ޔޫތު ލީޑާސް ނެޓް ނެޓްވޯކަކީ ހޯމް މިނިސްޓްރީގެ ތެރޭގައި ހިނގަމުން އަންނަ ނެޓްވޯކް އެކެވެ. ކޮލެޖު ޔުނިވަރސިޓީގެ ދަރިވަރުންގެ މައްޗަށް އެކުލެވޭ މި ނެޓްވޯކްގެ ދައުރަކީ 3 އަހަރެވެ.
މި ނެޓްވޯކް އާދައުރަކަށް އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިންސްޓަރ ޢިމްރާން އަބުދުﷲ ގޮވާލެއްވީ ގައުމަށްޓަކައި، ރައްޔިތުންނަށްޓަކައި، ދުނިޔެއަށްޓަކައި، އަދި އާޚިރަތަށްޓަކައިވެސް އެވަގުތަކު ކުރަންޖެހުނުކަމެއް ކުރާ ބަޔަކަށް ވުމަށެވެ.
މިނިސްޓަ ޢިމްރާން ޢަބުދުﷲގެ އިތުރަށް މި ރަސްމިއްޔާތުގައި ބައިވެރިވި ވެރިންވެސް ދަރިވަރުންނަށް މި ލިބުނުފުރުޞަތުގެ ބޭނުން ހިފުމަށް ގޮވާލެއްވިއެވެ. އެގޮތުން މިނިސްޓްރީއޮފް ހޯމް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރ ލުއައްޔު ސައީދު ވިދާޅުވީ މިނިސްޓްރީއެއްގެ ފުރިހަމަ ސަޕޯޓް ލިބިގެން ދަރިވަރުން ތަމްރީނުވުމުގެ ފުރުޞަތު ލިބުމަކީ ފާހަގަ ކުރަންޖެހޭ ކަމެއް ކަމުގައެވެ. އަދި މި ފުރުޞަތުގެ ބޭނުންހިފައިގެން ނުކުމެ ކޮންމެ ދާއިރާއަކުންވިޔަސް ރަނގަޅު ޚިދުމަތެއް ކޮށްދިނުމަށް ދަރިވަރުންނަށް ގޮވާލެއްވިއެވެ. ހަމައެހެންމެ މިއީ ޔޫތު ލީޑާސް ނެޓްވޯކްގެ މެންބަރުންނަށް ލިބޭ ވަރަށް ރަނގަޅު ޕްލެޓް ފޯމެއްކަމށާއީ، އޭގެ ބޭނުން ރަނގަޅުގޮތުގައި ހިފަންވާނެކަމަށްވެސް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.
ޔޫތު ލީޑާސް ނެޓްވޯކް އާ ދައުރަކަށް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޚާއްޞަ ސެޝަންތަކެއްވެސް ކުރިއަށް ގެންދިޔައެވެ. މިސެޝަންތަކުގައި މިނިސްޓަރ ޢިމްރާން ޢަބުދުﷲ އާއި ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު އަދި މިނިށްޓްރީއޮފް އާޓސް ކަލަޗަރ އެންޑް ހެރިޓޭޖްގެ ރިސާޝް އެނެލިސިސްޓް އަހުމަދު އާލާ ވެސް ގަޑިތައް ނަންގަވައިދެއްވިއެވެ.