ސްޓެލްކޯގެ މުވައްޒަފުންގެ ކަންބޮޑުވުންތަކެއް އޮތް އެ ކުންފުނީގެ ހެލްތު އިންޝުއަރެންސް ސްކީމް ބަދަލުކޮށް އެކަންބޮޑުވުންތަކަށް ނިންމުން ގެނެސްފި ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ވިދާޅުވެފައިވަނީ ކުރިން އަމަލުކުރަމުން އައި އިންހައުސް ހެލްތު އިންޝުއަރެންސް ސްކީމުގެ ބަދަލުގައި އެކުންފުނީގެ މުވައްޒަފުންނަށް މިހާރު ހަމަޖައްސާފައިވާނީ އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް ބޭނުންކުރެވޭނޭ ސްކީމެއް ކަމަށެވެ.
އެކުންފުނީން މުވައްޒަފުންނަށްޓަކައި މި ގެނެސްދެއްވި ހެޔޮ ބަދަލަށް މުވައްޒަފުން އަހުލުވެރިކުރުމުގެ މަސައްކަތް މާދަމާއިން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނީން ވިދާޅުވިއެވެ.
މި ސްކީމާ ގުޅޭގޮތުން ސްޓެލްކޯއިން ކުރައްވާފައިވާ ޓުވީޓެއް ރިޓުވީޓު ކުރައްވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަރީފް އާދަމް ވަނީ މުވައްޒަފުންނަށް އުފާވެރި އިތުރު ޚަބަރެއް ދެއްވައިފައެވެ. ޝަރީފް ވިދާޅުވެފައިވަނީ މުވައްޒަފުން ބޭނުންވާ ކަމަށްވާނަމަ މައިންބަފައިން ވެސް އެސްކީމުގައި ބައިވެރި ކުރެވޭނެ އުސޫލެއް ހަމަޖެހިފައިވާ ކަމަށެވެ. "މިފަހަރުގެ ސްކީމްގައި އެލައިޑުގައި ހަމަޖެހިފައިވާ އުސޫލަކުން ސްޓާފް ބޭނުންވާނަމަ މަންމައާއި ބައްޕަ ވެސް ސްކީމުގައި ބައިވެރި ކުރެވޭނެއެވެ.
ޝަރީފަކީ މިފަދަ ކުންފުނިތައް ހިންގެވުމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އަދި މުވައްޒަފުންގެ އިހުސާސްތައް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. ސްޓެލްކޯއާ ހަވާލުވެ ވަޑައިގެން މިވީ ކުރު މުއްދަތުގައި ޝަރީފް ގެންދަވަނީ ހެޔޮބަދަލުތައް ގެންނަވަމުންނެވެ.