މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި ކުރީގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ދެ ބޭފުޅެއްގެ މައްޗަށް ޖިނާޢީ ދަޢުވާކުރުމަށް އޭސީސީން ޕީޖީއަށް ފޮނުވި މައްސަލައިގެ ތަހުގީގް އިތުރަށް ފުރިހަމަ ކުރުމަށް އޭސީސީގައި ޕީޖީ އޮފީހުން އެދިއްޖެއެވެ.
ކުރީގެ ފިނޭންސް މިނިސްޓަރ ކަމާ ނައިބުރައީސްގެ މަޤާމުވެސް ފުރުއްވި ޢަބްދުﷲ ޖިހާދާއި ކުރީގެ ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރުގެ މައްޗަށް ދަޢުވާކުރަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތެވެ. އަދި ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރައްވާފައިވަކަމުގެ ތުހުމަތާއި ދައުލަތުގެ މުވައްޒަފެއްގެގޮތުގައި ހުރެ ރަސްމީ ހައިސިއްޔަތުން ވާޖިބު އަދާކުރުމުގައި އެނގި ހުރެ، ގާނޫނުގައި ހުއްދަ ކޮށްފައި ނުވާކަމެއް ކޮށްފައިވާކަމުގެ ތުހުމަތެވެ. މީގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ މިބޭފުޅުންގެ މައްޗަށް ކުރަން ފޮނުއްވާފައިވާކަމަށް އޭސީސީން ވަނީ ވިދާޅުވެފައެވެ.
މި ދެ ބޭފުޅުންގެ މައްޗަށް މި ދަޢުވާތައް ކުރައްވަން އޭސީސީން ނިންމެވީ ޓުއަރިސްޓު ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ކުރީގެ ސަރުކާރުން ވެފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުންތަކެއްގެ ދަށުން ސަރުކާރުގެ ހިއްސާ އެކުލެވޭ ގޮތަށް ސޮއިކޮށްފައިވާ ހަތް އެއްބަސްވުމަކާ ގުޅޭ މައްސަލަތަކެއްގައެވެ. އަދި މިއީ މި އެއްބަސްވުމުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށުގެ ޑިވެލޮޕްމަންޓް ފޭސް ފުރިހަމަވުމުން، އެއްބަސްވުމުގައި ހިމެނޭ އަމިއްލަ ޙިއްސާދާރަށް، ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކަށް، ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާއިނުލާ ދޫކޮށްލަން ލާޒިމްވާގޮތަށް “ޕުޓް-އޮޕްޝަން ރައިޓް” ހިމަނާފައިވާކަމަށް ބުނެ ކޮމިޝަނަށް ހުށަހެޅި މައްސަލައެއްކަމަށްވެސް އެސީސީން ވިދާޅުވެއެވެ.
އޭސީސީން ދައުވާކުރާ މައްސަލައިގައި ހިމެނޭ ހަތް ރަށަކީ ބ.ތިލަދޫ، ށ.ހުރަސްފަރު، ށ.ނާއިންފަރު، ރ.ފަސްމެންދޫ، ކ.އެނބޫދޫ ފިނޮޅު، ކ.ކޮއްދިއްޕަރުފަޅު (ދިއްދޫފިނޮޅު) އަދި ކ.ކޮއްދިއްޕަރުފަޅު (އަމީންގިރި) އެވެ.
މިކަމާ ގުޅިގެން އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެރަށްތަކުގެ ތެރެއިން ބ.ތިލަދޫ ފިޔަވައި ދެން ހުރި ރަށްތަކަކީ ދިވެހިރާއްޖޭގެ ޓޫރިޒަމް އާ ބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިސްނާ ހާލަތުގެ ދަށުން އިއުލާނުކޮށްގެން ރަށްތައް ކުށްޔަށް ދިނުމުގެ ބަދަލުގައި ސަރުކާރު ހިއްސާވާ ގޮތަށް އުފައްދާ ޖޮއިންޓް ވެންޗަރ އެގްރީމެންޓްތަކެއްގެ ދަށުން ޖޮއިންޓް ވެންޗަރ ކުންފުނިތަކެއް ހަދާ ލީސް އެގްރިމެންޓް ހެދުމަށްފަހު ކުށްޔަށް ދޫކޮށްފައިވާ ރަށްތަކެއް ކަމަށެވެ.
ޖޮއިންޓް ވެންޗަރ އެގްރީމެންޓުތަކުގައި ކުއްޔަށްދޫކުރާ ރަށުގެ ކޮންސްޓްރަކްޝަން އެންޑް ޑިވޮލޮޕްމަންޓް ފޭސް ފުރިހަމަ ވުމުން ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ސަރުކާރު %5 ހިއްސާ ޖޮއިންޓް ވެންޗަރ ކުންފުނީގައި ހިމެނޭ އަމިއްލަ ހިއްސާދާރަށް އެއްވެސް އަގަކާއިނުލާ ބަދަލުކުރޭވޭނެ ގޮތަށް “ޕުޓް-އޮޕްޝަން ރައިޓް”ހިމަނާފައިވާ ކަމަށްވެސް އޭސީސީގެ ބަޔާނުގައި ވެއެވެ.
އޭސީސީން ވިދާޅުވީ ބ.ތިލަދޫ ފިޔަވާ ދެން ހުރި ރަށްތައް ދިނުމުގެ އެގްރިމެންޓްތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޢަބްދުﷲ ޖިހާދު ކަމަށާ އަދި ބ. ތިލަދޫ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޢަހްމަދު މުނައްވަރުއެވެ.