ދެލެގުގެ އެގްރިގޭޓުން 2-1 އިން އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވުމުން ޗެމްޕިއަންސް ލީގް ކުއާޓާފައިނަލުން ޖާގަ ނުލިބި އިނގިރޭސިވިލާތުގެ މަޝްހޫރު މެންޗެސްޓަރ ޔުނައިޓެޑް މުބާރާތުން ރޭ ކަޓައިފިއެވެ.
ފުރަތަމަ ލެގް އެތުލެޓިކޯ މެޑްރިޑުގެ ދަނޑުގައި 1-1 އިން އެއްވަރު ވެފައި ވަނިކޮށް، އަމިއްލަ ދަނޑުގައި ރޭ އެތުލެޓިކޯ މެޑްރިޑް އަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވީ 1-0 އިންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފް ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އެތުލެޓިކޯއަށް ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ވާތު ބެކް ރިނާން ލޮޑީއެވެ.
މިމެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މެންޗެސްޓަރ ޔުނައިޓެޑުން ކުޅުނު ނަމަވެސް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އަނެއްކޮޅުން ދެލެގުގައިވެސް މެންޗެސްޓަރ ޔުނައިޓެޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް އެތުލެޓިކޯގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.
މިމެޗުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވުމާއެކު ތައްޓެއް ކާމިޔާބު ނުކުރެވި 5 އަހަރު އެޓީމަށް މިވަނީ ނިންމާލަން ޖެހިފައެވެ. އަނެއްކޮޅުން މިއީ 12 އަހަރަށްފަހު ތައްޓެއްގައު އަތްނުލައި ރޮނާލްޑޯ ސީޒަން ނިންމާލަން ޖެހޭނެ ފުރަތަމަ ފަހަރެވެ.
ޗެމްޕިއަންސް ލީގުގައި ރޭ އަޔަކްސްގެ ދަނޑުގައި 1-0 އިން މޮޅުވެ 3-2 ގެ އެގްރިގޭޓުން ކުރި ހޯދައި ޕޯޗުގަލްގެ ބެންފީކާވެސް ވަނީ ކުއާޓާފައިނަލުން ޖާގަ ހޯދާފައެވެ.