ފުޓްބޯޅައިގެ ތާރިހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް، ޕޯޗުގަލް އާއި މެންޗެސްޓަރ ޔުނައިޓެޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ރޭ މުގުރާލައިފިއެވެ.

ފުޓްބޯޅައިގެ ތާރިހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް ރޮނާލްޑޯ ހޯދީ ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑުގެ އޯލްޑްޓްރެފޯޑުގައި ޓޮޓެންހަމް ކޮޅަށް ހެޓްރިކް ހަދައިގެންނެވެ. މިމެޗް ޔުނައިޓެޑުން ކާމިޔާބު ކުރީ 3-2 އިންނެވެ.

ޓޮޓެންހަމް ކޮޅަށް ރޮނާލްޑޯ،37، ރޭ ކާމިޔާބު ކުރި ތިންލަނޑާއެކު އޭނާގެ ކެރިޔަރުގައި ކާމިޔާބު ކުރި ލަނޑުތަކުގެ އަދަދު 807 ވަނީ އަރައިފައެވެ. އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ކުރިން އޮތީ، ތަފާތު 2 ގައުމެއްގެ ގައުމީ ޓީމު (އޮސްޓްރިއާ އަދި ޗެކޮސްލާވާކިޔާ) ކުރިން ތަމްސީލް ކުރި ފޯވާޑް ޖޯސެފް ބައިކަން އަތުގައެވެ. 1957 ވަނަ އަހަރު ބައިކަން ކުޅުން ހުއްޓާލިއިރު 805 ލަނޑު އޭނާ ކާމިޔާބު ކުރިކަމަށް ތަފާސް ހިސާބުތަކުގައި ވަނީ ރެކޯޑް ކުރެވިފައެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ކާމިޔާބު ކުރި ހެޓްރިކަކީ އޭނާގެ ކެރިޔަރުގެ 59 ވަނަ ހެޓްރިކެވެ. އަދި ޕްރިމިއަރ ލީގުގައި ކާމިޔާބު ކުރި 2 ވަނަ ހެޓްރިކެވެ.

ލަނޑު ޖެހުމުގެ ގިނަ ރެކޯޑްތަކެއް މިހާރު ހުރީ ރޮނާލްޑޯގެ ނަމުގައެވެ. މީގެ ތެރޭގައި ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑާއި ގައުމީ ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައި ދިނުމުގެ ރެކޯޑާއި މަޝްހޫރު ރެއާލް މެޑްރިޑަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިނުމުގެ ރެކޯޑް އޮތީވެސް ރޮނާލްޑޯ އަތުގައެވެ.