ކޮންމެ ދެމފަރިއަކުވެސް ކައިވެނިކޮށް ޒަވާޖީ ޙަޔާތެއް ފަށަނީ އުފާވެރި ދިރިއުޅުމެއް ވެއެތުކުރުމަށެވެ. ކައިވެނިމަތީގައި އުމުރަށް ދެމިތިބުމަށެވެ. އެހެންނަމަވެސް ވަރަށް ގިނަ ކައިވެނިތައް ރޫޅެނީ އެކަމަށްދޭންވާ އެއްބާރުލުން ނުދެވިގެނެވެ.

ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ވަރި ގިނަ ގައުމެކެވެ. މިހެން މިކަން މިވަނީ، ޖެހޭ ކުދުކުދި މައްސަލަތަކާވެސް އަވަހަށް ވަރިފަށަށް އަރާތީއެވެ. ކޮށްލެވޭ ކުޑަކުޑަ ކަމަކުން ކައިވެނި ރޫޅި ދެމީހުން ވަކިވާތީއެވެ. މިގޮތަށް މިކަން ވިޔަ ނުދިނުމަށްޓަކައި ދެމަފިރިންވެސް މަސައްކަތް ކުރަންޖެހެއެވެ. ކައިވެންޏެއްކޮށް ޒަވާޖީ ޙަޔާތެއް ފަށަންވާނީ އެކީގައި ދިރިއުޅުމަށްޓަކައި ގުރުބާނީތައްވާން ޖެހޭނެކަން ދަނެގެންނެވެ.

ވަރަށް ފަހުން ރާއްޖޭގެ ޝެއިޚެއްގެ ތަގުރީރެއް އަޑުއެހީމެވެ. ތަގުރީރުގައި ޝައިޚު ވިދާޅުވީ ކައިވެނިކޮށްގެން ހަނީމޫނަށް ގޮސް ރާއްޖެއިން ބޭރުގައި އުޅެނިކޮށް އެކްސިޑެންޓަކުން އަނބިހާ ވެއްޓުމުން ފިރިމީހާ ދުވެފައި އައިސް ނެގި ވާހަކައެވެ. ލޯބިން ފިރުމައި އޭނާ އަށް އަނިޔާއެއް ވީތޯ ބަލައި ހެދި ވާހަކައެވެ. ނަމަވެސް އޭގެ އެއް ހަރު ފަހުން ރާއްޖެއިން ބޭރުގައި އުޅެނިކޮށް އަނބިމީހާ ހަމަ އެގޮތަށް ވެއްޓުމުން ފިރިމީހާ ރުޅި އައިސް އަނބިމީހާ އާއި ދިމާއަށް އެއްޗިހި ކީ ވާހަކައެވެ. އޭނާގެ ފަރުވާކުޑަކަމުން ވީކަމެއް ކަމަށް ބުނެ އަނބިމީހާ ކުށްވެރިކޮށް އޭނާ ކޮޅަށް ތެދުވުމަށްވެސް އެހީތެރި ނުވި ވާހަކައެވެ. ހަގީގަތުގައި ކައިވެނިތައް ރޫޅޭން ދިމާވަނީ މިހެންވެއެވެ. ގިނަ ދުވަސް ވުމުން ދެމީހުންގެ މެދުގައި އޮންނަ ލޯބި ފަނޑުވަމުން ދިޔުމުންނެވެ.

މިއީ ހަމައެކަނި ފިރިމީހާގެ ފަރާތުން ފެންނަ ކަންތައްތަކެއް ނޫނެވެ. ކައިވެނީގައި ގިނަދުވަސް ވުމުން އަނބިމީހާވެސް ފަރުވާ ކުޑަ ކުރެއެވެ. ކައިވެނީގެ ކުރީކޮޅުގައި ދިން ލޯބި ހަނދާން ނެތެއެވެ. ފިރިމީހާގެ ބޭނުންތަކާއި އޭނާގެ އިހުސާސްތަކަށް ސަމާލުކަން ނުދެވުމުން ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ދުރުވާން ފަށައެވެ. އެހެން ދިމަދިމާއަށް ފިރިންގެ ލޯތައް އަމާޒުވާން ފަށައެވެ.

ދިވެހީން ކައިވެނި ކުރަނީ އެކަކު އަނެކަކު ދަސްކޮށްގެނެވެ. އެތައްދުވަހަކު ވާހަކަ ދައްކާ ދެމީހުންގެ އުޅުމާއި މިޒާޖު އެނގިގެނެވެ. ވީއިރު ކައިވެނިކޮށް، ދުވަސް ކޮޅެއްވާއިރަށް އަނބި މީހާ ނުވަތަ ފިރިމީހާ އުޅޭގޮތް ކަމުނުގޮސްގެން އޭނާ ބަދަލުކުރަން އުޅުމަކީވެސް ޒަވާޖީ ޙަޔާތަށް ނިމުމެއް އަތުވެދާނެކަމެކެވެ. މިޔަނިތަނަކަށް ނުދިޔުމަށް އެއަނި ކުލައެއްގެ ހެދުން ނުލުމަށް ބުނާހިސާބަށް ދިޔުމުން މައްސަލަތައް ކުރިމަތީވާނެއެވެ.

އެހެންކަމުން ދެމީހުންވެސް އެކަކު އަނެކެއްގެ އިހުސާތައް ދަނެ، އެކަކު އަނެކަށް އިޙުތިރާމްކޮށް ލޯބި ފަނޑުވިޔަނުދީ އުޅެވޭތޯ މަސައްކަތްކުރަށްވާނެއެވެ. ގޮތް ދޫކުރުމަކީ ހަމަ އެކަނި ވަކި މީހެއްގެ ކަމެއް ކަމަށް ނުހަދައި ދެމީހުންވެސް ކައިވެނި ރޫޅުނަ ނުދީ އުފާވެރި ޙަޔާތެއް ވޭތުކުރެވޭތޯ މަސައްކަތް ކުރުމުން ޒަވާޖީ ޙަޔާތް ބާއްޖަވެރިވާނެއެވެ. ކައިވެނީގެ އުފަލާއި ހިތްހަމަޖެހުން ލިބޭނެއެވެ.