ފޯވާޑް މާކޯސް ރަޝްފޯޑަށް މިވަގުތު އެންމެ މުހިއްމީ ޓީމް މޭޓް ޖޯޑަން ސަންޗޯ ނަމޫނާއަކަށް ބަލައިގެން ޕްރެކްޓިސްތަކުގައި މަސައްކަތް ކުރުން ކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗް ރަލްފް ރަންގްނިކް ބުނެފިއެވެ.

މިސީޒަނުގެ ނިޔަލަށް މެންޗެސްޓަރ ޔުނައިޓެޑާއި ހަވާލުވެ ހުރި ރަންގްނިކް މިހެން ބުނީ އެހެން ކްލަބަކަށް ރަޝްފޯޑް ބަދަލުވާން އުޅޭކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ.

"ރަޝްފޯޑާއި އަހަރެން ވާހަކަ ދެއްކިން. އޭނާ ހުރީ މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލާ ގޮތަކަށް ނޫން. ޓްރާންސްފާ މާކެޓްވެސް މިހާރި މިއޮތީ ނިމިފައި. އިތުރަށް މަސައްކަތްކޮށް ފެންވަރު މަތިކުރަން ބޭނުންވާ ވާހަކަ ރަޝްފޯޑް ބުނި. އޭނާއަށް ބޭނުންވަނީ ސަންޗޯ (ޖޯޑަން ސަންޗޯ) ނަމޫނާއަކަށް ބަލައިގެން މަސައްކަތް ކުރުން" ރަންގްނިކް ބުންޏެވެ.

ރަޝްފޯޑަށް މެންޗެސްޓަރ ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން އެންމެފަހުން ޖާގަ ލިބުނީ ޕްރިމިއަރ ލީގުގައި މީގެ އެއްމަސް ކުރިން ސައުތެމްޓަންއާ އެއްވަރުވި މެޗުގައެވެ. ރަންގްނިކުގެ އިރުޝާދުގެ ދަށުން މިހާތަނަށް މެންޗެސްޓަރ ޔުނައިޓެޑް 18 މެޗް ކުޅެފައިވާއިރު ރަޝްފޯޑުގެ ބޭނުން 14 މެޗުގައި ވަނީ ކޮށްފައެވެ.

ޕްރިމިއަރ ލީގުގެ ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ މެންޗެސްޓަރ ޔުނައިޓެޑް މިރޭ 22:30 ގައި ޓޮޓެންހަމްއާ އަމިއްލަ ދަނޑުގައި ނުކުންނާނެއެވެ.