މާލެ އަތޮޅު ގާފަރު އިންޖީނުގޭ ފުރާޅުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

މިއީ ސަރުކާރުގެ އިޔާދަކުރަނިވި ހަކަތައިގެ ސިޔާސަތުގެ ދަށުން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން ހިންގާ ޚާއްސަ ޕްރޮގްރާމެކެވެ. މި މަޝްރޫއުގެ ދަށުން ގާފަރު އިންޖީނުގޭ ފުރާޅުގައި 66.96 ކިލޯވޮޓްގެ ހަކަތައުފެއްދޭ ސޯލާ ހަރުކުރެވޭނެއެވެ.

ސްޓެލްކޯއިން މަސައްކަތްކުރައްވަނީ "ފެހި ދިރިއުޅުން" ނަމުގައި ތިމާވެއްޓާ ރައްޓެހި ހަކަތައާއި ދިމާއަށް އެކުންފުނި ގެންދިއުމަށެވެ. އިންޖީނުގެތަކުގެ ފުރާޅުގައި ސޯލާޕެނަލް އިންސްޓޯލް ކުރުމުގެ މަސައްކަތަކީ މި ހަރަކާތުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މިއީ މިދިޔައަހަރު އޭޕްރީލް މަހު އިއުލާން ކޮށްގެން ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމެކެވެ.

ސްޓެލްކޯއިން މަސައްކަތް ކުރައްވަނީ އެކުންފުނީގެ ދަށުން ހިންގާ ހުރިހާ އިންޖީނުގެއެއްގެ ފުރާޅުގައި ސޯލާ ހަރުކުރުމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަރީފް އާދަމާއި ބޯޑުގެ ބައެއް މެމްބަރުންނާއި އިސްވެރިން ވެސް މިއަދު ވަނީ ގާފަރަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ބައްދަލުކުރައްވައިފައެވެ.