ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ.

އެގޮތުން 2022 މާރިޗު 1 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ބާވަތެއް ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމް.ޑީ.އެމް.އޭ. (MDMA – 546grams) އަދި މެފެޑްރޯން (Mephedrone – 585grams) އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

2022 މާރިޗު 6 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން (Cocaine – 2.228kgs) އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.359 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 12,953,500.00 (ބާރަ މިލިއަން ނުވަސަތޭކަ ފަންސާސް ތިންހާސް ފަސްސަތޭކަ) ރުފިޔާއަށް އަރައެވެ. މިމައްސަލަތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި، މައްސަލަ ތަކާއި ގުޅުންހުރި ދެ ފަރާތެއް މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޙަވާލުކުރެވިފައެވެ.

މިދިޔަ ޖަނަވަރީ މަހު ފަހުކޮޅު ކަސްޓަމްސްގައިވަނީ މަސްތުވާތެކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް ހަރުދަނާކޮށް އިތުރަށް ފުޅާކުރުމަށް ސްޕެޝަލް އޮޕަރޭޝަންސްގެ ޓެކްޓިކަލް ޓީމެއް ތައާރަފްކުރެވި މާލެއާ ރީޖަނަލް ކަސްޓަމްސްތަކުގައި ހަރަކާތްތެރިވާން ފަށާފައެވެ.