ޔުއެފާ ޗެމްޕިއަންސް ލީގް ކުއާޓާފައިނަލުގައި އެންމެފަހުގެ ޗެމްޕިއަން ޗެލްސީ އާއި މުބާރާތުގެ ރަސްގެފާނު ރެއާލް މެޑްރިޑް އަދި މެންޗެސްޓަރ ސިޓީ އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލު ކުރަން ޖެހިއްޖެއެވެ.
ޗެމްޕިއަންްސް ލީގް ސެމީފައިނަލުން މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑް ކެޓީ ޗެލްސީ އަތްދަށު ވެގެންނެވެ. މިދެޓީމުގެ މިހާރުގެ ހާލަތަށް ބަލާއިރު ފެވަރީޓުންނަކީ ރެއާލް މެޑްރިޑެވެ. ޔޫކްރައިން - ރަޝިޔާ ހަނގުރާމައިގެ ސަބަބުން، ޗެލްސީގެ ވެރިޔާ، ރަޝިޔާގެ ބިލިޔަނަރ ރޯމަން އަބްރަމޮވިޗުގެ މުދަލާ ދެކޮޅަށް އިނގިރޭސިވިލާތުން އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން ކްލަބް ވިއްކާލުމަށް އަބްރަމޮވިޗް މިވަގުތު ދަނީ މަސައްކަތް ކުރަމުންނެވެ. އަނެއް ކޮޅުން ގިނަ ތަރިންތަކެއް ތިބި ޕީއެސްޖީ ޗެމްޕިއަންސް ލީގް ދެވަނަ ބުރުން ކަޓުވާލުގައި ރެއާލް މެޑްރިޑް އޮތީ ވަރަށް ފުރިހަމަ ފޯމެއްގައެވެ.
މިދިޔަ ސީޒަނުގައި ޗެލްސީ އަތުން ފައިނަލުގައި ބަލިވި މެންޗެސްޓަރ ސިޓީ ކުއާޓާގައި ނިކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. އެތުލެޓިކޯ މެޑްރިޑް ކުއާޓާއިން ޖާގަ ހޯދީ މެންޗެސްޓަރ ސިޓީގެ އަވައްޓެރިޔާ މެންޗެސްޓަރ ޔުނައިޓެޑް ކަޓުވާލުމަށްފަަހުއެވެ.
ކުއާޓާފައިނަލުގައި ރެއާލް އާއި ޗެލްސީ ވާދަކޮށް މޮޅުވާ ޓީމެއް ސެމީފައިނަލުގައި ބައްދަލު ކުރަން ޖެހޭނީ ސިޓީ އާއި އެތުލެޓިކޯ މެޗުން މޮޅުވާ ޓީމަކާއެވެ. ސެމީފައިނަލުގައި ބަޔާން މިޔުނިކާއި ލިވަޕޫލް ބައްދަލު ކުރަން ޖެހުމުގެ ފުރުސަތުވެސް ކުޑައެއް ނޫނެވެ. ކުއާޓާގައި ލިވަޕޫލް ބައްދަލު ކުރަން ޖެހެނީ ޕޯޗުގަލްގެ ބެންފީކާއެވެ. ބަޔާން ނިކުންނާނީ ސްޕެއިނުގެ ވިޔަރެއާލްއާ ދެކޮޅަށެވެ.
ޗެމްޕިއަންސް ލީގް ކުއާޓާފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ތާރިހްތައް:
1. މެންޗެސްޓަރ ސިޓީ - އެތުލެޓިކޯ މެޑްރިޑް ( ފުރަތަމަ ލެގް 5 އޭޕްރީލް / ދެވަނަ ލެގް 13 އޭޕްރީލް)
2. ބެންފީކާ - ލިވަޕޫލް ( ފުރަތަމަ ލެގް 5 އޭޕްރީލް / ދެވަނަ ލެގް 13 އޭޕްރީލް)
3. ޗެލްސީ - ރެއާލް މެޑްރިޑް (ފުރަތަމަ ލެގް 6 އޭޕްްރީލް / ދެވަނަ ލެގް 12 އޭޕްރީލް)
4. ވިޔަރެއާލް - ބަޔާން މިޔުނިކް (ފުރަތަމަ ލެގް 6 އޭޕްްރީލް / ދެވަނަ ލެގް 12 އޭޕްރީލް)