އައްޑޫސިޓީ ބޮޑުފަނޑިޔާރު ތަކުރުފާނު މަގު (ލިންކް ރޯޑު) ގައިހުރި ގަސްތައް އައްޑޫ ސިޓީކައުންސިލުން ނަގައިފިއެވެ. މިކަމާ ގުޅިގެން އެތައް ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މައްސަލާގައި ބައެއް އާންމުން ގެންދަނީ އީޕީއޭއަށް ވެސް ގުޅަމުންނެވެ.

އީޕީއޭގެ ބަސް

މިމައްސަލާގައި އީޕީއޭއަށް ގުޅުމުން އެކަމާ ބެހޭ ކޮމެންޓެއް ނުކުރައްވައެވެ. ވިދާޅުވީ އައްޑޫސިޓީ ކައުންސިލަށް ގުޅުމަށެވެ. މިފަދަ ކަންކަމޭމެދު މީގެ ކުރިން އީޕީއޭ އިން ވިދާޅުވެފައިވަނީ ތިމާވެއްޓަށް ގެއްލުމެއް ލިބޭނެ ކަމެއް މަޖުބޫރު ހާލަތުގައި ވެސް ކުރެވިއްޖެނަމަ އޭގެ ބަދަލުގައި ތިމާވެއްޓަށް ފައިދާހުރި ކަމެއް ނުވަތަ ކަންކަން ކުރުމަށެވެ.

މޭޔަރު ޢަލީ ނިޒާރުގެ ބަސް

މިކަމާ ގުޅިގެން އައްޑޫސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވީ ރުއްތައް ނެގީ ދުވަސްވެ މުސްކުޅިވުމުން ކަމަށެވެ. އޭގެ އިތުރަށް ރުއްތައް ދިގުވުމުގެ ސަބަބުން ސާފުކުރަން ވެސް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ. "އެއީ އުމުރުން ވަރަށް ދުވަސްވެފައިވާ ރުއްތަކެއް. ރުއްތައް އިންތިހާއަށް ދިގުވެއްޖެ. އެހެން ކަމުން ސާފުކުރަން ވެސް ދަތި. އޭގެ އިތުރުން އެއިން ރުކެއްގައި އެއްޗެއް އަޅަނީއެއްނޫން. ފައިދާއަށްވުރެ ގެއްލުން ބޮޑު. ރަނގަޅު ހިޔަލެއް ލިބެނީއެއްނޫން،" ރުއްތައް ނަގާލަން ޖެހުމާ ބެހޭގޮތުން މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ރުއްތައް ދިގުވުމުގެ ސަބަބުން ދޭތެރެދޭތެރެއިން ރުކެއް ވެއްޓެމުންދާ ކަމަށެވެ. އެގޮތަށް ވެއްޓޭ ރުއްތަކުގެ ސަބަބުން ދުއްވާއެއްޗެއްސަށް ވެސް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެން އިންދާނީ ކޮންކަހަލަ ގަހެއް

ނިޒާރު ވިދާޅުވީ ލިންކް ރޯޑު ދިއްލުމުގެ މަޝްރޫއެއް ކުރިއަށް އެބައޮތް ކަމަށެވެ. އެ މަޝްރޫއުގެ ދަށުން އެ މަގުގައި ގަސް އިންދަން ވެސް ވަނީ ނިންމައިފައެވެ. އެގޮތުން އަނބުގަހަކީ އައްޑޫގައި ހެދޭ ހިޔާބޮޑު ގަހެއް ކަމަށް ވިދާޅުވިއެވެ. މަސައްކަތް ކުރައްވާނީ އަނބުގަސްތައް އިންދަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަނބުގަސް އިންދުމުގެ ވާހަކަތައް ދެކެވުނަސް އިންދާނީ ކޮންވައްތަރެއްގެ ގަހެއް ގަހެއްކަން ފައިނަލް ކުރާނީ މަޝްވަރާތަކަށްފަހު ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

ކަންބޮޑުވާ ބައެއް މީހުންގެ ބަސް

ލިންކުރޯޑުގެ "ރުއްފަށާ" ގެ ނަމުން މަޝްހޫރުވެފައިވާ ރުއްތައް ނެގެމުން އެކަމާ ކަންބޮޑުވެ ވަރަށްގިނަމީހުން ގެންދަނީ ޚިޔާލުފާޅު ކުރަމުންނެވެ. އަދި އީޕީއޭއަށް ގުޅައިގެންވެސް ގެންދަނީ ޝަކުވާ ކުރަމުންނެވެ. އެފަދަ މީހުން ބުނަނީ މިއީ ތިމާވެއްޓަށް ކަނޑައެޅިގެން ގެއްލުން ދިނުން ކަމަށެވެ.

ހައުސިން މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރ އަހުމަދު އަމަން ރުއްފަށުގެ އެހާރާއި މިހާރުގެ ފޯޓޯއެއް ފޭސް ބުކުގައ ހިއްސާ ކުރަމުން ވިދާޅުވެފައިވަނީ "ކަންކަންވާކަން ދައްކަން އެއްމެރަނގަޅީ ކުރަން ފަށާފައިހުރި ކަން ކަން ނިމޭތޯ ބެލުން." ކަމަށެވެ.

ޝަރަފުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ޑރ. އަޙުމަދު އަދީލް ނަސީރު ވިދާޅުވެފައިވަނީ "އަފިރިން ލޯފިހަގައްމެއި ރިޑިގަދަނިވޭހެއް ނުނީ. ހެއުކޮށް މަންޒަރަ ބަލަފެލެއު. މަށް ފެނޭ މަންޒަރަކީ ރައްޔިތުންނަށް ކަންކަން ކޮށްނިދީގެން ކައުންސިލުން ދަންޖެހޭތަން. އާރާސްތު ނިވޭފެހޭ، ފަނާކޮށްގެންވިޔަސް ކޮންމި ދުވަހަކިޔަސް ކޮންމިޔަސް ޕްރޮޖެކްޓައް ތެބެ ހިނގުވަތާ. ﷲއަށް ހަމްދުކޮށްގެން ދުއާކެރައި،" ކަމަށެވެ.