މިހާރު ކަނޑައަޅާފައިވާ ޓެކްސީ އަގަށްވުރެއް ބޮޑު އަގު ނަގާނަމަ ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކާމެދު ފިޔަވަޅު އަޅާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާސްޕޯޓުން މިހެން ބުނެފައިވަނީ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑު ކުރުމަށް އެ މިނިސްޓްރީގައި ސެންޓަރުތަކުން އެދުނު އެދުމާ އެއްގޮތަށް އެ ހުއްދަ ދީފައިނުވާ ކަމަަށް ބުނެ ސެންޓަރުތަކުން އަމިއްލައަށް ކަނޑައެޅި ބޮޑު އަގުގައި ދަތުރުތައް ކުރަން ފަަށާފައި ވަނިކޮށް ދެންމެ ނެެރުނު ނޫސްބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ޓެކްސީ ހުއްދަ ދިނުމާއި އަގު ކަނޑައެޅުމަކީ ހިދުމަތް ހޯދާ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރެވޭ ގޮތަށް ކަނޑައަޅާފައިވާ ކަމެއް ކަމަަށެވެ.

އަދި ތެލުގެ އަގަށް އައި ބަދަލާއެކު ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރުމަށް އެދި 16 ސެންޓަރެއް ހިމެނޭ ގޮތުން މާޗް ހަތްވަނަ ދުވަހު ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތަކުން ޓެކްްސީ ހިދުމަތުން އަގު ނަގާނެ ގޮތާ ގުޅޭގޮތުން ސިޓީއެއް ލިބިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ވަނީ ޓެކްސީ ގަވާއިދުގެ ދަށުން ކަނޑަައަޅާފައިވާ އަގަށް ވުރެ ބޮޑު އަގެއް ނުނެގުމަށާއި ޓެކްސީ ހިދުމަތަށް ބުރޫނާރާނެ ގޮތަށް ހިދުމަތް ދެމުން ގެންދިއުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ގަވާއިދުން ބާރު ލިބިގެން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގު ނަގާ ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

މީގެ އިތުރުން ޓެކްސީ ޑްރައިވަރުން ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖާ ގުޅިގެން އަދި އެ ރޭ ޓެކްސީ ހިދުމަތް ހުއްޓާލުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ތަކުލީފު ކުރިމަތިވީ ކަމަށް ބުނެފައެވެ.

ހުކުރު ދުވަހުގެ ރެއިން ފެށިގެން ޓެކްސީތަކުން ގެންދަނީ ދަތުރުތަކުގައި ބޮޑު އަގު ނަގަމުންނެވެ. އެކަމާއި ގުޅިގެން އާންމުންގެ ޝަކުވާ ބޮޑުވެ ސަރުކާރަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.