ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއަކީ "ހަނގުރާމައިގެ މުޖުރިމެއް" ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވުމުން ރަޝިޔާ ވަރަށް ހިތުގައި ޖެހިއްޖެއެވެ.
ރަޝިޔާގެ ރައީސްގެ ރަސްމީ އޮފީސް ކްރެމްލިންއިން ބުނެފައިވަނީ، ޕޫޓިންއާ ގުޅޭގޮތުން ބައިޑެން ވިދާޅުވި އެ ބަސްފުޅަކީ ރަޝިޔާއިން ދުވަހަކުވެސް މައާފްކުރާނެ ބަސްފުޅެއް ނޫން ކަމަށެވެ.
އަމުދުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނގުރާމަކޮށް ކުށެއްނެތް އެތައް އާންމުން މަރާފައިވާ ގައުމެއްގެ ވެރިޔަކު ޕޫޓިންއަކީ "ހަނގުރާމައިގެ މުޖުރިމެއް" ކަމަށް ވިދާޅުވުމަކީ ވަރަށް ދެކޮޅުނުޖެހޭ ވާހަކަފުޅެއް ކަމަށްވެސް ކްރެމްލިންއިން ބުނެފައި ވެއެވެ.
ޕޫޓިންއަކީ ހަނގުރާމައިގެ މުޖުރިމެއް ކަމަށް ދެކިވަޑައި ގަންނަވާ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވީ، މިދިޔަ ބުދަދުވަހު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނޫސްވެރިޔާ ފުރަތަމަ އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ބައިޑެން ވިދާޅުވީ، ޕޫޓިންއަކީ ހަނގުރާމައިގެ މުޖުރިމެއް ކަމަށް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށެވެ. ނަމަވެސް، ނޫސްވެރިޔާއާއެކު ކުރެވުނު ބަހުސްގެ ތެރެއިން ބައިޑެންވަނީ، ޕޫޓިންއަކީ "ހަނގުރާމައިގެ މުޖުރިމެއް" ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ބައިޑެންގެ މި ވާހަކަތަކާ ގުޅިގެން ރަޝިޔާ ސަރުކާރުގެ ޔަރުޖަމާނު ޕެސްކޯވް ވިދާޅުވީ، ޕޫޓިންއަކީ ވަރަށް ހިކުމަތްތެރި ބައިނަލްއަގްވާމީ ޝަޚްސިއްޔަތެއް ކަމަށެވެ.
އެހެންކަމުން، ރަޝިޔަން ފެޑެރޭޝަންގެ ވެރިޔާއާ ބެހޭގޮތުން ބައިޑެން ދެއްކެވި ވާހަކަތަކަކީ ބަލައިގަނެވޭނެ އަދި މައާފް ކުރެވޭނެ ވާހަކަތަކެއް ނޫން ކަމަށްވެސް ޕެސްކޯވް ވިދާޅުވިއެވެ.
ދުނިޔޭގެ އެތައް ގައުމެއްގައި ކުށެއްނެތް އެތައް އާންމުންގެ ބޮލަށް އެތައް އަހަރެން ވަންދެން ބޮންއަޅާފައިވާ ގައުމެއްގެ ރައީސަށް ރަޝިޔާގެ ރައީސާ ގުޅޭގޮތުން އެފަދަ ވާހަކަފުލެއް ދެއްކެވުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށް ރަޝިޔާ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވިއެވެ.
ޕެސްކޯވްގެ ވާހަކައިގައި އެމެރިކާއިން 1945 ވަނަ އަހަރު ޖަޕާނުގެ ހިރޮޝީމާއަށާއި ނަގަސާކީއަށްެ ނިއުކްލިއަރ ބޮން އަޅައި އެދެ ސިޓީ ސުންނާފަތިކޮށްލިކަން ފާހަގަ ކުރެއްވިއެވެ. އެދެ ސިޓީއަށް ބޮން އެޅުމުގެ ސަބަބުން ދެލައްކަ މީހުން ވަގުތުން މަރުވި ކަމަށާއި، އޭގެފަހުންވެސް ރޭޑިއޭޝަންގެ އަސަރުކޮށް އެތައް ބަޔަކު މަރުވިކަންވެސް ފާހަގަ ކުރެއްވިއެވެ.
އެކަމަކު ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަނެ ދެމުންގެންދާ ހަމަލާތަކުގައި ޔޫކްރެއިންގެ އާންމުންގެ އެތައްހާސް މީހުން މިހާތަނަށްވެސް މަރުވެއްޖެއެވެ. 3 މިލިއަނަށްވުރެ ގިނަމީހުން ގައުމުން ބޭރުވެއްޖެއެވެ.
ޔޫކްރެއިން ސިފައިންނާއި ރަޝިޔާ ސިފައިން މިހާރުވެސް ވަރުގަދައަށް ހަނގުރާމަ ކުރަމުންދާއިރު، ރަޝިޔާއާއި އެމެރިކާގެ ކޯޅުންތައްވެސް ފުޅާވެ ކުރިމަތިލުމަކަށް ހިނގައިދާނެ ކަމަށްވެސް ބެލެވެން ފަށާފައި ވެއެވެ.
އެމެރިކާއާއި ރަޝިޔާއަކީ ދުނިޔޭގައި އެންމެ ގިނައިން ނިއުކްލިއަރ ހަތިޔާރު ހުރި ދެގައުމުވެސް މެއެވެ.