ކޮވިޑާ އެކު ރާއްޖެއިން ހޭދަކުރި ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދަށް ގާތްގަނޑަކަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިރޭ ގައުމާ މުޚާޔަބު ކުރައްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކޮވިޑްގެ ސަބަބުން ގައުމުތަކުގެ އިގްތިސާދީ ހަރަކާތްތައް ހުއްޓެމުން ދިޔައިރު، މުޅި ދުނިޔޭގެ ނިސްބަތުންވެސް، އިގްތިސާދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށް ލަފާކުރެވުނީ ރާއްޖެއަށް ކަމަށެވެ.

ކޮވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައިވެސް ސަރުކާރުން މަސައްކަތްކުރެއްވީ، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދެއްވަން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދައުލަތުގެ ފުދުންތެރިކަން ހުރި މިންވަރަކުން، ތަފާތު ގޮތްގޮތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.

"ގޭބިސީތަކުގެ ކަރަންޓާއި ފެންބިލްތަކުން ޑިސްކައުންޓްތަކެއް ދެވުނު. ވަޒީފާ ގެއްލުނު މީހުންނަށާއި، މުސާރަ ދަށްވި މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދެވުނު. ލޯނު ނަގާފައިވާ މީހުންގެ ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކޮށްދެވުނު. ވަޒީފާތަކުން މީހުން ވަކިނުކުރުމަށް ޝަރުތުކޮށް، ވިޔަފާރިތަކަށް ލުއި ލޯނު ދޫކުރެވުނު. އިޖުތިމާއީ ރައްކާތެރިކަމަށް ބޭނުންވާ މީހުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދެވުނު. ރިސޯޓުތަކުގެ ކުލި ދެއްކުން ފަސްކޮށްދެވުނު،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ޚިތާބުގައި ވަނީ ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދުން ފެށިގެން ނިމުމަކަށް ގެންނަވައިފިކަން އިއުލާން ކުރައްވައިފިއެވެ. އެކަން އިއުލާން ކުރެއްވުމަށްފަހު ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި އެންމެ ހަލުވިކޮށް އިގްތިސާދި ކުރިއަރާނޭ ކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ލަފާކުރާ ފަސް ގައުމުގެ ތެރޭގައި، ރާއްޖެ ވެސް ހިމެނޭ ކަމަށެވެ. އެކަމުގެ ހަގީގީ ސިއްރަކީ ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް، ރާއްޖޭގެ ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ހަމައެފަދައިން، އިގްތިސާދު އަލުން ކޮޅަށްޖެހުމުގައި، ދިވެހި ރައްޔިތުންނާއި، ރާއްޖޭގައި ހިންގާ ވިޔަފާރި ކުންފުނިތައް ހިތްވަރާއި އަޒުމާއެކު، ވަރުބަލިވުމެއްނެތި ކުރި މަސައްކަތް. އެ ބުރަ މަސައްކަތަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ، ކޮވިޑާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވި ސިއްހީ ދާއިރާގެ އެންމެހައި ޚިދުމަތްތެރިން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީ. ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް ތަންފީޒު ކުރުމުގައި، ދިވެހި ސިފައިންނާއި، ދިވެހި ފުލުހުންނާއި، އެހެން މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތް ކުރައްވާ ދަރުމަވެރިން ކުރެއްވި މިންނެތް މަސައްކަތް،" ރައީސް ވިދާޅުވިއެވެ.