުށްޓަށް ވަޑައިގެންފައެވެ. އެރަށަށް ވަޑައިގެން މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ދަށުން ހިންގާ ހެޗަރީތައް ބައްލަވައިލެއްވިއެވެ. ކ.މަނިޔަފުށީގެ އިތުރުން، މިނިސްޓަރ، އެފް.އޭ.އޯގެ ޑިރެކްޓަރ ޖެނެރަލް އަދި އެހެނިހެން އިއްޒަތްތެރި ބޭފުޅުން އެންސިސް ފިޝަރީސް ކޮންޕްލެކްސްއާ ހެބިޓަސްއަށް ވަޑައިގެން އެތަނުގައި ކުރެވެމުންދާ މަސައްކަތްތައް ވަނީ ބައްލަވައިލައްވާފައެވެ. މި ތަންތަނަށް ޒިޔާރަތް ކުރެއްވުމުގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގައި މަސްވެރިކަމާ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް ދައްކައި، އެކަން ކުރިއެރުވުމުގެ މުހިންމުކަން ޙިއްސާކުރެއްވުން ކަމަށް މިނިސްޓަރ ޑރ ޙުސައިން ރަޝީދު ޙަސަން ވިދާޅުވިއެވެ.

މި ދަތުރުގައި ވަނީ އެފް.އޯ.އޭ.ގެ ފަރާތުން ތައްޔާރުކޮށްފައިވާ "ކަންޓްރީ ޕްރޮގްރާމިންގް ފްރޭމްވޯކް ފޮރ ދަ މޯލްޑިވްސް 2022 -2026" ގައި ސޮއިކުރައްވާފައެވެ. މި ފްރޭމްވޯކަކީ ކުރިއަށް އޮތް 4 އަހަރު މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭގެ ތަރައްޤީއަށް އިސްކަންދޭނެ ކަންކަމާއި ޕްރޮޖެކްޓްތައް ހިންގުމަށް މުހިންމު ދާއިރާތައް ފާހަގަކޮށް ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓެކެވެ. މި ޑޮކިއުމަންޓްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ ޙުސައިން ރަޝީދު ހަސަން އަދި އެފް.އޭ.އޯގެ ފަރާތުން ސޮއިކުރެއްވީ އެފް.އޭ.އޭ.އޯ ގެ ފަރާތުން ރާއްޖެއަށާއި ކޮލަންބޯއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް މިސްޓަރ ވިލްމެންދްރަ ޝަރަން އެވެ.