ޔުރޮޕާ ލީގު ކުއާޓާފައިނަލުން މަޝްހޫރު ބާސެލޯނާ އާއި ވެސްޓްހޭމް ޔުނައިޓެޑާއި އޮލިޕްޕިކް ލިއޯން އާއި ރޭންޖާސް ރޭ ޖާގަ ހޯދައިފިއެވެ.
ޗެމްޕިއަންސް ލީގް ގްރޫޕް ސްޓޭޖް ފަހަނަ އަޅައި މިސީޒަނުގައި ނުދެވުމުން ޔުރޮޕާ ލީގުގައި ވާދަ ކުރަން ޖެހުނު ބާސެލޯނާއިން ކުއާޓާފައިނަލުން ޖާގަ ހޯދީ ތުރުކީގެ ގަލަތަސަރާއީ ދަނޑުގައި އެޓީމުގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ. މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީވެސް ގަލަތަސަރާއީއިނެވެ. ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި މިލަނޑު ކާމިޔާބު ކޮށްދިނީ މާކޯސް ޓެއިޒީރާއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސެލޯނާއިން އެއްވަރު ކުރީ މިދިޔަ ސީޒަނުގައި ޔޫރަޕުގެ ގޯލްޑަން ބޯއީގެ އެވޯޑް ހޯދި މިޑްފީލްޑަރު ޕެޑްރީ ރޮޑްރިގޭޒް ކާމިޔާބު ކޮށްދިން ހިތްގައިމު ލަނޑުންނެވެ. މެޗް ކޮންޓްރޯލް ކޮށްގެން ކުޅުނު ބާސެލޯނާއިން ލީޑް ނެގީ ދެވަނަ ހާފް ފަށައިގެން ހަތަރު ވަނަ މިނެޓުގައި ގެބޯންގެ ފޯވާޑް ޕިއެރޭ އަބަމަޔަންގ ކާމިޔާބު ކުރި ލަނޑުންނެވެ. މިއީ ބާސެލޯނާއަށް އޭނާ ކުޅެދިން 7 މެޗުގައި ޖެހި 7 ވަނަ ލަނޑެވެ.
ވެސްޓްހޭމުން ކުއާޓާފައިނަލުން ޖާގަ ހޯދީ މިމުބާރާތުގެ އެންމެ ކާމިޔާބު ކްލަބު ސްޕެއިނުގެ ސެވިއްޔާ 2-0 އިން
ބަލިކޮށް، ދެލެގުގެ އެގްރިގޭޓުން 2-1 އިން ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތުހަމަވިއިރު ދެޓީމު އޮތީ 1-1 1 ގެ އެގްރިގޭޓަކުން އެއްވަރު ވެފައެވެ. ވެސްޓްހޭމުން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ، ނަތީޖާ ނެރުމަށް އިތުރަށް ކުޅުނު 15 މިނެޓުގެ ދެހާފުގެ ތެރެއިން ދެވަނަ ހާފް ނިމެން 8 މިނެޓަށްވެފައި ވަނިކޮށް ޔޫކްރައިނުގެ ފޯވާޑް އަންދްރޭ ޔާމޮލެންކޯ ކާމިޔާބު ކުރި ލަނޑުންނެވެ.
ރޭންޖާސް ކުއާޓާފައިނަލުން ޖާގަ ހޯދީ ރަށުން ބޭރުގައި ރޭ ސާބިޔާގެ ކްރްވެނާ ވެޒްޑާ އަތުން 2-1 އިން ބަލިވިނަމަވެސް 4-2 ގެ އެގްރިގޭޓަކުން ކުރި ހޯދައިގެންނެވެ.
ބާސާ އާއި ވެސްޓްހޭމް އަދި ރޭންޖާސްގެ އިތުރުން ކުއާޓާފައިނަލުން ދެން ޖާގަ ހޯދި ޓީމުތަކީ ޕޯޓޯ ކަޓުވާލުމަށްފަހު ފްރާންސްގެ ލިއޯން، މޮނާކޯ ބަލިކޮށް ޕޯޗުގަލްގެ ބްރާގާ، ރެއާލް ބެޓިސް ކަޓުވާލުމަށްފަހު ޖަރުމަނުގެ ފްރޭންކް ފާޓް އަދި ލެވަކޫސަން ކަޓުވާލުމަށްފަހު އިޓަލީގެ އެޓްލާންޓާއެވެ.