ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު މިހާރު ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ޕެޓްރޯލާއި ޑީސަލްގެ އަގުބޮޑުވިޔަސް ސްޓެލްކޯއިން ރައްޔިތުންނަށް ދެމުން ގެންދާ ކަރަންޓުގެ ޚިދުމަތުގެ އަގު ބޮޑު ނުވާނޭ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީ އަޙުމަދު ޝަރީފާ އާދަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ތެލުގެ އަގުބޮޑުވުމާ ގުޅިގެން ސްޓެލްކޯއިންދޭ ކަރަންޓުގެ ޚިދުމަތުގެ އަގު ބޮޑުނުކުރާނެ،" ކަމަށެވެ. ސަރުކާރުން ވަނީ ފުލެޓު ރޭޓެއްގައި ސްޓެލްކޯއަށް ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމެއް ހަމަޖައްސަވައި ދެއްވާފައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުބޮޑުވާ ވަރަކަށް ބައެއް ވިޔަފާރިތަކުންނާއި އެހެނިގެން ޚިދުމަތްދޭ ތަންތަނުން ގެންދަނީ ޚިދުމަތުގެ އަގު ބޮޑުކުރަމުންނެވެ. ކޮންމެ ހަފްތާއަކު ކަހަލަ ގޮތަކަށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުދަނީ އުފުލެމުންނެވެ.