ތަޢުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލައްވާފައިވާ ރިސަރޗު ގްރޫޕުން ހުށަހަޅައިފައިވާ ކަންކަން ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ތެރެއިން ތަންފީޒު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރިސާޗު ގްރޫޕާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން ކުރިޔަށްގެންގޮސްފައިވަނީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް ވިދާޅުވީ މި ދިރާސާއަކީ ތަޢުލީމީ ދާއިރާއަށް ސަރުކާރުން ދެއްވާ އިސްކަމުގެ ތެރެއިން ތަޢުލީމު ފޯރުކޮށްދެއްވާ މަރުކަޒުތަކުގައި ތިއްބަވާ މުދައްރިސުންނަށް ދިމާވެފައިވާ މައްސަލަތަކާއި ދަތިތައް އޮޅުންފިލުވައި، ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށް އަމާޒުކޮށް ކުރެވޭ ވަރަށް މުހިންމު ދިރާސާއެއް ކަމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ތަޢުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލައްވާފައިވާ ރިސަރޗް ގްރޫޕުން ވަނީ މިހާތަނަށް ކުރެވުނު މަސައްކަތުގެ ތެރެއިން ފާހަގަކުރެވުނު މައިގަނޑު ކަންތައްތަކާ ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް މަޝްވަރާކުރައްވާފައެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނު ބައެއް ކަންތައްތަކުގެ ތެރޭގައި ޓީޗަރުންގެ މުސާރަ، ވަރކްލޯޑާއި ވަރކް-ލައިފް ބެލެންސް، މުދައްރިސުންގެ ޙައްޤުތައް، މުދައްރިސުންނަށް ކުރާ ޤަދަރާއި އިޙްތިރާމް، މަސައްކަތް ކުރާތަނާއި ވަޞީލަތްތައް، ތަމްރީނާއި ތަރައްޤީ އަދި ތަޢުލީމީ ދާއިރާއަށް ކުރާ އަސަރު ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމާއި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖޭގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާއެއް ކުރައްވަން ނިންމަވައި ރައީސުލްޖުމްހޫރިއްޔާ އެކަން އިޢުލާންކުރެއްވީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިޙާނުތަކުގެ މަތީ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ތާޖުއްދީން ސްކޫލްގައި ބޭއްވެވި ޖަލްސާގައެވެ. އެކަމަށްޓަކައި އެކުލަވައިލެވުނު 6 މެންބަރުންގެ ފަންނީ ގުރޫޕަކާ 3 މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް ހަވާލުކުރެއްވީ 31 އޮކްޓޫބަރު 2021 ގައެވެ.