އައްޑޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އާއި ޕްރައިމް މޯލްޑިވްސް ގުޅިގެން އައްޑޫ ސިޓީގައި ހިންގި ދަނޑުވެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އައްޑޫސިޓީގެ ގުޅިފައިވާ އަވަށްތަކަށާއި ވަކިން އޮންނަ ހުޅުދޫ އަދި މީދޫގައެވެ. ގުޅިފައިވާ އަވަށްތަކަށް ޚާއްސަކޮށްގެން ހިންގި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ހިތަދޫގައެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މާޗު 10 އިން 12 އަށެވެ. ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އައްޑޫ ސިޓީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުނސިލަރު އަހްމަދު ސައީދެވެ. މި ރަސްމިއްޔާތު އޮތީ މާޗު 12 ވަނަ ދުވަހު ހަވީރު އައްޑޫ ހައި ސުކޫލުގައެވެ.

ހިތަދޫގައި ހިންގި ޕްރޮގްރާމުގައި 26 މީހަކު ބައިވެރިވިއެވެ. ހަލިނިއުސްއަށް މައުލޫމާތު ދެއްވަމުން ޑަބްލިޔުޑީސީގެ ރައީސާ ނުސްރަތު ރަޝީދު ވިދާޅުވީ، މި ޕްރޮގްރާމަކީ ޕްރައިމް މޯލްޑިވްސްގެ "ނަމޫނާ ދަނޑުވެރިޔާ" ޕްރޮގްރާމުގެ ދަށުން، ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.

ހުޅުމީދޫގައި ހިންގި ޕްރޮގްރާމުގައި 21 މީހަކު ވަނީ ބައިވެރިވެފައެވެ. އެ އަވަށުގައި ޕްރޮގްރާމް ހިންގާފައިވަނީ މާޗު 13 އިން 15 އަށެވެ. މި ޕްރޮގްރާމަކީ އައްޑޫ ސިޓީގައި ދަނޑުވެރިކަން ކުރިއަރުވައި އާލާ ކުރުމާއި ދަނޑުވެރިންނަށް ކަމުގެ މައުލޫމާތާއި ހުނަރު ދަސްކޮށްދިނުމަށް ހިންގި ހަރަކާތެކެވެ. ދަނޑުވެރީންގެ އިތުރުން ގޭދޮށުގައި ގަސް އިންދާ ހައްދާ މީހުން ވެސް ވަނީ މި ޕްރޮގްރާމުގައި ބައިވެރިވެފައެވެ.

މި ޕްރޮގްރާމުގައި، ބައިވެރިންނަށް ތަމްރީނާއި މައުލޫމާތު ދެއްވާފައި ވަނީ ޕްރައިމް މޯލްޑިވްސްގެ ފަންނީ ބޭފުޅުންނެވެ.

ޕްރައިމް މޯލްޑިވްސްއާ ގުޅިގެން މިފަދަ އެހެން ޕްރޮގްރާމެއް މި ދައުރު ނިމުމުގެ ކުރިން ބޭއްވުމަށް އުންމީދު ކުރައްވާ ކަމަށް އައްޑޫ ސިޓީގެ ޑަބްލިޔުޑީސީގެ ރައީސާ ވިދާޅުވިއެވެ.