ތަރަށްޤީވެފައިވާ ގައުމުތަކުގަޔާއި ތަރަށްޤީވަމުން އަންނަ ގައުމުތަކުވެސް ކައިވެނި ކުރާ އުމުރު ލަސްކުރުން ވަރަށް ބޮޑަށް އާންމު ވެއްޖެއެވެ. ހަމަ މި ބީދައިން ރާއްޖޭގައިވެސް ޅައުމުރުގައި ކައިވެނި ކުރުން މަދުވާން ފަށައިފިއެވެ. ނަމަވެސް މިއީ ރާއްޖޭގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތު މައުޟޫއެކެވެ.

ބައެއް މީހުން ގަބޫލުކުރާގޮތުގައި، ޚާއްޞަކޮށް އިސްރަށްވެހިންގެ ނަޒަރުގައި ޅައުމުރުގައި ކައިވެނިކޮށް އާއިލާއެއް ފެއްޓުމަކީ މުހިންމު ކަމެކެވެ. ނަމަވެސް މިހާރުގެ ތަޢުލީމީ ޒުވާނުން ޤަބޫލުކުރާގޮތުގައި އާއިލާއެއް ފެއްޓުމަށްޓަކައި ރަނގަޅު ތަޢުލީމެއް ހޯދައި އަމިއްލަ ފައިމައްޗަށް ތެދުވުމަކީ ޒަވާޖީ ޙަޔާތް ކާމިޔާބުކުރުމާއި އާއިލީ ދިރިއުޅުމަކަށް އެޅޭ ރަނގަޅު ބިންގަލެކެވެ.

ޢިލްމީ އަދި ސިއްޙީ ދިރާސާތަކުން ހާމަވާގޮތުގައި މާ، ޅައުމުރުގައި ކައިވެނި ކުރުމުން ޚާއްޞަކޮށް އަންހެންކުދިންގެ ދަރިމައިވުމުގެ ސިއްޙަތަށް ނުރަނގަޅު އަސަރުކުރެއެވެ. އަދި ނަފުސާނީ ގޮތުން އާއިލާ އެއް ބިނާކުރުމަށް ދެފަރާތްވެސް ރަނގަޅަށް ތައްޔާރު ނުވުމުގެ ސަބަބުން ގިނަ މައްސަލަތަކާއި ކުރިމަތިލާންޖެހެއެވެ. އިސްރަށްވެހިންގެ ބަހުންނަމަ، ދުނިޔޭގެ އާޖުފާޖާއި، ދިރިއުޅުމުގެ ވައްޓަފާޅި ދަސްނުވެ ޒަވާޖީ ހަޔާތެއް ފެށުމުން ކުރު މުއްދަތެއްގައި އެ ކައިވެނި ރޫޅޭން ދިމާވެއެވެ.

އަންހެނެއްގެ ދަރިމައިވުމުގެ އުމުރު އާންމުގޮތެއްގައި ނިމެނީ ސާޅީސް އަހަރުން މަތީންނެވެ. މިހެންކަމުން އަންހެން ކުދިން އަމިއްލަ ފައިމައްޗަށް ތެދުވުމާއި މުޖުތަމަޢުގައި އެމީހުނަށް މަގާމެއް ހޯދުމަށް ހޭދަކުރާ ދުވަސްވަރަކީ ގެއްލިގެންދާ ދުވަސްތަކަށް ނުވެއެވެ. ގިނަ ގައުމުތަކުގައި ދަރިން ލިބުމުން ދަރިން ތަރުބިއްޔަތުކުރުމުގެ ޒިންމާ އަނބިމީހާގެ ބޮލުގައި އެޅި މަސައްކަތު ޙަޔާތަށް ބުރޫ އަރައެވެ. އަންހެނުން މުޖުތަމަޢަށް ނުކުމެ، ދިރިއުޅުމުގެ ކަންކަމަށް ލޯހުޅުވުމަށްފަހު، އާއިލާއެއް ފެއްޓުމުން ދަރިންތަރުބިއްޔަތު ކުރުމަށް ފަސޭހަވެއެވެ. އަދި ގޭތެރޭގެ ކަންކަން ރާވާ، އާއިލާ ރަނގަޅުގޮތުގައި ބިނާކުރުމަށް މުހިންމު ފިލާވަޅުތަކެއް ދަސްވެއެވެ.

އެހެންނަމަވެސް ދިވެހިރާއްޖޭގައި އަދިވެސް ކައިވެނި ކުރާ އުމުރު ލަސްކޮށްފިނަމަ އެ މީހަކަށް އެހެންމީހުންގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެއެވެ. އާއިލާއާއި ރައްޓެހިންގެ ފަރާތުންވެސް ކައިވެނި އަވަސްކުރުމަށް ތަފާތު ގޮތްގޮތަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރެއެވެ.

ދިވެހިރާއްޖޭގެ ގާނޫނުގައި ވާގޮތުން 18 އަހަރު ފުރުމުން ކައިވެނި ކުރވޭނެއެވެ. އެހެންނަމަވެސް 18 އަހަރު ފުރޭ އިރު އަދި ކުއްޖާ އަށް ކިރިޔާ ފުރިހަމަ ކުރެވޭނީ މަތީ ސާނަވީ ތަޢުލީމެވެ. މި ޒަމާނަށް ބަލާއިރު މަތީ ސާނަވީ ނިންމައިގެން ވަޒީފާގެ މައިދާނަކުން މާބޮޑު ކާމިޔާބީއެއް ނުލިބެއެވެ. އެހެންކަމުން މި އުމުރުގައި ކައިވެނިކޮށްފިނަމަ، ދެފަރާތުގެ އާއިލާއަށް ބަރޯސާވާން ޖެހިދާނެއެވެ. މިހެން ވުމުން އާއިލީ މައްސަލަތައް ޖެހި ކައިވެނީގައި ކުރިއަށް ދިއުމަށް ހުރަސް އެޅެއެވެ.

ގިނަމީހުން ގަބޫލުކުރާގޮތުގައި ޒަވާޖީ ޙަޔާތެއް ފެށުން އެންމެ ރަނަގަޅީ އަމިއްލަ ފައިމައްޗަށް ތެދުވެވުމުންނެވެ. އަދި ހަޔާތުގެ ބައިވެރިޔާވެސް ކޮންމެވެސް ވަރަކަށް ދަސްވުމުންނެވެ. އެހެންނަމަވެސް އަންހެނުން ދަރިމައިވުމުގެ އާންމު އުމުރު ނިމުމާގާތަށްދާންދެން ޒަވާޖީ ޙަޔާތެއް ނުފަށައި ތިބުން ރަނގަޅެއްނޫނެވެ.